ތިލައުތުރު ފުޓްސަލް މުބާރާތް 2023 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިމުމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނަސްރުގެ ދުވަހާއި ގުޅުވައިގެން ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހުއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރ މަހުގެ 8 ވާ އާދިއްތަ ދުވަހުގެ 12:00 އެވެ.

ކުރީ އަހަރެކޭ އެއްގޮތަށް މިއަހަތުގެ މުބާރާތުގައިވެސް ބައިވެރިވެވެނީ ކޮންމެ ރަށަކުންވެސް އެއް ޓީމަށެވެ. ނަމަވެސް މިދިޔަ މުބާރާތާއި ހިލާފަށް މިއަހަރުގެ މުބާރާތުގެ އެންމެ ބޮޑު ތަފާތަކީ، މިއަހަރުގެ މުބާރާތުގެ ހިންގާ ޤަވާއިދަށް ގެނެސްފައިވާ ބަދަލެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމްތަކުގެ ހުރިހާ ކުޅުންތެރިންނަކީވެސް އެރަށެއްގެ ސަރުކާރު ކުންފުންޏަކަށް ނުވަތަ މުއައްސަސާއަކަށް ނިސްބަތްވާ ފަރުދަކަށް ވާންޖެހުނެވެ، ނަމަވެސް މިއަހަރުގެ މުބާރާތުގެ ހިންގާ ޤަވާއިދަށް ބަދަލުގެނެސް އެރަށަކަށް ނިސްބަތްވާ ކޮންމެ ރަތްޔިތަކަށްވެސް އެރަށެއްގެ ޓީމަށް ކުޅެވޭގޮތްވަނީ ހަދާފައެވެ. މުބާރާތުގެ ބޭނުމަށް އެރަށެއްގެ ރަށްވެއްސެއްކަމަށް ބަލަނީ 1 ޖެނުއަރީ 2023 ގެ ކުރިން އެރަށެއްގައި ރަށްވެހިވެފައިވާ ފަރާތްތަކަށެވެ.

މިއަދިޔަ އަހަރު ހއ އަތޮޅު ކައުންސިލުން ބޭއްވި، ތިލައުތުރު ފުޓްސަލް މުބާރާތް 2022 ކުރިޔަށް ގެންދިޔައީ އުތީމް ކައުންސިލާއި ގުޅިގެން އުތީމުގައެވެ. މިއަހަރުގެ މުބާރާތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވަނީ ހއ އަތޮޅު ކައުންސިލާއި މާރަންދޫ ކައުންސިލާއި ގުޅިގެން މާރަންދޫގައެވެ.

މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 2 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.