ކެންސަރު ބައްޔަށް ހިލޭ ސްކްރީންކުރުމުގެ ފުރުސަތު ހުޅުވާލައިފި

.

ސްޕެޝަލިސްޓް ޑަކްޓަރުންގެ ޓީމެއްގެ އެހީގައި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިހަވަންދޫގައި ކެންސަރ ސްކްރީނިންގެ ޕްރޮގްރާމެއް ކުރިޔަށްގެންދިއުމަށް އިއުލާންކޮށްފިއެވެ. މި ޕޮރޮގްރާމް ކުރިޔަށްދާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 13:00 އަށް އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒުގައެވެ.

އެ ޕްރޮގްރާމްގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ބޮޑު ގޮހޮރާއި ފުރަގަސްފަރާތުގެ ކެންސަރަށް ސްކްރީން ކުރުން ކުރިޔަށްދާނެއެވެ. ސްކުރީން ކުރުމަށް ބޭނުންވާ ފަރާތްތަކަށް އާމިނާދިޔޯ ސިއްޙީމަރުކަޒުންވަނީ އެފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިއަދުގެ ހެނދުނު 9 އިން 11 އަށް އަދި ހަވީރު 3 އިން 5 އަށް އެމަރުކަޒުގެ ނަންބަރު 6500501 އަށް ގުޅައި ސްކްރީން ކުރުމަށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވެސްއިން ކުރިޔަށްގެންދާ މިސްކްރީނިނިގް ޕްރޮގްރާމުގައި، އޮންކޯ ސާޖަން ޑރ. ޝިފާން، ސީނިއަރ ޑެންޓަލް ސަރޖަން ޑރ. ސިޔާން، ގައިނޮކޮލޮޖިސްޓް ޑރ. ޖުމޭގެ އިތުރުން ޑރ. ވެރޯނިކާ އަލްކަންޓާރާ އަދި ޑރ. ވޮންގް ޗިއޮންގް ލިންގެ ބައިވެރިވެ ލައްވާނެއެވެ. މިޕްރޮގްރާމްގައި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރެވޭނީ 18 އަހަރުން މަތީގެ އަންހެނުންނެވެ. ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ސްކުރީން ކުރެވޭނީ 20 އަހަރުން މަތީގެ އަންހެނުންނެވެ. އަދި ރަހިމު ނަގާފައިވާ އަންހެނުންނާއި ޕީރިއަޑް ދުވަސްވަރު ރަހިމުގެ ދޮރަށްޖެހޭ ކެންސަރަށް ސްކުރީން ނުކުރެވޭނެއެވެ. ޕްރޮސްޓޭޓް ކެންސަރަށް ސްކްރީނިންގް ކުރުމުގެ ފުރުސަތު 40 އަހަރުން މަތީގެ ފިރިހެނުންނަށް ހުޅުވާލާފައިވާއިރު ބޮޑުގޮހޮރާއި ފުރަގަސްފަރާތަށްޖެހޭ ކެންސަރަށް ސްކުރީން ކުރުމުގެ ފުރުސަތު 40 އަހަރުން މަތީގެ އަންހެން އަދި ފިރިހެނުންނަށްވަނީ ހުޅުވާލައިފައެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އަކީ، ރާއްޖޭގައި ކެންސަރާ ބެހޭގޮތުން ދިރާސާކުރުމާއި، ތަފާސްހިސާބު އެއްކުރުމާއި، ކެންސަރުޖެހުމަށް މެދުވެރިވާ ސަބަބުތަކާއި، އެބަލިން ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތު އާމުންނަށްދީ ހޭލުންތެރިކުރުވާ ކެންސަރު ބަލީގެ މީހުންނަށް އެހީތެރިވުމާއި، ކެންސަރު ބައްޔަށް ފަރުވާދޭ ޑޮކްޓަރުންނާއި އެހެނިހެން ބޭފުޅުނަށް މައުލޫމާތު ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް 02 އޮކްޓޯބަރ 2012 ގައި އުފައްދާފައިވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ.