ރޭގެ އެކްސިޑެންޓާއިގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ – ފުލުހުން

.

ރޭ އިރާކޮޅު ޑިންގީއަކާ ދޯންޏެއްޖެހި ހިނގި ކަނޑުމަތީގެ އެކްސިޑެންޓާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިހެން ވިދާޅުވީ، ރޭގެ އެކްސިޑެންޓާއި ގުޅިގެން އެއްވެސް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުގައި އެބަތިބިތޯ، މިނޫހުން ކުރި ސުވާލަކަށް  ޖަވާބުދެއްވަމުންނެވެ.

ރޭގެ އެކްސިޑެންޓްގައިވަނީ ހއ އިހަވަންދޫ، ނަޔާޑޭޒީ އަބްދުއްރަޝީދު މުހައްމަދު (68އ) ނިޔާވެފައެވެ. އަބްދުއްރަޝީދު ނިޔާވީ، ހިބަރު މަސްވެރިކަން ނިންމައި ރަށަށް  އައުމަށް ދަތުރުކުރަމުން ދަނިކޮށް ބާރު ސްޕީޑުގައި އައި ޑިންގީއެއް އޭނާ ދަތުރުކުރަމުންދިޔަ ދޯނީގައި ޖެހި އަބްދުއްރަޝީދު ކަނޑަށް ވެއްޓިއެވެ. އެކްސިޑެންޓްގައި އަބްދުއްރަޝީދުގެ ބޯ ވަރަށް ބޮޑަށް ޒަހަމްވެފައިވާއިރު، މަތީ ތުންފަތްވެސްވެސް ވަނީ 3 އިންޗިއެއްހާތަން ވީދިފައެވެ. އަބުދުއް ރަޝީދާއިއެކު ދޯނީގައި ހުރީ އޭނާގެ ދަރިއެއް ކަމަށްވާ އަލީ ޝަރީފެވެ. އަލީ ޝަރީފަށް އެކްސިޑެންޓްގައި އަނިޔާވެފައެއް ނުވެއެވެ. އެކްސިޑެންޓްވީއިރު އަބުދުއްރަޝީދު ހުރީ ދޯނި ދުއްވާށެވެ. އެކްސިޑެންޓާއިއެކު އަބްދުއްރަޝީދު މޫދަށް ވެއްޓުނު ނަމަވެސް ދޯނި ދިޔައީ ކުރިޔަށް ދުވަމުންނެވެ. އެކްސިޑެންޓްގައި ދޯނީގެ ހުންގާނު ހަލާކުވެފައިވުމުން ދޯނީގެ ގިއަރު ކަނޑައިލެވެން ނެތުމާއި، ދޯނީގެ ސްޕީޑާއި ކުޅެވެން ނެތުމުން ދޯނި ކޮންޓްރޯލް ކުރަން ވަރަށް އުނދަގޫވި ކަމަށް އަލީ ޝަރީފްބުންޏެވެ.

ޝަރީފްބުނީ ލޯންޗު ދޯނީގައި ޖެހުމަށްފަހު، އޮތީ 20 ނުވަތަ 25 އަކަށް ފޫޓު ދުރުގައި ކަމަށެވެ. އެހެން ކަމުން އެހީއަށް އެދި ގޮވާ އަޑު އެ މީހުނަށް އިވޭނެ ކަމަށްވެސް އޭނާ ބުންޏެވެ. ބައްޕަ ގެ އިތުރުން އޭނާ ވެސް އެހީއަށް އެދި ގޮވި ކަމަށް އޭނާބުންޏެވެ. ނަމަވެސް އެމީހުންގެ ފަރާތުން އެހީތެރިކަން ލިބިފައިނުވާކަމަށް އޭނާ ބުންޏެވެ.

އެކްސިޑެންޓްވި ޑިންގީން ދަތުރުކުރިމީހަކު ބުނީ އެމީހުން ދަތުރު ކުރަމުންދިޔައީ ހދ ނެއްލާދޫއިން ފުރައިގެން ހއ ވަނގާރަށް ދިއުމަށްކަމަށެވެ. އެކްސިޑެންޓްވި ޑިންގީގައި 8 މީހަކު ތިއްބެވެ. އޭގެތެރެއިން 4 މީހަކަށް އަނިޔާވެގެން އިހަވަންދޫ އާމިނާ ދިޔޯ ސިއްޙީމަރުކަޒުން ފަރުވާ ދިނުމަށްފަހު، ރޭ ދަންވަރުވަނީ އިތުރުފަރުވާއަށް ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައެވެ. މައުލޫމާތުލިބޭ ގޮތުގައި އެމީހުނަށް، ފުރާނައަށް ގެއްލުން ލިބޭވަރުގެ އަނިޔާއެއް ވެފައެއް ނުވެއެވެ. ޑިންގީން ދަތުރުކުރި  މީހަކު ބުނީ އެކްސިޑެންޓަށްފަހު މީހަކު ހަޅޭލެވި އަޑު އިވުނުކަމަށާ ނަމަވެސް އެކްސިޑެންޓްގައި ޑިންގީއަށް ގެއްލުންވެ ފަޅައިގެންގޮސް އަޑިއަށްދާތީ އިހަވަންދޫ ފަޅަށް ވަނީކަމުގައެވެ. ޑިންގީގައި ތިބިމީހުންނަށް، އެކްސިޑެންޓްވީ އިހަވަންދޫ ދޯންޏަކާކަމެއް ނޭގެއެވެ. ޑިންގީގައި ތިބިމީހުންބުނީ އެކްސިޑެންޓްވި ދޯނީގައި އެއްވެސް އަލިކަމެއް ނެތްކަމުގައެވެ.

އިހަވަންދޫ މީހުންނަށް ކަމެއް ހިނގައިގެންއުޅޭކަން އެނގުނީ އެކްސިޑެންވި ޑިންގީގެ މީހުން އިހަވަންދޫއަށް އައިސް އެހަބަރު ދިނުމުންނެވެ. އެކްސިޑެންޓްވި ދޯނި ހޯދަން ނުކުތީ ޑިންގީގެ މީހަކު ގޮވައިގެންނެވެ. ހޯދަން ނުކުތް މީހުންނަށް އަބްދުއްރަޝީދު ފެނުނީ އެކްސިޑެންޓްވި ސަރަހަށްދަށްވުރެ ވަރަށްބޮޑަށް އުތުރުންނެވެ. އޭރު އަބްދުއްރަޝީދު އޮތީ ފެންމަތީގައި ބަންޑުންނެވެ. އަބްދުއްރަޝީދު މޫދުން ނެގުމުގައި ހަރަކާތްތެރިވި މީހުންވެސްބުނީ، އޭނާ މޫދުން ނެގިއިރުވެސް އެއްވެސް ހަރަކާތެއް ނެތްކަމުގައެވެ. މައުލޫމާތު ލިބޭގޮތުގައި އަބްދުއްރަޝީދު އާމިނާދިޔޯ ސިއްޙީ މަރުކަޒަށް ގެނައިރުވެސްވަނީ ނިޔާވެފައެވެ.

އެކްސިޑެންޓްގައި ގެއްލުން ލިބުނު ޑިންގީ މިހާރުއޮތީ އިހަވަންދޫ ބަނދަރުގެ އިރުމަތީ ފަރާތަށް އެހެލާފައެވެ. އަދި އެކްސިޑެންޓްގައި ގެއްލުން ލިބުނު ދޯނި އޮތީ އިހަވަންދޫ ބަނދަރުގައެވެ.