ތިލައުތުރު ފުޓްސަލް ޗެލެންޖްގެ ނަމުގައި ހއ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގައި، އިހަވަންދޫގެ ޓީމްގެ 2 ވަނަ މެޗުން ބަލިވުމުން، އެމުބާރާތުން އިހަވަންދޫ ޓީމް ކަޓައިފިއެވެ. މިއަދު ހަވީރު އިހަވަންދޫ ޓީމް ބަލިވީ ދިއްދޫއާ ވާދަކޮށް 4-1 ގެ ނަތީޖާއަކުންނެވެ. އިހަވަންދޫ ޓީމްވަނީ އެޓީމްގެ ފުރަތަމަ މެޗުންވެސް މުރައިދޫ އަތުން 2-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެމެޗްގައި މުރައިދޫ ޓީމް މޮޅުވީ، އިހަވަންދޫ ދެ ގޯލް ޖަހާފައިވަނިކޮށް ފަހަތުންއަރައި 3 ގޯލް ޖަހައިގެންނެވެ.
ތިން ގްރޫޕަކަށް ޓީމްތައް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި، އިހަވަންދޫ ޓީމް އޮތީ ގްރޫޕް 3 ގައެވެ. އެގްރޫޕްގައި ހިމެނެނީ އިހަވަންދޫގެ އިތުރުން، މުރައިދޫ އަދި ދިއްދޫއެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުން އެއްވަނައަށްދާ ޓީމްގެ އިތުރުން ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެވެ. ގްރޫޕް 3 ގެ ޓީމްތަކަށް އެއްމެޗް މަދުވުމުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ 2 ވަނަ ޓީމަށް ވުމުގެ ފުރުސަތު ކުޑަވާތީ ގްރޫޕް 3 ގެ 2 ވަނަ އަދި 3 ވަނައަށްދާ ޓީމްގެ މެދުގައި އިތުރު މެޗެއް ކުޅޭނެއެވެ. ނަމަވެސް ގްރޫޕް 3 ގެ އެއްވަނަ ޓީމް ހޮވުމަށް އެމެޗްގެ ނަތީޖާއަށް ނުބަލާނެއެވެ. ހއ މާރަންދޫގައި ކުރިޔަށްގެންދާ މިމުބާރާތުގެ ފައިންލް މެޗް އޮންނާނީ ނޮވެމްބަރ މަހުގެ 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ.
ގުރޫޕްތަކުން 2 ވަނައަށް ދާޓީމް ތަކުގެ ތެރެއިން ޖާގަ ހޯދުމަށް އިހަވަންދޫއަށް މިހާރު އޮތީ މުސްތަހިއްލު ފުރުސަތު ތަކެވެ.
މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 2 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފިއްލަދޫއެވެ.