މަސްވެރިންގެ ދުވަސް ސިޔާސީވެ ކޯޑިނޭޝަން ގެއްލިއްޖެ

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ފާހަގަކުރަމުންދާ 37 ވަނަ މަސްވެރިންގެ ދުވަހުގެ ތައްޔާރީތަކުގެ ތެރެއަށް ސިޔާސީ ވާދަވެރިކަން ވަދެ، ހަރަކާތްތަކުގެ ކޯޑިނޭޝަން ގެއްލިއްޖެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މަސްވެރިންގެ ދުވަހަކީ ޤައުމީކަމެއްކަމުގައިދެކި އެދުވަހުގެ ތައްޔާރީތައްވަމުންދިޔައީ ސިޔާސީ ފިކުރެއްނެތި ޤައުމީކަމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ދުވަހުގެ ތައްޔާރީތަކުގެ ތެރެއަށް ސިޔާސީ ކަންކަން ވަނުމާއިއެކު ކޯޑިނޭޝަން ގެއްލިފައިވާކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތައް އެކިފިކުރުތަކުގެ ރައްޔިތުން އެކުވެ ކުރަމުން ދަނިކޮށް މައްސަލަ އުފެދޭގޮތްވީ 14 ވަނަދުވަހު އެއްބަޔަކު ނުކުމެ ފިޔާތޮށިކުލައިގެ ފޮތިދަމަން ފެށިހިސާބުންނެވެ. ކައުންސިލްގެ ރައީސްވިދާޅުވީ ފޮތިދަމަން ފެށުމުގެކުރިން އެކަމުގެ ހުއްދަޔަށްއެދި ގުޅިކަމަށާއި، ސިޔާސީ ކުލަ ދުވަހުގެ ތައްޔާރީތަކަށް ވަދެއްޖެނަމަ މަސްލަހަތު ގެއްލޭނެކަމަށް އެބޭފުޅާ ވިދާޅުވިކަމަށެވެ. ރައީސް ވިދާޅުވީ ފިޔާތޮށިކުލާގެ ފޮތިދަމަން ފެށުމާއިއެކު އެބޭފުޅާއަށް ފުލުފުލުގައި ކޯލްއަންނަން ފެށިކަމަށާއި، މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ސިޔާސީ ކުލައިގައި ކަމަށްބުނެ އެދުވަހަށް ހޯދާފައިވާ ބައެއް ކޮޓަރިތައް ނުލިބޭނެކަމަށް ބައެއްމީހުން ގުޅާފައި އަންގަމުންދިޔަކަމަށެވެ. އަދި އެދުވަހުގެ ހަރަކާތްތަކަށް ތަންތައްޔާރުކުރުމުގައި ހަރަކާތްތެރިވި ބައެއްފަރާތްތަކުން ތަނދޫކޮށް ގޮސްފައިވާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުވިދާޅުވީ މަސްލަހަތުގެއްލުމުން، ކުރެވުނު މަޝްވަރާތަކަށްފަހު 14 ވަނަދުވަހު ދެމިފޮތި ނެގުމާއި އެކު އަނެއްކާވެސް ދުވަހުގެ ތައްޔާރީތަކާއިގެން އެންމެން މަސްއޫލުވެގެން އޮޅެނިކޮށް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ މުޙައްމަދު ޝައިނީ އިހަވަންދޫއަށް ވަޑައިގަތުމާއި ދިމާކޮށް، 15 ވަނަދުވަހުގެ ހެނދުނު އަނެއްކާވެސް ފިޔާތޮށި ފޮތިދަމަން ފެށިކަމަށާއި ރައްދުގައި އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ ރީނދޫ ފޮތިދެމިކަމަށެވެ. އެހާހިސާބުން ތައްޔާރިތަކުގެ ކޯޑިނޭޝަން އަނެއްކާވެސް ކައުންސިލަށް ގެއްލިފައިވާކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ. ރަޝީދުވިދާޅުވީ ޑރ މުޙައްމަދު ޝައިނީ އިހަވަންދޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ބޮޑުބެރު އައިޓަމް ހުށަހެޅުމަށް އައި ބޮޑުބެރުގްރޫޕްވެސް އައިޓަމް ހުށަނާޅާ ދިޔައީކަމުގައެވެ. “އެކުދިން ބުނީ ކައުސިލުން އެދިފައިއޮތީ ޤައުމީކަމެއްގެ ގޮތުގައި މިކަން ކޮށްދިނުމަށޭ، އެކަމަކު ފެންނަމަންޒަރުން މިއީ ސިޔާސީ ކުލަޖެހިންގެ ހިނގާސިޔާސީ ކަމަކަށްވާތީ ގްރޫޕްގައި ސްކޫލްކުދިންވެސް ތިބުމާއިއެކު ބައިވެރިވެވޭކަށްނެތޭ” މުހައްމަދުރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ދުވަހަށް ރަށުތެރެ ޒީނަތްތެރިކުރުމަށް ބަހަށްޓާފައިވާ ގިޑިގެތައްވެސް އެއީ ސިޔާސީ ވިސްނުމެއްގައި ހަދާފައިވާ ތަކެތިކަމަށްބުނެ ނަގަން އަންގާފައިވާކަމުގައެވެ. މުހައްމަދު ރަޝީދު ވިދާޅުވީ ކައުންސިލުން މަސްވެރިންގެ ދުވަހާއި ގުޅިގެން މިހާރު ކަރަމުންއަންނަ ހަމައެކަނި ކަމަކީ މެހެމާނުންނަށް ކައްކާފައި ކާންދިނުންކަމަށާއި އެކަން އިރާދަކުރެއްވިއްޔާ އެއްވެސް ދައްޗެއްނުވާނެގޮތަށް ކުރިޔަށްގެންދާނެކަމުގައެވެ.

މަސްވެރިންގެ ދުވަހާއިގުޅިގެން ސަރުކާރުންބާއްވާ ރަސްމީޖަލްސާ މިރޭ އިހަވަންދޫ އޯޕަންސްޓޭޖް ސަރަހައްދުގައި އޮންނާނެއެވެ.