މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ހަވާލުކޮށްގެން އިހަވަންދޫގައި ހިއްކާފައިވާ ބިމުން، 3 ހެކްޓަރު ގިރާލައިފިކަމަށް ކައުންސިލަރު އަހުމަދު ރިލްވާން ވިދާޅުވެއްޖެއެވެ. ރިލްވާން މިހެން ވިދާޅުވީ، ރޭ އިހަވަންދޫ ކައުންސިލް އިދާރާގައި، މިއަހަރުގެ 3 ވަނަ ކުއާޓާގައި ކައުންސިލުން ހިންގި ޙާއްސަ ހަރަކާތްތަކާއި، ކުރިޔަށް ރޭވިފައިހުރި ހަރަކާތްތައް އަދި ކައުންސިލްގެ މުހިއްމު ނިންމުންތައް ރައްޔިތުންނާއި ހިއްސާކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި ބާހަކަ ދައްކަވަމުންނެވެ.
“އިހަވަންދޫގަ 25 ހެކްޓަރުގެ ބިމެއްގެ ގޮތުގަ ހިއްކާފައޮތްބިން، ގިރާގެންނާ އެކި ގޮތްގޮތުން ހަމަ 3 ވަރަކަށް ހެކްޓަރު ގެއްލިގެން އެދިޔައީ، މިކަމުގެ ސަބަބުން މުޅި ރައްޔިތުންނަށް މިލިބެނީ އޭގެ ގެއްލުން” ރިލްވާން ވިދާޅުވިއެވެ. އެމްޓީސީސީއިން އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިމުނުކަން އިޢުލާންކުރީ މިއަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެމްޓީސީސީއިން ބުނީ އިހަވަންދޫގައި ހިންގާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާކަމަށާއި އެމަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ 54 އިންސައްތަ ނިންމާލެވިފައިވާ ކަމުގައެވެ. އަދި ބާކީ 45 އިންސައްތަ މަސައްކަތް ނިންމުމަށް ބޭނުންވާ ބޮޑުހިލަ އިހަވަންދޫއަށް ގެންދެވި އަންލޯޑްވެސް ކުރެވިފައިވާކަމަށްވެސް އެކުންފުނިން ބުންޏެވެ. ނަމަވެސް ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޮޑުހިލަ ޖެހުމުގެ މަސައްކަތް ހުއްޓިފަ އޮންނަތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ.
ރޭގެ ބައްދަލުވުމުގައި ކައުންސިލް މެމްބަރު ޒާހިރުވެސްވަނީ ބިންހިއްކުމުގެ މަޝްރޫޢުގެ ބައެއްކަންކަމަށް ފާޑު ވިދާޅުވެފައެވެ. އިހަވަންދޫއަށް ޒިޔާރަތްކުރި އީޕީއޭގެ އިންސްޕެކްޝަން ޓީމަކާ ހަވާލާދެއްވައި ޒާހިރު ވިދާޅުވީ، ހިއްކި ބިން އެއްކޮޅަށް ތިރިކަމަށާއި އަދި އެކިސަރަހަށްދުގައި އެކިވަރުގެ އަޑިގުޑަން އެބަހުރި ކަމުގައެވެ.
އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ. 123.9 މިލިއަން ރުފިޔާގެ އެމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 04 އޯގަސްޓް 2021 ގައެވެ.