ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި އިރަމާ ކައުންސިލް ކަޕްގެ ސެމީފައިނަލަށް ދަތުރުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއްޔަށް ގެންދާ “ކައުންސިލް ކަޕް 2023” ގެ ސެމީ ފައިނަލަށް ޖަންގަލް، އެންވީކޭ، ކުޅިމަގު އަދި ކްލަބް އިރަމާ ދަތުރުކޮށްފިއެވެ.

8 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކުޅިމަގު ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް 1 ގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. އެޓީމް ކުޅުނު 3 މެޗްގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު އަނެއް ދެމެޗުން އެއްވަރުވުމުން އެޓީމަށް ގްރޫޕް ސްޓޭޖްގައި ލިބުނީ 5 ޕޮއިންޓެވެ. އެގްރޫޕްގެ ދެވަނަ ޓީމެއްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރީ ކްލަބް އިރަމާއެވެ. އެޓީމްވެސް 5 ޕޮއިންޓް ހޯދާފައިވާއިރު ކުޅިމަގަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

ގްރޫޕް 2 ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ޖަންގަލް ޓީމެވެ. ޖަންގަލް ޓީމުން ގްރޫޕް ސްޓޭޖްގައި 7 ޕޮއިންޓް ހޯދާފައިވާއިރު، މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމް އެންވީކޭ އެގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީފައިނަލަށް ދަތުރުކުރީ 5 ޕޮއިންޓާއެކުއެވެ.

މާދަމާ 15:45 ގައި ފަށާ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ އެއްވަނަ ޓީމް ކުޅިމަގު އަދި ގްރޫޕް 2 ގެ ދެވަނަ ޓީމް އެންވީކޭ އެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ އެއްވަނަ ޓީމް ޖަންގަލް އަދި ގްރޫޕް 1 ގެ ދެވަނަ ޓީމް ކްލަބް އިރަމާއެވެ.

މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.