ޕޮއިންޓު ދިނުމުގެ އުސޫލުގެ މައްސަލާގައި އަލުން ގޯއްޗަށް އެދެން ހުޅުވާލުމަށް ވިސްނަނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫން ގޯތި ހޯދުމަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް ޕޮއިންޓު ދިނުމަށް ކަނޑައަޅާފައިވާ އުސޫލުތައް ބަދަލުކޮށްގެން ނޫނީ ގޯތި ދިނުމުގެ މަސައްކަތް ކުރެވެން ނެތްކަމަށާ އުސޫލަށް ބަދަލު ގެންނަ ނަމަ އަލުން އިޢުލާން ކުރަން ޖެހޭ ކަމަށް އިހަވަންދޫ ކައުންސިލުން ބުނެފިއެވެ.
ގޯއްޗަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ރޭ 8:30 ގައި އިހަވަންދޫ ސުކޫލުގެ ހޯލުގައި ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް މުޙައްމަދު ވަނީ ގޯއްޗަށް އެދުނު ފަރާތްތަކަށް ޕޮއިންޓު ދިނުމުގައި ދިމާވާ ދަތިތަށް އޮޅުން ދިލުވައިދެއްވައިފައެވެ. މިހާރު އޮތް އުސޫލުން ޕޮއިންޓު ދީފިނަމަ އިންސާފުވެރި ކަމާއެކު އެކަން ނުކުރެވޭނެ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މިހާރު އޮތް އުސޫލަށް ޕޮއިންޓު ދިނުމުގައި ބޮޑެތި ހިލާފުތަކެއް އުފެދި ގިނަބައެއްގެ ހައްގު ގެއްލިދާނެ ކަމަށް ބެލެވޭތީ މަސައްކަތް މަޑުޖައްސާލަން ޖެހޭކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.

ޕޮއިންޓުދޭ އުސޫލުތަކަށް ބަދަލުގެނެސް ގޯތި ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި ޤާނޫނީ އެއްވެސް ހުރަހެއް އޮތްތޯ ބެލުމުގެ މަސައްކަތްކުރަންޖެހޭ ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ގޯތި ދިނުމުގެ މައްސަލަ ކައުންސިލުން އަދި ވަކިގޮތަކަށް ނިންމާފައިވާ ނުވާނެ ކަމަށާއި، ކައުންސިލުން މިކަމުގަ ގޮތެއް ނިންމާހާ އަވަހަކަށް އެކަން ރައްޔިތުންނަށް ހިއްސާކޮށްދެއްވާނެ ކަމަށެވެ.

ކުރިން ޕޮއިންޓު ދިނުމުގެ އުސޫލު ހަދާފައި އޮތް ގޮތުން އެކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ހުށައަޅާފައިވާ ކަމަށާ ޕޮއިންޓު ދިނުމުގެ އުސޫލު އޮތް ގޮތާމެދު ހިތްހަމަ ނުޖެހިގެން ބައެއް ފަރާތްތަކުން ގޯއްޗަށް އެދި ހުށައަޅާފައި ނުވާ ކަމަށް ކައުންސިލުން ފާހަގަ ކުރެއްވިއެވެ. ޕޮއިންޓުދޭ އުސޫލުތަކަށް ބަދަލުގެނެސް އަލުން މަސައްކަތް ފަށާނަމަ ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލަން ޖެހޭކަމަށް ކައުންސިލުން ފާހަގަ ކުރެއްވި އެވެ. މިގޮތަށް ހުޅުވާލާ ފުރުސަތުގައި ކުރިން ފޯމު ހުށައެޅި އެއްވެސް ފަރާތަކަށް އަލުން ފޯމު ހުށައަޅަން ނުޖެހޭ ގޮތަށް އެކަން ކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. އިހަވަންދޫ ކައުންސިލަށް އިންތިހާބުވެފައި ތިއްބެވި އެމް.ޑީ.ޕީގެ 5 ކެންޑިޑޭޓުންގެ މެނިފެސްޓޯގައި ގޯތި ގެދޮރާގުޅޭގޮތުން ވަނީ ” ރައްޔިތުންގެ މަޝްވަރާ އާއި ދިރާސާ އާއި ބުއްދީގެ ހަމަތަކާއި އިންސާފުގެ އަސާސްތަކާ އެއްގޮތަށް ގޯދި ދޫކުރާނެ ގޮތުގެ ހަރުދަނާ އުސޫލެއް އުކުލަވައިލުމަށް ފަހު، މިހާރު ކުރިމަތިލާފައިވާ ފަރާތްތަކަށް އަލުން ކުރިމަތިލާން ނުޖެހޭ ގޮތަށް، ގެވަޅަށް އެދި ހުށަހެޅުމަށް އަލުން ހުޅުވާލައި، ސަރުކާރުން ހުއްދަކުރާ އެންމެ ގިނަ އަދަދަކަށް ގޯތި ދޫކުރުން” މިގޮތަށެވެ.

މިކައުންސިލްގެ 100 ދުވަހުގެ ތެރޭގައި ގޯތި ދީ ނިންމުމަށް  13 ޖޫން 2016 ގައި ބޭއްވި އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ 2 ވަނަ އާއްމު ބައްދަލުވުމުން ނިންމާފައި ވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަށް 100 ދުވަސް ފުރޭއިރު ގޯތި ނުދެވޭކަން މިހާރު މިވަނީ ޔަގީން ކުރެވިފައެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލަށް ދެވެން ހުރި އެންމެ ގިނަ ވަގުތުތަށް ދީގެން ރަށުގެ އެކިއެކި ކަންކަމުގައި މަސައްކަތްކަތް ކުރަމުން ދާކަމަށާއި ކަންތައްތައް ބަލާ ދިރާސާކުރަމުންދާވަރަކަށް ފެންމަތިވަމުން އަންނަ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިހާރު ކައުންސިލްގެ އަމާޒަކީ 2017 ވަނަ އަހަރު ނިމުމުގެ ކުރިން ގޯތިދީ ނިންމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އިހަވަންދޫން އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ 2008 ވަނަ އަހަރު އެވެ. އެފަހަރު ދޫކޮށްފައިވަނީ 1600 އަކަފޫޓުގެ ގޯއްޗެވެ.