ގޯލްޑެން ފުޓްސަލް ޗެލެންޖް: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕަކަށް

މުޙައްމަދު އަކުރަމް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯރޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ އަތޮޅު ބުރުގައި، އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ.

ހއ އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް މެޗްތައް އަންނަ ޖަނަވަރީ މަހުގެ 15 އިން 23 އަށް ކުރިޔަށް ދާއިރު ހއ އަތޮޅުން 12 ޓީމެއް މިމުބާރާތުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން މިމުބާރާތުގެ އަތޮޅުބުރު ކުރިޔަށް ގެންދާނީ ހއ އަތޮޅުން ބައިވެރިވި ޓީމްތައް 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް 1 ވަނަ އަދި 2 ވަނަ ޓީމް ނޮކް އައުޓް ބުރަށް ކޮލިފައިވާނެއެވެ. ހއ އަތޮޅުގެ ނޮކްއައުޓް ބުރުގެ މެޗްތައް ކުރިޔަށްދާނީ ޖަނަވަރީ 27 އިން 6 ފެބުރުއަރީއާ ހަމައަށެވެ.

ގްރޫޕް 1: އިހަވަންދޫ، މާރަންދޫ، ފިއްލަދޫ އަދި މުރައިދޫ
ގްރޫޕް 2: ކެލާ، ބާރަށް، އުތީމް އަދި ތުރާކުނު
ގްރޫޕް 3: ހޯރަފުށި، ތަކަންދޫ، ދިއްދޫ އަދި ވަށަފަރު

މިމުބާރާތުގައި ބައިވެރިވާ އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗްގައި އަންނަމަހު 15 ވަނަ ދުވަހުގެރޭ 20:00 ގައި ނުކުންނާނީ މުރައިދޫއާ ދެކޮޅަށެވެ. ދެވަނަ މެޗްގައި ޖަނަވަރީ 19 ވަނަ ދުވަހުގެރޭ 21:00 ގައި ނުކުންނާނީ ފިއްލަދޫއާ ދެކޮޅަށެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އިހަވަންދޫ ޓީމް ޖަނަވަރީ 23 ވަނަ ދުވަހުގެރޭ 22:00 ގައި ނުކުންނާނީ މާރަންދޫއާ ދެކޮޅަށެވެ.

8 އަށް ޒޯނަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި ހއ އަތޮޅު ހިމެނިފައިވަނީ ޒޯން 1 ގައެވެ. ޒޯން 1 ގައި ހއ އަތޮޅުގެ އިތުރުން ދެން ހިމެނެނީ ހދ އަތޮޅެވެ. ހދ އަތޮޅުން މިމުބާރާތުގައި 11 ޓީމެއް ބައިވެރިވެފައިވެއެވެ.

މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 102 ޓީމަކުން ބައިވެރިވެ ފައިވާއިރު 250 އަށްވުރެ ގިނަ މެޗު ކުޅެފައިވެއެވެ. ކުރިއަށްއޮތް މުބާރާތުގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެވިގެންދާނެއެވެ.