އިހަވަންދޫ ޓީމް ފިއްލަދޫ އަތްދަށުވެއްޖެ!

.

ގޯލްޑެން ފުޓްސަލް ޗެލެންޖު 2024 ގައި ވާދަކުރާ އިހަވަންދޫ ފުޓްސަލް ޓީމް ފިއްލަދޫ އަތްދަށުވެއްޖެވެ. މިރޭ އިހަވަންދޫއާ ފިއްލަދޫ ބައްދަލުކުރިމެޗް ފިއްލަދޫ ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗްގައި ފިއްލަދޫގެ ގޯލްތައް ޖެހީ ހުސާމް، އަފްރާހް، އާދަމް އަބުދުއް ރަޙީމް އަދި އިހްވާންއެވެ. އިހަވަންދޫ ޓީމްގެ 2 ގޯލްވެސް ޖެހީ ހާމިދުއެވެ. މިރޭގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއްލަދޫ ޓީމްގެ އާދަމް އަބުދުއް ރަޙީމްއެވެ.

އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗްގައި މުރައިދޫގެ މައްޗަށް 5-1 ކުރިހޯދާފައިވާއިރު ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އިހަވަންދޫ ޓީމް ޖަނަވަރީ 23 ވަނަ ދުވަހުގެރޭ 22:00 ގައި ނުކުންނާނީ މާރަންދޫއާ ދެކޮޅަށެވެ. އަމިއްލަ ބާރުގައި 2 ވަނަ ބުރަށް ދިއުމަށް އެމެޗުން މޮޅުވުން އިހަވަންދޫ ޓީމަށް މުހިއްމުވާނެއެވެ.

މިދިޔަ އަހަރުގެ މުރާތް އިހަވަންދޫ ޓީމަށް ނިންމާލަންޖެހުނީ 1 ޕޮއިންޓާއިއެކު ގްރޫޕް ސްޓޭޖާއި ހަމައިންނެވެ.

މިމުބާރާތުގެ ހއ އަތޮޅު ބުރުގެ ގްރޫޕް ސްޓޭޖް މެޗްތައް މިމަހުގެ 23 އަށް ކުރިޔަށް ދާއިރު ހއ އަތޮޅުން 12 ޓީމެއް މިމުބާރާތުގައި ބައިވެރިވެފައިވެއެވެ. އެހެންކަމުން މިމުބާރާތުގެ އަތޮޅުބުރު ކުރިޔަށް ގެންދަނީ ހއ އަތޮޅުން ބައިވެރިވި ޓީމްތައް 3 ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް 1 ވަނަ އަދި 2 ވަނަ ޓީމް ނޮކް އައުޓް ބުރަށް ކޮލިފައިވާނެއެވެ. ހއ އަތޮޅުގެ ނޮކްއައުޓް ބުރުގެ މެޗްތައް ކުރިޔަށްދާނީ ޖަނަވަރީ 27 އިން 6 ފެބުރުއަރީއާ ހަމައަށެވެ. އިހަވަންދޫ ހިމެނޭ ގްރޫޕްގައި އޮތީ އިހަވަންދޫގެ އިތުރުން މާރަންދޫ، ފިއްލަދޫ އަދި މުރައިދޫއެވެ.