ސިހުރާއި ޙަސަދަ އާއި އެސްފީނާގެ ޝިކާރައަކަށްވެފައިތިބޭ ބަޔަކަށް ޝަރުޢީ ރުޤްޔާ އަކީ އެންމެ ރަނގަޅު ފަރުވާ: ހުތުބާ

ޢަބުދުﷲ ޙަމީދު

ސިހުރު ހާހޫރައާއި، ޙަސަދައާއި، އެސްފީނާގެ ޝިކާރައަކަށްވެފައިވާ އެތައް ބަޔަކަށް ޝަރުޢީ ރުޤުޔާ އަކީ އެންމެ އެކަށީގެންވާ ފަރުވާކަމާމެދު ޝައްކެއް ނެތް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ބަލިތައް ލައްވާފަދައިން އެ ބަލިތަކުގައި ޝިފާވެސް ލައްވާފައިވާ ކަމަށެވެ. ބަލިތަކަށް ފަރުވާކުރުމުގައި ހިފަން ހުރި ގޮތްތަކުގެ ތެރޭގައި ރުގްޔާކުރުން ހިމެނޭކަމަށެވެ. ރުޤުޔާ ކުރުމަކީ ބަލިމީހާ އަށް ފަރުވާ ކުރުމުގެ ގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލުﷲ ﷺ ގެ ސުންނަތުގައި ވާރިދުވެގެންވާ ދުޢާތަކުގެ ޒަރީޢާއިން ބައްޔަށް ޝިފާދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުން ކަމުގައި ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނެފައިވަނީ ރުގްޔާކުރުމަކީ އެކަމުގެ އިލްމު ލިބިގެންހުރި މީހަކު އިންސާނިޔަތަށްޓަކައި ކުރުން ހުއްދަ ކަމެއްކަމަށެވެ. އެހެންކަމުން މީސްތަކުންނަށް ރުޤްޔާކުރާ މީހަކީ އަމާނާތްތެރި މީހަކަށް ވާންޖެހޭނެކަމަށް ހުތުބާގައިވެ އެވެ.

ފަހަކަށް އައިސް ރުޤްޔާގެ ނަމުގައި އަންހެނުންނަށް ޖިންސާ ގޯނާ ކުރާކަމުގެ ޝަކުވާ އާއްމުވެފައިވާކަން ފާހަގަކޮށް ހުތުބާގައި ބުނެފައިވަނީ، ރުޤްޔާކުރުމުގެ ނަމުގައި އަންހެނަކަށް ނުވަތަ މަހްރަމަކަށް ނުވާ މީހަކަށް އޭނާގެ ހަށިގަނޑުން ބައެއް ދެއްކުމަކީ ހުއްދަވެގެންވާ ކަމެއް ނޫންކަމަށެވެ. އަދި މަހްރަމަކު ފިޔަވައި އަންހެނެއްގެ ގައިގައި ހުރަހަކާ ނުލައި އަތްލައިގެންނުވާނެ ކަމަށާއި، އޭނާގެ ހިޖާބު ނަގައިގެން ނުވާނެ ކަމަށެވެ.

ޝަރްއީ ރުގްޔާ ކުރުމުގެ ނަމުގައި ޖިންނިންނާއި ވަލީވެރިންގެ ކިބައިން ކަންކަން ހިންމަވައިދެއްވާތޯ ދެންނެވުމަކީ ރުޤްޔާގެ ތެރޭގައި ހިމެނޭ ކަމެއްނޫންކަމަށާއި، ބަލިމީހާގެ ފުނާ ނުވަތަ އިސްތައްޓެއް ނުވަތަ އަންނައުނު ފަދަ ތަކެތި ހޯދުމަކީ ވެސް ރުޤްޔާކުރުމުގެ ތެރޭގައި ހިމެނޭ ކަމެއްނޫން ކަމަށެވެ. އަދި އެއީ ސިހުރު ހާހޫރަ ހަދާ މީހުން ކުރާކަމެއް ކަމަށް ހުތުބާގައިވެ އެވެ.