ސެންސިޓީ ބަލިކޮށް އިރަމާއިން އުއްމީދާއިއެކު މުބާރާތް ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގެ ދެވަނަ މެޗްގައި، ކްލަބް އިރަމާއިން ފަހަތުންއަރައި ސެންސިޓީ ބަލިކޮށްފިއެވެ. ޖުމުލަ 6 ގޯލް ފެނިގެންދިޔަ މިމެޗްގެ ހުރިހާ ގޯލެއްވެސް ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފްގައެވެ.

ރޭ އިހަވަންދޫ ޣާޒީދަނޑުގައި ކުޅުނު މިމެޗް ކްލަބް އިރަމާއިން 4-2 ގެ ނަތީޖާއަކުން ސެންސިޓީގެ މައްޗަށް ކުރި ހޯދިއިރު، މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިރަމާ ޓީމްގެ ޝާމިލްވަނީ 3 ގޯލް ޖަހައި ހެޓްރިކް ހަދާފައެވެ.

މިއަހަރުގެ މުބާރާތް ރާވާފައިވަނީ، ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވާ ގޮތަށެވެ. ފައިނަލްގެ އަނެއްޖާގަ ކަށަވާރުވާނީ ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. ދެން މިމުބާރާތުގައި އިރަމާ ނުކުންނާނީ އެންވީކޭއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ އާދިއްތަ ދުވަހުގެރޭ 20:15 ގައެވެ. ސެންސިޓީ ދެންކުޅޭ މެޗްގައި އާދިއްތަ ދުވަހުގެ ހަވީރު ނުކުންނާނީ ޖަންގަލްއާ ދެކޮޅަށެވެ. މިމުބާރާތުގެ މެޗްތައް އިހަވަންދޫ.ކޮމް ގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން ލައިވް ކުރާނެއެވެ.