ޑިފެންޑިންގް ޗެމްޕިއަން ޖަންގަލް ބަލިކޮށް އިރަމާ ފައިނަލަށް

.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގެ ސެމީފައިނަލްގައި، މިދިޔައަހަރުގެ ޗެމްޕިއަން ޖަންގަލް ބަލިކޮށް ކްލަބް އިރަމާއިން ފައިނަލްގެ ފަހުޖާގަ ކަށަވަރުކޮށްފިއެވެ. ސެމީފައިނަލް މެޗުން އިރަމާ މޮޅުވީ 8-9 އިން ނެވެ.

މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން އެއްވަރުވުމުން މެޗްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. އިރަމާގެ ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއިރު ޖަންގަލް ޓީމްގެ އިރުޝާދުޖެހި ޕެނަލްޓީ އިރަމާ ޓީމްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. އިރަމާ ފައިނަލްގައި ނުކުންނާނީ އެންވީކޭއާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މިމަހުގެ 18 ވާ ހޮނިހިރު ދުވަހުގެރޭ 20:15 ގައެވެ. އެންވީކޭ މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އެޓީމްކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް  15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު 2 ވަނައަށް ދާ ޓީމަށް 5000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ.