ވަކިކުރި މުވައްޒަފުންނަށް ވަޒީފާ ދިނުމަށް އަމުރުކޮށްފި

މުޙައްމަދު އަކުރަމް

“ތަފާތު ޝަކުވާތައް ލިބެމުން ދިއުމާއި، ކުންފުނީގެ ޚިދުމަތްތައް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީ” ކަމަށް ބުނެ 16 އޮކްޓޫބަރ 2012 ވަނަ ދުވަހު އިހަވަންދޫ އިންޖީނުގެއިން ވަކިކުރި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނާ ޚިލާފަށްކަމަށާއި، އެ ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ބައެއް ކަމަށް ނުބެލުމަށާއި، މި އަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ މީހުން ވަޒީފާ އަށް ނެރުމަށް އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފި އެވެ.

ޓްރައިބިއުނަލުން މި ގޮތަށް އަމުރުކޮށްފައި ވަނީ އިންޖީނުގެއިން ވަކިކުރި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ގެއްލިގެން ގޮސްފައިވާ މުސާރަ އާއި ޢިނާޔަތްތައް ހޯދުމަށް 2012 އޮކްޓޫބަރ 30 ވަނަ ދުވަހު ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް އެ މުވައްޒަފުން ހުށަހެޅި މައްސަލައިގެ ނިންމުން އިއްވުމަށް މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންގެ ތެރެއިން ޖަވާހިރުމާގެ، ޢަބްދުލްއަލީމް ހަސަން ފިޔަވައި އެހެން މުވައްޒަފުންނަށް މިއަދާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި ޢިނާޔަތްތައް އެކީ އެއްފަހަރާ އެ މުވައްޒަފުންނަށް ދީ ޚަލާޞް ކުރުމަށް ވެސް ޓްރައިބިއުނަލްގެ އަމުރުގައިވެ އެވެ. ޢަބްދުލްއަލީމަކީ 2013 ފެބްރުއަރީ 11 ވަނަ ދުވަހުން ފެށިގެން ސިވިލް ސާރވިސްގެ ވަޒީފާގައި ހުރި ފަރާތެއް ކަމުގައި ވާތީ، އޭނާ އަށް މުސާރައާއި ޢިނާޔަތްތައް ނަގާދީފައި ވަނީ ސިވިލް ސާރވިސް ވަޒީފާ ލިބުނު ދުވަހާ ހަމައަށެވެ. ނަމަވެސް އޭނާ އަށް ވެސް ވަޒީފާ ދިނުމަށް އަމުރުކޮށްފައިވެ އެވެ.

އިންޖީނުގޭގެ ވަޒީފާއިން ވަކި ކުރި ހަތަރު ފަރާތަކީ އިންޖީނު ގޭގެ އެސިސްޓެންޓް ފީލްޑް އެއިޑްގެ މަގާމުގައި ހުރި، ޖަވާހިރުމާގެ / ޢަބްދުލްއަލީމް ހަސަން އާއި، ކެއާރޓޭކާރގެ މަގާމުގައި ހުރި، އަތަމާގެ / ހައްވާ މޫސާ އާއި، މެކޭނިކް ޓްރޭނީގެ މަގާމުގައި ހުރި، މާވަޑިގެ / މުޙައްމަދު މަފާޒު އަދި ސީނިޔާ އޮފިސާރގެ މަގާމުގައި ހުރި، ރަހްމާނިއްޔާ / އަޙްމަދު ޝާހިދެވެ.

މި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާ އަށް ނުނިކުމެ ގޭގައި މަޑުކުރުމަށް 24 ސެޕްޓެމްބަރ 2012 ވަނަ ދުވަހު އަންގާފައިވެ އެވެ. މި އެންގުމުގައި އޮންނަނީ “(މިފަރާތްތަކާ ގުޅޭގޮތުން) ތަފާތު ޝަކުވާތައް ލިބެމުން ދިއުމާއި، ކުންފުނީގެ ޚިދުމަތްތައް ފުރިހަމަ އަށް ދިނުމުގައި އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާތީވެ، މި މައްސަލަ ތަޙްޤީޤު ކުރުމަށްޓަކައި 25 ސެޕްޓެމްބަރ 2012 ވަނަ ދުވަހުން ފެށިގެން މެނޭޖްމެންޓުން ވަކިގޮތެއް އަންގަންދެން ވަޒީފާ އަށް ނުނިކުތުމަށް އަންގާ” ކަމަށެވެ.

މި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގެ ކުރިން 1 އޮކްޓޫބަރ 2012 ވަނަ ދުވަހު، މި މަގާމުތަކަށް މީހުން ހޯދުމަށް އަޕާރ ނޯތު ޔޫޓިލިޓީޒް ލިމިޓެޑުން ވަނީ އިޢުލާނު ކޮށްފަ އެވެ.