ބަދުއަޚްލާޤީ މައްސަލައަކާ ގުޅިގެން 4 މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

.

އެކި ދުވަސް މަތިން ޢުމުރުން 18 އަހަރުންދަށުގެ އަންހެން ކުއްޖަކަށް ގަދަކަމުން ބިރުދައްކައިގެން ބަދުއަޚްލާޤީ އަމަލު ހިންގާފައިވާކަމަށް ތުޙުމަތުކުރެވޭ މައްސަލައެއްގެ ތަޙްޤީޤު ނިންމައި، ހއ.އިހަވަންދޫ، ފަހިވާ / މުޙައްމަދު ފިރާޤް އާއި ހއ.އިހަވަންދޫ، ޅޮސްމާގެ / ޙުސައިން އައިމަން އާއި ހއ.އިހަވަންދޫ، ސިތާރާގެ / ޙުސައިން އަޙްމަދު އަދި ހއ.އިހަވަންދޫ، އެވަރބްލޫ / ޙުސައިން ރަޝީދުގެ މައްޗަށް މައްޗަށް ދަޢުވާކުރުމަށް ޕީ.ޖީ އަށް ފޮނުވާފައިވާ ކަމަށް ޕޮލިސް މީޑިއާއިން ހާމަކޮށްފި އެވެ.

ޕޮލިސް މީޑިއާއިން މަޢުލޫމާތުދޭ ގޮތުގައި މި މައްސަލަ އަކީ މި އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލައިގެ ތަޙްޤީޤު ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކުރަން ފޮނުވާފައި ވަނީ މި ހިނގާ ޖުލައި 21 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން މި މައްސަލާގައި ތުހުމަތު ކުރެވޭ ޙުސައިން އައިމަން ހައްޔަރުކޮށްފައިވެ އެވެ. އަދި އޭނާ ހައްޔަރުކުރިތާ މަސްދުވަސް ފަހުން އޭނާ ދޫކޮށްލުމަށް ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރުމުން، އެ އަމުރު ހައިކޯޓުގައި ދައުލަތުން އިސްތިޢުނާފު ވެސް ކުރި އެވެ. ނަމަވެސް ހައިކޯޓުން ވެސް ކަނޑައަޅާފައި ވަނީ ޙުސައިން އައިމަނު ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ ޤާނޫނާ ޚިލާފަށް ނޫންކަމަށެވެ.

ޙުސައިން އައިމަން ފިޔަވައި މި މައްސަލާގައި ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނާ އަނެއް 3 މީހުން ހައްޔަރުކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ.