ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ތައްޔާރުވެއްޖެވެ.
ވެމްކޯ ހިދުމަތް އިހަވަންދޫގައި ފެށުމަށް އިއްޔަވަނީ އިހަވަންދޫގައި ވެމްކޯގެ އޮފީސް ގާއިމްކޮށްފައެވެ. އިހަވަންދޫގައި ވެމްކޯގެ ހިދުމަތް ފަށައިގަތުމުގެ ގޮތުން ވެމްކޯގެ އޮފީސް ވަގުތީ ގޮތުން ހިންގުމަށް، އިހަވަންދޫ ކައުންސިލުންވަނީ އިހަވަންދޫ ރަށްވެހިގެއިން ޖާގަ ހަމަޖައްސައި ދީފައެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވީ، މުވައްޒަފުންނެގި މަހެއްހާ ދުވަހުގެ ތެރޭގައި ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށޭނެކަމުގައެވެ.
މިވަގުތު އިހަވަންދޫގައި ކުނި މެނޭޖްކުރުމުގެ ހިދުމަތް ދެމުންއަންނަނީ އިހަވަންދޫ ކައުންސިލުންނެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އަކީ 2009 ގައި އުފައްދާފައިވާ %100 ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމަށް އުފެއްދި އެކުންފުނިން ރާއްޖެތެރޭގައި ހިދުމަތްދޭން ފުރަތަމަފެށީ 2017 ވަނަ އަހަރު އައްޑޫ ސިޓީގައެވެ.