ވައުދެމުމުގެ މުބާރާތުގެ ފައިނަލް މިރޭ!

.

އަޟްޙާ ޢީދާ ދިމާކޮށް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށް ގެންދާ ވައުދެމުމުގެ މުބާރާތުގެ ފައިނަލް މެޗް މިރޭ އޮންނާނެއެވެ. މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އާރްއާރްސީ އަދި ކްލަބް އިރަމާއެވެ. މި ދެ ޓީމްވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ބާކީ އެއް މެޗް އޮށްވައެވެ. އެހެންޓީމްތަކަށް ފަނަލަށް ދިއުމުގެ ދޮރު ބަންދުވެފައިވާތީ މުބާރާތުގައި ބާކީހުރި މެޗްތައް ކުރިޔަށް ނުގެންގޮސް ފައިނަލް މެޗް އަވަސްކުރީއެވެ.

އިހަވަންދޫ ހުރަވީ ދަނޑުގައި ކުރިޔަށްގެންދާ މިމުބާރާތުގެ ފައިނަލް މެޗް ފަށާނީ މިރޭ 21:00 ގައެވެ. ފައިނަލްގައި އެއްކޮޅުން ވާދަކުރާ ކްލަބް އިރަމާއަކީ މިދިޔައަހަރުވެސް މިމުބާރާތުގެ ޗެމްޕިއަންޓީމެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 7000ރ ގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 3000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ކްލަބް ޕޯލްސްޓަރ އިން ކުރިޔަށްގެންދަނީ އިހަވަންދޫ ކައުންސިލް އަދި އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެހީތެރިކަމާއިއެކުއެވެ.

މިއަހަރު މިމުބާރާތުގައި ބައިވެރިވެފައިވަނީ 4 ޓީމެކެވެ. އެއީ މިދިޔައަހަރުގެ ޗެމްޕިއަން ކްލަބް އިރަމާ، ކޮއިމަލާ، އާރްއާރް ސީ ގެ އިތުރުން ފޮރިންގ ބޯއީސް އެވެ.