އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2024، ފުރަތަމަ ދެ މެޗުން ކުޑަކަތީބު މަގު އަދި ބޮޑު މަގު މޮޅުވެއްޖެއެވެ.
މުބާރާތުގެ ފުރަތަމަ މެޗްގައި ކުޑަކަތީބު މަގުން، ސެންސިޓީގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް 25-22 އިން ސެންސިޓީ ގެންދިނަމަވެސް، ކުޑަކަތީބު މަގުންވަނީ ފަހަތުންއަރައި 25-18، 25-10 އަދި 25-20 އިން ފަހު ތިން ސެޓް ކާމިޔާބުކޮށްފައެވެ. މެޗްގެ ކުއީން އޮފްދަ މެޗްއަށް ހޮވުނީ ކުޑަކަތީބު މަގުގެ ފާތިމަތު ތޮހޫރާއެވެ.
މިމުބާރާތުގެ ދެ ވަނަ މެޗްގައި ބައްދަލުކުރީ އެފްސީ ބޮޑުމަގާއި ހޯރަފުށީ ޑަބްލިޔުޑީސީގެ ޓީމެވެ. އެމެޗް ފަސޭހަކަމާއިއެކު 3 ސެޓުން ކާމިޔާބުކުރީ ބޮޑުމަގު ޓީމެވެ. މެޗްގެ ސެޓްތައް 25-15، 25-15 އަދި 25-08 އިން ބޮޑުމަގު ޓީމް ކާމިޔާބުކުރިއިރު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބޮޑު މަގު ޓީމްގެ ރުގިއްޔަތު ޝަރޫނާއެވެ.
އިމަގު ވޮލީ ކޯޓްގައި ކުޅޭ މިމުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި މިއަދު ހަވީރު 16:00 ގައި ބޮޑުމަގު ނުކުންނާނީ ސެންސިޓީއާ ދެކޮޅަށެވެ. މިރޭ 20:15 ގައި ފަށާ މެޗްގައި ހޯރަފުށި ނުކުންނާނީ ކުޑަ ކަތީބު މަގާއި ދެކޮޅަށެވެ.
މިމުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. އެއީ އެފްސީ ބޮޑުމަގު، ސެންސިޓީ، ކުޑަކަތީބު މަގު އަދި ހޯރަފުށީ ޑަބުލިއު.ޑީ.ސީއެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖް ލީގު އުސޫލުން ކުޅޭއިރު، އެންމެ ގިނައިން ޕޮއިން ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރު ވާނެއެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.