ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ ބަޖެޓްކޮށްފައިވާ އަދަދު މަދުކަމުން – އެޑިއުކޭޝަން މިނިސްޓްރީ

މުޙައްމަދު އަކުރަމް

އިހަވަންދޫ ސްކޫލްގެ 4 ބުރި އިމާރާތުގެ މަސައްކަތް ނެފެށެނީ އެކަމަށް، ބަޖެޓް ކޮށްފައިވާ ފައިސާގެ އަދަދު މަދުވުމުންކަމަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.

2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ހިމަނާފައިވާ އެ މަޝްރޫއުގެ މަސައްކަތް ފަށާފައިނުވާތީ މިނޫހުން އެޑިއުކޭޝަން މިނިސްޓްރީއަށް ފޮނުވި ސުވާލުގެ ޖަވާބުގައި އެމިނިސްޓްރީއިން މައުލޫމާތު ދެއްވިގޮތުގައި، 2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެ މަޝްރޫއަށް ހަރަދުކުރުމަށް ހިމަނާފައިވަނީ 172،216ރ އެވެ. ނަމަވެސް އެއަދަދަކީ މާލިއްޔަތު ގަވާއިދު ބުނާގޮތުން އެމަޝްރޫއުގެ އެޑްވާންސް ޕޭމަންޓަށްވާ %15 ދޫކުރެވޭ ވަރަށްވުރެ ކުޑަ އަދަދެއްކަމަށް އެމިނިސްޓްރީއިން މައުލޫމާތު ދެއްވިއެވެ. އެޑިއުކޭޝަން މިނިސްޓްރީއިން އަންދާޒާ ކުރާގޮތުގައި އެމަޝްރޫޢުގެ %15 އަށް 832،216ރ އަރާނެއެވެ.

އިހަވަންދޫ ސްކޫލްގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް ފުރަތަމަ ބަޖެޓްކުރީ، 2023 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައެވެ. އެފަހަރުގެ ބަޖެޓްގައި އެ މަޝްރޫއަށް 900،000ރ ހިމެނިއެވެ. 2023 ވަނަ އަހަރު އެމަސައްކަތް ފަށާފައިނުވާއިރު، 2024 ވަނަ އަހަރުގެ ބަޖެޓަށް އެމަސައްކަތް ވަނީ ނަގުލުވެފައެވެ. ނަމަވެސް 2024 ވަނަ އަހަރުގެ ބަޖެޓްގައި އެ މަޝްރޫއުއަށް ބަޖެޓް ކޮށްފައިވާ އަދަދުވަނީ 172،216ރ އަށް ދަށްކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 4 ބުރީގެ އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ސްކޫލްގެ ކުރީގެ އޮފީސް އިމާރާތް ތަޅައިލުމަށް ފަހުއެވެ. އިހަވަންދޫ ސްކޫލްގެ އެދުމުގެ މަތިން، ސްކޫލާއި އާސާރީ މިސްކިތާ ދެމެދު އޮންނަ ގޯޅި އިހަވަންދޫ ސްކޫލްގެ ގޯއްޗަށް އިތުރުކުރުމަށް އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 101 ވަނަ ޖަލްސާއިން ވަނީ ނިންމައިފައެވެ. މިމަހުގެ 17 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުންވަނީ، އިހަވަންދޫގެ ތައްޤީއަށް ކުރުމަށް ނިންމާފައިވާ މަޝްރޫޢުތައް ކުރިޔަށް ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ.