އިންޓަރސްކޫލް ވޮލީ މުބާރާތް: އިހަވަންދޫ ސްކޫލަށް ފުރަތަމަ މެޗުން މޮޅުވެވޭ ގޮތެއްނުވި

ލުޤުމާން އަޙްމަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން  ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި އިހަވަންދޫ ސްކޫލުން ކުޅުނު ފުރަތަމަ މެޗުން ކެޔޮދޫ ސްކޫލް އަތުން ބަލިވެއްޖެއެވެ. އަތޮޅު ކެޓަކަރީގެ، 19 އަހަރުން ދަށުގެ އަންހެން ކުދިންގެ ޑިވިޜަންގެ މިމެޗްގައި ވާދަވެރިކުޅުމެއް ފެނިގެންދިޔައިރު، މިމެޗްގެ ސެޓްތައް ކެޔޮދޫ ސްކޫލުން ގެންދިޔައީ 18-15 އަދި 18-15 އިންނެވެ.

އަތޮޅުތަކުގެ ކެޓަގަރީގައި، 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ 5 ސްކޫލަކުންނެވެ. އެއީ އިހަވަންދޫ ސްކޫލް، ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރ، އަލިފުށި ސްކޫލް، ކެޔޮދޫ ސްކޫލް އަދި މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ. ލީގު އުސޫލުންކުޅެ އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރުކުރާނެއެވެ. އަތޮޅު ތަކުގެ ކެޓަގަރީގައި، 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި ބައިވެރިވެފައިވާ އިހަވަންދޫ  ސްކޫލްގެ ޓީމް މިއަދު 16:30 ގައި ނުކުންނާނީ ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށެވެ. އަދި އެއަށްފަހު މާދަމާ 20:45 ގައި މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށް ކުޅޭއިރު، އިހަވަންދޫ ސްކޫލް ޓީމް ލީގުބުރުގެ ފަހު މެޗްގައި މިމަހު 28 ވަނަ ދުވަހުގެރޭ ނުކުންނާނީ އަލިފުށި ސުކުލާއި ދެކޮޅަށެވެ.

މިމުބާރާތުގެ އަތޮޅު ކެޓަގަރީގައި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައިވެސް ވަނީ އިހަވަންދޫ ސްކޫލްގެ ޓީމެއް ބައިވެރިވެފައެވެ. 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައި 6 ސްކޫލަކުން ބައިވެރިވެފައިވާއިރު، މެޗްތައް ކުރިޔަށްދާނީ 2 ޕޫލަކަށް ބަހާލައިގެންނެވެ. ޕޫލް ބީ ގައި ހިމެނެނީ އިހަވަންދޫ ސްކޫލްގެ އިތުރުން ވޭމަންޑޫ ސްކޫލާއި ކެޔޮދޫ ސްކޫލެވެ. މިޑިވިޜަންގައި އިހަވަންދޫ ސްކޫލްކުޅޭ ފުރަތަމަ މެޗްގައި މިއަދު 15:00 ގައި ނުކުންނާނީ ވޭމަންޑޫ ސްކޫލާއި ދެކޮޅަށެވެ. އަދި މާދަމާ 15:45 ގައި ކެޔޮދޫ ސްކޫލާއި ދެކޮޅަށް ކުޅޭނެއެވެ. ކޮންމެ ޕޫލެއްގެވެސް އެއްވަނަ އަދި ދެވަނަ ސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.