އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެންޓީމަށް ފަސޭހަ މޮޅެއް، އަންހެންޓީމް ދެވަނަ މެޗުންވެސް ބަލި

ލުޤުމާން އަޙްމަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން  ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގައި، އިހަވަންދޫ ސްކޫލްގެ 19  އަހަރުން ދަށުގެ ފިރިހެން ޓީމް ވޭމަންޑޫ ސްކޫލް ބަލިކުރިއިރު، އަންހެން ޓީމް ދެވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

މިމުބާރާތުގެ އަތޮޅު ކެޓަގަރީގައި، 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގައި، އިހަވަންދޫ ސްކޫލްގެ 19 އަހަރުން ދަށުގެ ޓީމް، ވޭމަންޑޫ ސްކޫލް ބަލިކުރީ 18-8 އަދި 14-4 އިންނެވެ. އެޓީމްގެ ދެވަނަ މެޗްގައި މިއަދު 15:45 ގައި ކެޔޮދޫ ސްކޫލާއި ދެކޮޅަށް ކުޅޭނެއެވެ. އެމެޗުން މޮޅުވެއްޖެނަމަ ސެމީފައިނަލުން ޖާގައެއް ކަށަވަރުވާނެއެވެ.

އަތޮޅުތަކުގެ ކެޓަގަރީގައި، 19 އަހަރުން ދަށުގެ އަންހެން ޑިވިޜަންގައި، އިހަވަންދޫ ސްކޫލް ޓީމް ކުޅުނު ދެވަނަ މެޗުންވެސްވަނީ ބަލިވެފައެވެ. ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށް ކުޅުން އެމެޗުން އިހަވަންދޫ ސްކޫލް ބަލިވީ 2-1 ސެޓުންނެވެ. މިއަދު 19 އަހަރުން ދަށުގެ އަންހެން ޓީމް ނުކުންނާނީ މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށެވެ.

މިއީ މާލޭގައި ބާއްވާ އިންޓަރ ސްކޫލް ވޮލީމުބާރާތެއްގައި އިހަވަންދޫ ސްކޫލް ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.