އޯޕަން ސްޓޭޖް ކުރިންހުރި ގޮތަށް އިޢާދަކުރުމަށާއި، ކައުންސިލުން ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް ކޮށްފައިވާ ޙުކުމާއި އެއްގޮތަށް، އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް އިޢާދަކޮށް ޤަވާއިދާ ޚިލާފަށް އޯޕަން ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އިހަވަންދޫ ކައުންސިލް އިދާރާއިން ކޮށްފައިވާ ޖޫރިމަނާ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ދައްކައިފިއެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަ ނުހޯދައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން އިހަވަންދޫ އޯޕަން ސްޓޭޖަށް ބަދަލުގެނެސް، އޯޕަން ސްޓޭޖްގައި އެޕާޓީ ރަމްޒްކޮށްދޭ ކުލަ ލައިފަވާތީ އޯޕަން ސްޓޭޖް ކުރިން ހުރިގޮތަށް ބަދަލުކުރުމަށާއި، އިހަވަންދޫ ކައުންސިލުން އެންގި އެންގުމަށް އިޖާބަ ދީފައިނުވާތީ ކައުންސިލުން، އެމްޑީޕީ 1000ރ އިން ކޮށްފައިވާ ޖޫރިމަނާދެއްކުމަށް އެމްޑީޕީގެ މައްޗަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފައިވަނީ މިއަހަރުގެ ފެބުރުމަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތަށް ޙުކުމް ކޮށްފައިވަނީ އިހަވަންދޫ ކައުންސިލް އިދާރާއިން، އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ. އެމައްސަލާގައި ޙުކުމް ކޮށްފައިވަނީ އެމްޑީޕީގެ ޣައިރު ޙާޟިރުގައެވެ.
އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުންކުރި ޙުކުމުގައިވަނީ، އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަނެތި އެމްޑީޕީއިން އެއިދާރާގެ އޯޕަން ސްޓޭޖްގައި ކަލަލައި މުޅި ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އެސްޓޭޖް ކުރިންހުރި ގޮތަށް އިއާދަކުރުމަށް ކައުންސިލް އިދާރާގެ މަޝްވަރާގެމަތިން އެއިދާރާއިން އެއްބަސްވާ ކުލައެއް ލައި ކުރިން އޯޕަން ސްޓޭޖް ހުރިގޮތަށް 15 މާރިޗް 2024 ގެ ކުރިން އިއާދަކޮށްދިނުމަށް ނުވަތަ އޯޕަން ސްޓޭޖް ކުރިންހުރިގޮތަށް ބަދަލުކުރުމަށް ދާނެ ޚަރަދުކަމަށް ކައުންސިލް އިދާރާއިން ބުނާ ޚަރަދު 29 ފެބްރުއަރީ 2024 ގެ ކުރިން ދިނުމަށާއި، ޤަވާޢިދާ ޚިލާފަށް އޯޕަން ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އެމްޑީޕީއިން ކޮށްފައިވާ ޖޫރިމަނާ (1000ރ) 25 ފެބްރުއަރީ 2024 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާއަށް ދެއްކުމަށް އެމްޑީޕީގެ މައްޗަށް ޙުކުމްކުރާކަމަށެވެ. ނަމަވެސް ޙުކުމުގައި ބަޔާން ކޮށްފައިވާ މުއްދަތުގައި ޙުކުމާއި އެއްގޮތަށް އެމްޑީޕީއިން އަމަލުކޮށްފައެއް ނުވެއެވެ.
އެމައްސަލައިގެ ހުކުމް ތަންފީޒްކުރުމަށް އެދި، މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހު އިހަވަންދޫ ކައުންސިލުން އިހަވަންދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ވަނީ ހުށަހަޅައިފައެވެ. ހުކުމް ތަންފީޒްކުރުމުގެ މައްސަލަ ހިނގައިގަތުމާއިއެކު އެމްޑީޕީއިންވަނީ އޯޕަން ސްޓޭޖްގައި ކުރިންހުރިގޮތަށް ކަޅުކުލަލައި، ޤަވާއިދާ ޚިލާފަށް އޯޕަން ސްޓޭޖަށް ބަދަލުގެނެސްފައިވާތީ އިހަވަންދޫ ކައުންސިލުން ކޮށްފައިވާ ޖޫރިމަނާފައިސާ ދައްކައިފައެވެ. ކައުންސުލުން ކޮށްފައިވާ ޖޫރިމަނާއަށްވާ 1000ރ އެމްޑީޕީ އިން ކައުންސިލަށް ދައްކާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 13 ވަނަ ދުވަހުއެވެ.
ހުކުމް ތަންފީޒުކުރުމުގެ މައްސަލާގައި އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން، މިދިޔަ މަހުގެ 17 ވަނަ ދުވަހު ނިންމާފައިވަނީ ދެފަރާތުގެ އިތުރު ޝަކުވާއެއް ހުށަހަލާފައިނެތުމާއި، އެމައްސަލާގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާކަމަށް ކަނޑައަޅާކަމުގައެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ސިޔާސީ ހަރަކާތްތަކާއި ގުޅުވައިގެން ތަފާތު ކުލަތައް ލުމަކީ ކުރިން ވަރަށް އާންމުކަމެކެވެ. މިއީ އާންމު އިޖްތިމާއީ މިންގަޑާއި ހިލާފަށް ހިންގާ މިފަދަ ކަމެއްގައި ކޯޓާ ހަމަޔަށްގޮސް، ކޯޓް މަރުހަލާއިން އިހަވަންދޫ ކައުންސިލަށް ކާމިޔާބު ހޯދުނު ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދުވަސްވަރު، އިހަވަންދޫ ކައުންސިލް އިދާރާގެ ހުއްދަނެތި އޯޕަން ސްޓޭޖްގައި އެމްޑީޕީ ރަމްޒު ކޮށްދޭ ކުލަ ލީއިރު، ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް އިމާރާތްތަކުގެ ފާރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ނިސްބަތްކޮށް ލިޔެފައިވާ އާންމު އިޖްތިމާއީ މިންގަނޑާއި ހިލާފު ލިޔުންތައްވެސް ބަޔަކު ކުރެހިއެވެ.