2062 ވަނަ އަހަރު އަންނައިރު ހއ އަތޮޅުގައި ކޮންމެ 83 ފިރިހެނަކަށް 100 އަންހެނުން ތިބޭނެ : ރިޕޯޓް

އާމިނަތު ސަމާ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ދާދިފަހުން އާންމުކޮށްފައިވާ “މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062” ރިޕޯޓަކީ ރާއްޖޭގެ ކުރިމަގުގެ އާބާދީއާ މެދު ފުންކޮށް ވިސްނާލަންޖެހޭ ފަދަ މުހިންމު ހޯދުންތަކެއް ހިމެނޭ ރިޕޯޓެކެވެ. މި ރިޕޯޓުގައިވާ ގޮތުން، މިހާރުން ފެށިގެން ކުރިއަށް އޮތް 37 އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ އާބާދީގެ އޮނިގަނޑަށް ބޮޑެތި އަދި ބައެއް ގޮތްގޮތުން ކަންބޮޑުވާންޖެހޭ ފަދަ ބަދަލުތަކެއް އަންނާނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، 2062 ވަނަ އަހަރު އަންނައިރު ހއ. އަތޮޅުގެ އާބާދީ ވަރަށް ބޮޑަށް މުސްކުޅިވެގެން ދިއުމެވެ. މިހާރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހއ އަތޮޅުގައި ޒުވާނުންނާއި ކުޑަކުދިންގެ ނިސްބަތް އިތުރެވެ. ނަމަވެސް، މީގެ 37 އަހަރު ފަހުން ޒުވާނުންނާއި ކުޑަކުދިންނަށްވުރެ އުމުރުން ދުވަސްވީ މީހުން ބޮޑުތަނުން އިތުރުވާނެނެކަމަށް އަންދާޒާ ކުރެވެއެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް %40 އަށްވުރެ މަތިވާއިރު، ކުޑަކުދިންގެ އާބާދީ މިހާރަށްވުރެ ދެގުނަ ދަށްވާނެކަމަށް ރިޕޯޓުން ދައްކައެވެ.

މި ބަދަލުތަކުގެ އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ޒުވާނުން ވަޒީފާއާއި ތައުލީމުގެ ފުރުސަތުތައް ހޯދުމަށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރުމެވެ. މީގެ ސަބަބުން އަތޮޅުގެ އާބާދީއިން އެންމެ ބޮޑުތަނުން މަދުވާނީ މަސައްކަތްކުރާ އުމުރުފުރާ ނުވަތަ ޒުވާނުންނެވެ. މިއީ އަތޮޅުގެ އިގްތިސާދީ ދުވެއްޔަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. އާބާދީގެ އަދަދަށް ބަލާއިރުވެސް، މިހާރު ހއ. އަތޮޅުގައި ދިރިއުޅޭ 17,000 މީހުންގެ އާބާދީ 13,000 އަށް ތިރިވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

ޖިންސުގެ ނިސްބަތަށް އަންނާނެ ބަދަލަކީވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކަމެކެވެ. 2062 ވަނަ އަހަރާ ހަމައަށް ދާއިރު، ހއ. އަތޮޅުގައި ފިރިހެނުންނަށްވުރެ އަންހެނުންގެ ނިސްބަތް އިތުރުވާނެއެވެ. އަންދާޒާކުރެވޭ ގޮތުގައި ކޮންމެ 83 ފިރިހެނަކަށް 100 އަންހެނުން ތިބޭނެއެވެ. މިފަދަ ހާލަތެއް މެދުވެރިވާއިރު، މަސައްކަތު އުމުރުފުރައިގެ ދިވެހި ފިރިހެނުން މަދުވެ، އަތޮޅުގައި މަސައްކަތްކުރާ ފިރިހެނުންގެ ތެރެއިން ދިވެހިންނަށްވުރެ ބިދޭސީންގެ ނިސްބަތް އިތުރުވެގެން ދާނެކަމަށް އެ ރިޕޯޓްގައި އަންދާޒާ ކޮށްފައިވެއެވެ. އެކަމުގެ ސަބަބުން ނުކުންނާނެ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް އެކަކަށްވުރެ ގިނަ އަނބިންނާއި ކައިވެނިކުރާ ފިރިހެނުންގެ ނިސްބަތް އިތުރުވާންޖެހޭނެކަމަށް ބެލެވެއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު 65 އަހަރުން މަތީގެ އާބާދީގައި ގިނައީ ފިރިހެނުންނެވެ. ނަމަވެސް 2062 ވަނަ އަހަރު އަންނައިރު އުމުރުން ދުވަސްވީ އާބާދީގައިވެސް ނިސްބަތުން ގިނަވާނީ އަންހެނުންނެވެ.  އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވެ، އެމީހުން ގިނަދުވަހު ދުނިޔޭގައި ތިބޭނެ ކަމަށް އަންދާޒާ ކުރެވޭއިރު، އެފަދަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އަދި އިޖުތިމާއީ ވަސީލަތްތައް ހއ. އަތޮޅުގައި މިހާރު ހުރީ ވަރަށް މަދުންކަން ފާހަގަކުރެވެއެވެ. މިއީ މުސްތަގުބަލަށްޓަކައި ކައުންސިލްތަކުންނާއި ސަރުކާރުން ޕޮލިސީ ލެވެލްގައި ނުވަތަ ސިޔާސަތުތައް އެކުލަވާލުމުގައި ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ ހާއްސަ ފަރުވާއާއި، އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމުތައް މިހާރުން ފެށިގެން އަވަސް ސްޕީޑެއްގައި ތަރައްޤީ ކުރަންޖެހެއެވެ.

މިގޮތުން، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާނެ އެންމެ މުހިންމު އެއް ކަމަކީ އެމީހުން ބަލަހައްޓާނެ ‘ނާސިންގ ހޯމް’ ފަދަ މަރުކަޒުތަކާއި، ގޭގައި ތިބެގެން ފަރުވާ ހޯދޭނެ ‘ހޯމް ކެއަރ’ގެ ޚިދުމަތްތަކެވެ. އާބާދީ މުސްކުޅިވުމުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުން ގިނަވެ، ސިއްހީ ނިޒާމަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެއެވެ. ހއ. އަތޮޅުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަކީ އުމުރުން ދުވަސްވީ މީހުންގެ ބަލިތަކަށް (Geriatrics) ޚާއްސަ ޑޮކްޓަރުންނާއި ނަރުހުން ތިބި ތަންތަނަށް ހަދަންޖެހެއެވެ. ނޫންނަމަ، މަސައްކަތްކުރާ އުމުރުގެ މީހުން މަދުވެފައި ބަލިމީހުން ގިނަވުމުގެ ސަބަބުން މުޅި ސިއްހީ ނިޒާމު އޯވަރ ލޯޑް ވުމުގެ ފުރުސަތު އެބައޮތެވެ.

2062 ވަނަ އަހަރު އަންނައިރު ހއ. އަތޮޅުގެ އާބާދީއަށް އަންނާނެ ކަމަށް ލަފާކުރެވޭ މި ބަދަލުތަކަކީ ދައުލަތުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. އުމުރުން ދުވަސްވީ މީހުން ގިނަވުމާއި، ޒުވާނުން މަދުވުމަކީ އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން އަތޮޅަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ. މިކަމަށް ތައްޔާރުވުމަށްޓަކައި، އަތޮޅުގައި ޒުވާނުން މަޑުކުރުވުމަށް ބޭނުންވާ ވަސީލަތްތަކާއި ފުރުސަތުތައް ގާއިމުކުރުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ.