ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިންތިޚާބަކީ އިހަވަންދޫގެ ސިޔާސީ ތާރީޚުގައި އާ ސޮފުހާއެއް އުފަންކުރުވި އިންތިޚާބެކެވެ. މި އިންތިޚާބުން އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ، އިހަވަންދޫގެ ސިޔާސީ މަސްރަޙުގައި މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ބޮޑެތި ބަދަލުތަކެއް ފެނިގެންދިޔުމެވެ.
މި ފަހަރުގެ އިންތިޚާބަކީ އިހަވަންދޫގެ ތާރީޚުގައިވެސް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރި އިންތިޚާބެވެ. ޖުމުލަ 32 ކެނޑިޑޭޓުން އިންތިޚާބުގައި ވާދަކުރިއިރު، އިހަވަންދޫ ކައުންސިލަށް އެކަނިވެސް 17 ކެނޑިޑޭޓަކު ވާދަކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރު ހިންގާ ޕީއެންސީގެ 5 ކެނޑިޑޭޓުންނާއި، އިދިކޮޅު އެމްޑީޕީގެ 5 ކެނޑިޑޭޓުންގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި 7 ކެނޑިޑޭޓުންނެވެ. ހަމައެއާއެކު، އ.ތ.މ ކޮމިޓީއަށް 15 ކެނޑިޑޭޓުން ވާދަކުރިއިރު، އޭގެ ތެރޭގައިވެސް ޕީއެންސީން 5، އެމްޑީޕީން 5 އަދި އަމިއްލަ ގޮތުން 5 ކެނޑިޑޭޓުން ހިމެނެއެވެ.
ރައްޔިތުންގެ ސީދާ ވޯޓަކުން ރަށްރަށުގެ ވެރިން ހޮވަން ފެށި ފަހުން، އިހަވަންދޫގައި މިހާތަނަށް ބޭއްވި އެއްވެސް އިންތިޚާބެއްގައި މިނިވަން ކެނޑިޑޭޓަކަށް ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، މި ފަހަރުގެ އިންތިޚާބާއެކު އެ ބޮޑު “ހަޤީޤަތް” މިވަނީ ބަދަލުވެފައެވެ. ސިޔާސީ ޕާޓީއެއްގެ ފިކުރަށް ނުބަލައި، އަމިއްލަ ގޮތުން ވާދަކުރި 3 ޒުވާނަކު ވަނީ އިންތިޚާބު ކާމިޔާބުކޮށް، ސިޔާސީ ޕާޓީތަކުގެ ގަދަފަދަ ބާރުތަކަށް ސިހުން ގެނުވާފައެވެ.
އަމިއްލަ ގޮތުން ވާދަކޮށް، އިހަވަންދޫ ކައުންސިލް މެންބަރުކަމުގެ ގޮނޑި ކާމިޔާބު ކުރި މުހައްމަދު ފިރާގު ވަނީ 743 ވޯޓު ހޯދާފައެވެ. މީގެ އިތުރުން، ކައުންސިލުން އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިއަށް އަމިއްލަ ގޮތުން ވާދަކުރި އާއިޝަތު ސަމާހަތު ވަނީ 864 ވޯޓު ހޯދައިގެން ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއީ އިހަވަންދޫގައި ބޭއްވި އިންތިޚާބެއްގައި އަމިއްލަ ގޮތުން ވާދަކޮށްގެން ކެނޑިޑޭޓަކު މިހާތަނަށް ހޯދި އެންމެ ގިނަ ވޯޓެވެ. މީގެ އިތުރުން އިހަވަންދޫ އ.ތ.މ ކިމިޓީއަށްވެސް އަމިއްލަގޮތުން ވާދަކުރި ކެނޑިޑޭޓަކުވަނީ އިންތިހާބުވެފައެވެ. އެއީ 771 ވޯޓާއި އެކު އިންތިހާބުވި ހަލީމަތު ހުރާސަތުއެވެ.
މި ނަތީޖާއާއެކު އިހަވަންދޫގެ ރައްޔިތުން މިވަނީ، ތަޢުލީމީ އަދި ޤާބިލު ޒުވާނުންނަށް އިތުބާރުކުރާކަން ސާބިތުކޮށްދީފައެވެ. މިއީ އިހަވަންދޫގެ ސިޔާސީ ކުރިމަގު ބަދަލުވެގެންދާނެ ކަމުގެ ފެށުމެއްގެ ގޮތުގައިވެސް ވެދާނެއެވެ.
މިފަހަރުގެ އިންތިޚާބުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ކުރީގެ އިންތިޚާބުތަކާ ޚިލާފަށް އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން ގިނަ ބަޔަކު އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ. އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރި 12 ކެނޑިޑޭޓުންގެ ތެރެއިން 10 ކެނޑިޑޭޓުން މަސައްކަތް ކުރީ ވަރަށް ބަދަހި އެއް ޓީމެއްގެ ގޮތުގައެވެ.
ނަމަވެސް، މި ކެނޑިޑޭޓުންނަށް ތާއިދު ހޯދައިދިނުމަށް ބައެއްފަރާތްތަކުން ކުރި މަސައްކަތްތަކަކީ “މިނިވަން” މަސައްކަތްތަކެކޭ ބުނެވޭނެ ޖާގައެއް ނެތެވެ. ސަރުކާރުގެ ކުންފުނިތަކަށް ނުފޫޒު ފޯރުވައިގެން ބައެއް ފަރާތްތަކުން ހިންގި ކަންކަމާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ސިޔާސީ މަޤާމުތަކުގައި ތިއްބެވި އިހަވަންދޫއަށް ނިސްބަތްވާ ގިނަ ފަރާތްތަކެއް ތިބީ ފާޅުގައި މި ކެނޑިޑޭޓުންގެ ފަހަތުގައެވެ. މިއީ އިންތިޚާބުގެ ނަތީޖާއަށް ވަރަށް ބޮޑު ނުފޫޒެއް ފޯރުވި ކަމެއްގެ ގޮތުގައި ބެލެވެއެވެ.
އިންތިޚާބު ކާމިޔާބު ކުރި ތިން ޒުވާނުންނަށް މިހާރު އޮތީ ބޮޑު އިމްތިޙާނެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ކެނޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރުމާއެކު ސިޔާސީ ބޮޑެތި ޕާޓީތަކުން އަންނަނީ އެކިއެކި “އޮފާރތައް” ހުށަހަޅަމުންނެވެ. އަދި މަޤާމުގެ ހުވާކުރުމުގެ ކުރިން އެ ޕާޓީތަކާ ގުޅުމަށް ބާރުއަޅައި ދައުވަތުތައް ދަނީ ލިބެމުންނެވެ.
އެހެންކަމުން، އިހަވަންދޫގެ ރައްޔިތުން “މިނިވަން” ކެނޑިޑޭޓުންގެ ގޮތުގައި އެ ޒުވާނުންނަށް ކުރި އިތުބާރަކީ ސައްޙަ އިތުބާރެއްކަން ޔަޤީންވެގެންދާނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ބޭފުޅުން ސިޔާސީ ގޮތުން ނިންމަވާ ނިންމުންތަކުގެ މައްޗަށެވެ. ރައްޔިތުން ތިބީ އެ ބޭފުޅުން މިނިވަންކަންމަތީ ދެމިތިބޭނެތޯ ނުވަތަ ސިޔާސީ އޮއިވަރުގައި ޖެހި ޕާޓީތަކާ ގުޅޭނެތޯ ބަލަން ވަރަށް ފާރަވެރިވެގެންނެވެ.