ދިވެހި ނޫސްވެރިކަމަށް 88 އަހަރު

މުހައްމަދު ޢަބުދުއްޞަމަދު

ޤާނޫނީ މިނިވަންކަން ލިބިގެން  ރަސްމީ ސިފައެއްގައި ދިވެހިރާއްޖޭގައި ލިޔުންތެރިކަމާއި ނޫސްވެރިކަން ފެށުނުތާ މިއަދު 88 އަހަރުވީއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ލިޔުންތެރީންގެ ދުވަހެއް ފާހަގަކުރަން ފެށީ 8 ޖުލައި 1993 ގައެވެ. ލިޔުންތެރީންގެ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ ލިޔުންތެރީންގެ އަގުވަޒަންކުރުމާއި ލިޔުންތެރިންނަށް ހިތްވަރުދީ ރާއްޖޭގެ ލިޔުންތެރިކަން ކުރިއެރުވުމެވެ. ދިވެހި ބަހާއި އަދުގެ ތާރީޚްގެ ތެރެއިން 8 ޖުލައި ފާހަގަ ކުރެވިގެން ދަނީ ރާއްޖޭގެ ފުރަތަމަ ނޫސް މަޖައްލާ ” އަލްއިޞްލާޙް” 8 ޖުލައި 1933 ގައި ނުކުމެފައި ވާތީ އެވެ. އެހެން ނަމަވެސް އެދުވަހާ ހަމަޔަށް ވެސް ދިވެހިންގެ ގައުމީ ތާރީޚްގައި ބަހާއި އަދަބާއި ލިޔުންތެރިކަމުގެ ދިގު މާޒީއެއް  އައީ ގުނެމުން ފުރިހަމަ ވަމުންނެވެ.

ފުރަތަމަ ފަހަރަށް  ރާއްޖޭގައި ލިޔުންތެރިންގެ ގިނަބަޔަކު ބައިވެރިވެގެން ނެރުނު ” އަލްއިޞްލާޙް” މަޖައްލާގެ އިސްވެރިންގެ ގޮތުގައި ތިއްބެވީ ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލް ޙައްޤާނިއްޔާ ( މިނިސްޓްރީ އޮފް ލޯވ، ޖަސްޓިސް އެންޑް ރިލިޖަސް އެފެއާޒް) ފަޟީލަތުއްޝައިޚް  ޙުސެއިން ޞަލާޙުއްދީނާއި ވަޒީރުލް މަޢާރިފް ( މިނިސްޓްރީ އޮފް އެޑިޔުކޭޝަން) އަދި ވަޒީރުލްދާޚިލިއްޔާ (މިނިސްޓްރީ އޮފް ހޯމް އެފެއާޒް) އަލްއުސްތާޛް އަޙްމަދު ކާމިލް ދީދީ އެވެ.  ކާމިލް ދީދީ އަކީ މިމަޖައްލާގެ މުޙައްރިރު، މުދީރެވެ (އެޑިޓަރ، ޑިރެކްޓަރ). ހުސެއިން ޞަލާޙުއްދީނަކީ މަޖައްލާގެ ރައީސުއްތަޙުރީރު ( އެޑިޓަރ އިން ޗީފް ) އެވެ.

މި މަޖައްލާ ނެރޭގޮތަށް ހަމަޖައްސަވާފައިއޮތީ ކޮންމެ ހިޖުރީ މަހެއްގެ 15 ވަނަ ދުވަހު އެވެ.

މިމަޖައްލާއަކީ “ހުރިހާ ރަހައެއް އެކުލެވޭ” ފުރިހަމަ ނޫސް މަޖައްލާއެކެވެ. މަޖައްލާގެ ލިޔުންތަކުގެ ތެރޭގައި ސިޔާސީ، އިގްތިސާދީ، އަދި އިޖްތިމާއީ، ތައުލީމީ، ޢިލްމީ، ބަހަވީ ، އަދަބީ ތާރީޚީ، ސަގާފީ، ޞިއްޚީ، އަދި އާއީޖާދުތަކާއި ބެހޭ ލިޔުންތަކުގެ އިތުރުން، ދުނިޔޭގެ އެކިއެކި ތަންތަނުގެ ޚަބަރުތަކާއި އިއުލާންތަކާއި އިޝްތިހާރުތައް ހިމެނެއެވެ.

އަލްއިސްލާޙް މަޖައްލާގެ ފުރަތަމަ އަދަދު؛ މިމަޖައްލާގައި ތަފާތު ރަހަތަކުގެ ލިޔުންތައް ހިމެނޭ

“އަލްއިސްލާޙް” މަޖައްލާއަކީ ދިވެހިރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ ފެށުމެވެ. ފުރަތަމަ ޤާނޫނު އަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިން ނެރެވުނު ފުރަތަމަ ނޫސް މަޖައްލާއެވެ. މި މިނިވަންކަން ފުރަތަމަ ލިބުނީ 22 ޑިސެމްބަރު 1932 ގައި ފާސްކުރި ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގެ 12 ، 13 ވަނަ މާއްދާ އިންނެވެ.

ގައުމެއްގެ ގައުމީ ތާރީޚުގައި ލިޔުންތެރިންނަކީ ވަރަށް މުހިންމު ބައެކެވެ.  ގައުމުގެ އާންމު ބުއްދި ނުފޯރާ ހިސާބަށް މުޖުތަމައު ގެންގޮސް ދެނީ ލިޔުންތެރިންނެވެ. ގައުމުގެ އާންމު ވިސްނުމުން ވިސްނަން ނޭނގިފައި ހުންނަ ކަންކަން ވިސްނަން ދަސްކޮށްދެނީ ލިޔުންތެރިންނެވެ. ގައުމުގެ އަމިއްލަ ވަންތަކަމާއި އިސްތިގުލާލު ނަގަ ހައްޓައި ދަމަހައްޓައިދީ، ޒަމާނުގެ އޮޔާ ވައިގައި ރަނގަޅު މިސްރާބަކަށް ގައުމު ހިފައްޓައިދިނުމުގެ އާރުކާޓީންނަކީ ލިޔުންތެރިންނެވެ.

އެހެންކަމުން، މާއްދާ 25 އޮއްބައި ހިފަހައްޓައިގެން، ލިޔުންތެރިންނަށް ބިރުދައްކައިގެން ގައުމެއް ތަރައްގީއެއް ނުވާނެއެވެ. ޑިމޮކްރަސީ ހަރުދަނާއެއް ނުކުރެވޭނެއެވެ. ލިޔުންތެރިންނަކީ ގައުމުގެ ތާރީޚު ލިޔާ މީހުން ކަމަށް ވީހިނދު ގައުމުގެ ތާރީޚު މިނިވަންކަމާއެކު ލިޔުމުގެ ފުރުޞަތު ލިޔުންތެރިންނަށް ނުދީ ގައުމު އިސްލާޙެއް ނުކުރެވޭނެއެވެ.

“އަލްއިސްލާޙް” މަޖައްލާއަކީ އިސްލާހީ ފިކުރީ ހަރަކާތެކެވެ. މުޖުތަމައަށް އަންނާން ހުރި ގޮންޖެހުންތަކާއި، ގައުމުގެ ތަރައްގީގެ ދުވެލީގެ ރަނގަޅު މިސްރާބުތަކާއި، ބަވަނަވަންތަ ދުނިޔޭގެ ބައިވެރިއެއްގެ ގޮތުން ގައުމު ކުރިއަރައި ދިއުމުގައި އެއިރު ބައިވެރި އެންމެ މުހިއްމު އެއްބައިވެރިއެވެ. ޒުވާންނުންނަށް ވިސްނަނށް ދަސްކޮށްދިން ވިސްނުން ތަރައްގީކޮށްދިން ވަޞީލަތެކެވެ.