ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ އޮފީސް ގާއިމުކުރުމުގެ މަސައްކަތާއި، އިހަވަންދޫ ކުނިކޮށި ތަރުތީބުކޮށް އިންތިޒާމްކުރުމުގެ ތައްޔާރީތައް ބާރުމިނުގައި ކުރިޔަށް ދާކަމަށް އެކުންފުނިން ބުނެފިއެވެ. ވެމްކޯއިން މިހެންބުނީ، ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށޭނެ ތާރީހަކާއި ގުޅޭގޮތުން މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.
ވެމްކޯއިން މައުލޫމާތު ދިންގޮތުގައި، މިކަމަށް ބޭނުންވާ ވެހިކަލް ހޯދުމަށް ސަރުކާރުން ކުރި އިއުލާނާއި ގުޅިގެން، އެމަސައްކަތް މިހާރުވަނީ ބަޔަކާއި ހަވާލުކޮށްފައެވެ. އެހެންކަމުން އެވެހިކަލްތައް ލިބުނުހާ އަވަހަކަށް، މިހާރުތިބި 7 މުވައްޒަފުންގެ އިތުރަށް ނެގޭ މުވައްޒަފުންނާއި އެކު ކުނި ގޭގެއިން ނެގުމުގެ އަމަލީ މަސައްކަތްތައް ރަސްމީކޮށް ފެށިގެން ދާނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ތަފާތު ތާރީހުތަކެއް ދެމުންދާތާ 1 އަހަރާއި 10 މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އިހަވަންދޫގައި އެކުންފުނީގެ މަސައްކަތް އަދި ނުފެށެއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހު އެކުންފުނިންބުނީ، އިހަވަންދޫ ކުނިކޮށި، ރައްޔިތުންނަށް ޙިދުމަތް ދެވޭ ފެންވަރަށް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ރޭވިފައިވާތީ، ކުނިކޮށީގެ މަސައްކަތް ނިމުނުހާ އަވަހަކަށް ވެމްކޯގެ މަސައްކަތް ފެށުމަށް ތައްޔާރީ ހާލަތަށް އިހަވަންދޫ ސައިޓް ގެނެވިފައިވާކަމަށެވެ. ނަމަވެސް ކުނިކޮށި ތަރައްޤީކުރުމުގެ މަސައްކަތް އަދިވެސް ފެށިފައެއް ނުވެއެވެ. ނަމަވެސް މިފަހަރު ބުނެފައި އެވަނީ، ވެހިކަލްތައް ލިބުނުހާ އަވަހަކަށް އިތުރަށް ނަގާ މުވައްޒަފުންނާއިއެކު، ގޭގެއިން ކުނި ނެގުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފެށިގެންދާނެ ކަމަށެވެ.
އެކުންފުނީގެ މަސައްކަތް ރަސްމީކޮށް ނުފެށުނު ނަމަވެސް އިހަވަންދޫ ސައިޓްގައި ހަރަކާތްތެރިވާ އެކުންފުނީގެ މުވައްޒަފުންގެ އަދަދު މަޑުމަޑުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު 3 މުވައްޒަފުން ތިބިއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު 5 މުވައްޒަފުން ތިބިއިރު މިހާރު އެވަނީ އެއަދަދު 7 އަށް އިތުރުވެފައެވެ.
ވެމްކޯގެ ހިދުމަތް އިހަވަންދޫގައި ފެށުމަށް ކުރެވޭ މަސައްކަތުގެ ބައެއް ޓައިމް ލައިން: