ކުލަބުހައުސްގައި މެންބަރު ޝިފާޢު އާ އެކު އިހަވަންދޫ ތަރައްގީގެ ސައްލާ

މުހައްމަދު ޢަބުދުއްޞަމަދު

ރައްޔިތުންގެ ޚިޔާލުތަކާއި ޝުޢޫރުތައް ކުރީގައި އަޅުގަނޑުމެން ފާޅުކުރަނީ ހޮޅުއަށިތަކުގައެވެ. ރައްޔިތުން އެއްވެއުޅޭ މާލަންތަކުގައެވެ. މިހާރު ރަށުގެ އެކިއެކި ކަންތައްތަކާ ބެހޭގޮތުން ރައްޔިތުންގެ އަޑުއިއްވާ ޚިޔާލުފާޅުކުރަނީ މީސް މީޑިއާ ގެ އެކިއެކި މަންސަ ތަކުގައެވެ. އަދި ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް އާއްމުކޮށް އަންގާ އެންގުންތަކާއި މެސެޖުތަކާއި އިއުލާންތައް ވެސް މިހާރު އަންގަނީ މިދެންނެވި މީސް މީޑިއާ ގައެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކަކީ އަޅުގަނޑުމެންނާ ވަރަށް ދޯޅު އެއްޗެކެވެ. ދުވަސް ފެށުމުގެ ގޮތުން ޓުވީޓެއް ކޮށްލުމާއި, ނިދުމުގެ ކުރިން, ފޭސްބުކުގައި ސްޓޭޓަސްއެއް ޖަހާލުމަކީ، މިހާރު ހަމަކޮންމެ މީހެއްގެ ވެސް އާދައެކެވެ. އޮފީސްތަކުގެ ނޫސްބަޔާންތަކުން ފެށިގެން މުހިއްމު އިއުލާންތަކާއި, ވިޔަފާރި ކުންފުނި ތަކުގެ އިސްތިހާރު ކުރުމުގައިވެސް މިހާރުމިވަނީ މީސް މީޑިއާ އެކިއެކި މަންސަ ތަކުގެ ބާރު މާގަދަކޮށްލާ ފައެވެ.

މިގޮތުން މީސް މީޑިއާގެ ޕްލެޓްފޯމެއް ކަމަށްވާ ކުލަބުހައުސްގައި، އަންނަ އަހަރު ދައުލަތުގެ ބަޖެޓްގައި އިހަވަންދުއަށް ގެންނަން އެދޭ ތަރައްޤީގެ މަޝްރޫޢުތަކާއި މިހާރު ހިނގަމުންދާ ތަރައްޤީގެ ޕްރޮގްރާމްތަކާ ގުޅޭގޮތުން އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު މުހައްމަދު ޝިފާއާ އެކު ވަނީ ސައްލާއެއް ބާއްވާފައެވެ.  ކުލަބުހައުސްގައި ހުކުރު ދުވަހުގެ ރޭ 9:00 ގައި ، ބޭއްވި ސައްލާގައި އިހަވަންދޫގެ ޒުވާނުން ބައިވެރިވެ ޚިޔާލު ހުށަހެޅުއްވިއެވެ. ކުލަބުހައުސްގައި މިސައްލާ މޮޑަރޭޓްކޮށްދެއްވީ ހައުސިން މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ މުހައްމަދު އާރިފް އެވެ.

މިސައްލާގައި އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ރަޝީދުއާއި ޑެޕިއުޓީ ޕްރިންސިޕަލް މުހައްމަދު ޢަބްދުއްޞަމަދު އާއި ޞިއްހީމަރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް، އަލްފާޟިލް މުޙައްމަދު އަކުރަމްގެ އިތުރުން ، އުސްތާޛު އަބްދުލްމާނިއު ހުސެއިން އާއި، ސްކޫލް ޓީޗަރ އަހުމަދު އަލީ އާއި،  އެރޯމާ މައުމޫނު އަބްދުއްޞަމަދާއި އާރު، އިބްރާހީމް ނަޝީދު އާއި ހާމިދު ނަޝީދު އާއި ރަށްމެދުގޭ އަހުމަދު ނަސީރު ބައިވެރިވެ ލެއްވި އެވެ. އަދި ދިލްޝާދު ހަސަން މޫސާ ފާޅުކުރެއްވި ފައިބަރު މަސައްކަތާ ބެހޭ ޚިޔާޅު ފާހަގަކޮށްލެވެއެވެ.

ހަސަން މޫސާ ދެކިލައްވާގޮތުގައި އިހަވަންދޫގައި ފައިބަރު ދޯނި ބަންނަނީ އޮޑިވެރިޔާއެވެ. ދޯނި ބަންނަން ހަރުގެ އަޅަނީ އޮޑިވެރިޔާ އެވެ. ދޯނި ބަނުމުގެ ހުރިހާ މަސައްކަތެއް އަމަލީގޮތުން ކުރަނީ އޮޑިވެރިޔާ އެވެ.  އޭނާ ފާހަގަކުރެއްވީ ، މިސާލަކަށް ގެއެއް އިމާރާތްކުރަން ބޭނުންވާ މީހާ ގެ އެޅުމަށްޓަކައި ވާހަކަދައްކަނީ ކޮންސްޓްރަކުޝަން މަސައްކަތްކުރާ ބަޔަކާއެވެ. މީގެ ބަދަލު ފައިބަރުން ދޯންޏެއް ބަންނަންބޭނުންވާ އޮޑިވެރިޔާ ތަކެތި ހޯދުމަށްފަހު އެމަސައްކަތް ކުރަނީ އޮޑިވެރިޔާއެވެ. އެހެންކަމުން، އިހަވަންދޫގައި ފައިބަރުން އޮޑިދޯނިފަހަރު ބަނުމުގައި މިހާރު މިގެންގުޅޭ ސަގާފަތް ބަދަލުކޮށް އެމަސައްކަތްކުރާ އެކަމުގެ ފަންނުވެރިންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބޭނެގޮތަށް އެސިނާޢަތަށް ބަދަލުގެންނަން ޖެހެއެވެ. ހަސަން މޫސާ އަކީ ފައިބަރު މަސައްކަތް ކުރާ ހުނަރުވެރި ޒުވާނެކެވެ.

މިސައްލާގައި ޒުވާނުންނަށް ކެރިއަރ ގައިޑެންސް ދިނުމާއި، ފަތުރުވެރިކަން ތަޢާރަފްކުރުމާއި ، ޞިއްޙީ ދާއިރާ އާއި ތައުލީމީ ދާއިރާގެ ތަރައްގީ އާ ގުޅޭގޮތުންނާއި މަގުހެދުމާއި ބިންހިއްކުމާ ގުޅޭގޮތުން މިސައްލާގައި ބައިވެރިމި މީހުން ޚިޔާލު ފާޅުކޮށްފައި ވެއެވެ.

މިސައްލާގައި އިހަވަންދޫ ކައުންސިލް މެންބަރަކު ބައިވެރި ނުވާކަން ފާހަގަކުރެވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރޭގެ އެވަގުތު ކައުންސިލްގެ ހަރަކާތެއް އޮތުން މިސައްލާގައި ކައުންސިލް މެންބަރަކަށް ބައިވެރިނުވެވުނީ އެވެ. މީގެ އިތުރު ސައްލާއެއް، އެހެން މައުލޫއަކަށް އަންނަ ހުކުރުދުވަހުގެ ރޭ އޮންނާނެ ކަމަށް އާރިފް މައުލޫމާތު ދެއްވި އެވެ.

ކުލަބުހައުސްއަކީ މީސް މީޑިއާގެ އެޕްލިކޭޝަނެކެވެ. ވާހަކަދައްކާ ޚިޔާލު ފާޅުކޮށް މަޝްވަރާކުރުމުގެ ޕްލެޓްފޯމެކެވެ. ވާހަކަދެއްކުމާއި އަޑު އެހުމުގެ މަންސަ އެކެވެ. ހާހަކަށް ވުރެން ގިނަ މީހުންނާއެކު ވާހަކަދައްކާލަން ފައްކާ ހޮޅުއަށްޓެކެވެ. މި އެޕްލިކޭޝަން އެންމެ ފުރަތަމަ ތައާރަފްކޮށްފައިވަނީ 2020 މާރިޗް ގައި، އަލްފާ އެކްސްޕޮލަރޭޝަން ކޯ ގެ ޕޯލްޑެވިޝަން އާއި ރޯހަން ސެތް އެވެ. ކުލަބުހައުސް އެންޑްރޮއިޑް އެޕްލިކޭޝަންގެ ފުލް ވަރޝަން އާއްމުންނަށް ހުޅުވާލާފައިވަނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ. ކުލަބުހައުސް  ވައިގައިހިފުމުން ، ފޭސްބުކާއި ޓްވިޓާއިން ވެސް ޕޮޑްކާސްޓް ފީޗަރސް ލުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންމެވެ.