އިހަވަންދިއްޕޮޅުން ޑަވިޔަނިއަތޮޅުގެ އަޑު

ޢަބްދުލްމާނިޢު ޙުސައިން

ގުދުރަތުން ދިވެހިރާއްޖޭގައި 26 އަތޮޅު ލެއްވިޔަސް، އެންމެ އިހުންސުރެ ފެށިގެން އިދާރީގޮތުން އަތޮޅުތައް ބަހައި ތަރުތީބުކުރަނީ ގުދުރަތުގެ ބައިވުންތަކުގެ އިތުރުން އެ ނޫން އެހެން އެތައް ކަމަކަށް ބެލެވިގެންނެވެ. އިހުގައި ރާއްޖެ ބައިކޮށްފައި އޮތީ 12 އިދާރީ އަތޮޅަށެވެ. އެ ފަހުން ތަފާތު ސަބަބުތަކާހުރެ އެކި ގޮތަަށް ބަދަލުވަމުން ގޮސް މިހާރު ރާއްޖޭގެ އިދާރީ ދާއިރާތައް ބައިވެފައި އޮތީ 20 އިދާރީ އަތޮޅާއި މާލޭގެ މައްޗަށެވެ. މި ބައިވުންތަކުގެ ނަންތައް ގާނޫނުއަސާސީގެ ޖަދުވަލު 2ގައި ބަޔާންކޮށްފައިވޭމެއެވެ.

އިހުގައި ވެސް އަދި މިހާރުގައި ވެސް އިދާރީގޮތުން ރާއްޖެ ބައިކޮށްފައިވާ ގޮތުގެ މައިގަނޑު ބިނާއަކީ ގުދުރަތުން ރާއްޖެ ފެޅިފައި ހުރި ގޮތެވެ. ގުދުރަތީ އަތޮޅުތަކުން ރާއްޖެ ބުރިވެފައި ހުރި ގޮތެވެ. މީގެ އިތުރުން، ސިޔާސީ އިގުތިސޯދީ ގުދުރަތީ އަދި އެ ނޫން ވެސް ސަބަބުތަކަށް އިދާރީ ބެހުންތައް ބަރޯސާވިއެވެ.

އެކި ޒަމާންތަކުގައި ރާއްޖޭގެ އިދާރީ ބައިކުރުމަށް ގެންނަމުންދިޔަ ބަދަލުތަކަށްފަހު އަދު ދެކޭން މި އޮތް ގޮތާމެދު ވިސްނާއިރު، ގުދުރަތީ އެެއް އަތޮޅުގެ މައްޗަށް ބައެެއް އިދާރީ އަތޮޅުތައް ބައިކޮށްފައި ހުރިއިރު، އަނެއް ބައި އިދާރީ އަތޮޅުތައް ހުރީ ގުދުރަތީ އެއް އަތޮޅަށްވުރެ ގިނަ އަތޮޅު ހިމެނޭ ގޮތަށެވެ. އަދި ގުދުރަތީ އަތޮޅު ބުރިކޮށް އެއް އިދާރީ އަތޮޅަށްވުރެ ގިނަ އަތޮޅު ވެސް އުފައްދާފައިވޭމެއެވެ.

ފާދިއްޕޮޅާއި މުލަކަތޮޅާއި ނިލަންދެއަތޮޅު ދެބުރި އާއި ކޮޅުމަޑުލާއި ހައްދުންމައްޗާއި ފުވައްމުލައް އަދި އައްޑުއަތޮޅަކީ ގުދުރަތީ އެެއް އަތޮޅުގެ މައްޗަށް އުފައްދާފައިވާ އިދާރީ އަތޮޅުތަކެވެ. ދެންހުރި އިދާރީ އަތޮޅުތަކަކީ ގުދުރަތީ އެއް އަތޮޅަށްވުރެ ގިނަ އަތޮޅު ހިމެނޭ ގޮތަށް، ނޫނިއްޔާ، ގުދުރަތީ އަތޮޅު ބުރިކޮށް އެއް އިދާރީ އަތޮޅަށްވުރެ ގިނަ އަތޮޅު ހިމެނޭހެން އުފައްދާފައި ހުރި އަތޮޅުތަކެވެ.

ތިލަދުންމަތީ އުތުރުބުރީގައި ތިލަދުންމަތިން ބުރިއަކާއި އިހަވަންދިއްޕޮޅު ހިމެނެއެވެ. ތިލަދަންމަތީ ދެކުނުބުރީގައި ތިލަދުންމަތިން ބައަކާއި މަކުނުދޫ އަތޮޅު ހިމެނެއެވެ. މިލަދުންމަޑުލު ދެ ބުރި ކަނޑާފައި ވަނީ ވެސް ތިލަދުންމަތިންނެވެ. ގުދުރަތީ ތިލަދުންމަތި އަތޮޅު، އިދާރީ ހަތަރު އަތޮޅު ހިއްސާކުރެއެވެ.

މާޅޮސްމަޑުލު އުތުރުބުރީގައި މާޅޮސް އުތުރުބުރި އާއި އެއްތިގިލި އަލިފުށި އަތޮޅު ހިމެނެއެވެ. މާޅޮސްމަޑުލު ދެކުނުބުރީގައި މާޅޮސް ދެކުނުބުރި އާއި ފަސްދޫއެތެރެ އާއި ގޮއިދޫ އަތޮޅު ހިމެނެއެވެ.

މާލެއަތޮޅު އެކުލެވިގެން ވަނީ ކާށިދޫ އަތޮޅާއި ގަހާފަރު އަތޮޅާއި މާލެ އަތޮޅު ދެ ބުރި އެކުލެވިގެންނެވެ.

އަރިއަތޮޅު އުތުރުބުރީގައި އަރިއަތޮޅު އުތުރުބައިގެ އިތުރުން ރަސްދޫ އަތޮޅާއި ތޮއްޑޫ އަތޮޅު ހިމެނެއެވެ. އަރިއަތޮޅު ދެކުނުބުރިއަކީ އަރިއަތޮޅު ދެކުނުބައެވެ. ވީމާ އަރިއަތޮޅު، އިދާރީ ދެ އަތޮޅު ހިއްސާކުރެއެވެ.

ފެލިދެއަތޮޅުގައި ފެލިދެއަތޮޅުގެ އިތުރުން ވައްޓަރު އަތޮޅު ހިމެނެއެވެ. ހުވަދުއަތޮޅު ދެބުރިއަކީ އެ އަތޮޅުގެ ދެ ފަޅިއެވެ.

މި ގޮތުން، މާލެއަތޮޅު ދެ ބުރި ނުހިމަނައި ބަލާއިރު، އިހަވަންދިއްޕޮޅާއި މަކުނުދޫ އަތޮޅާއި އެއްތިގިލި އަލިފުށި އަތޮޅާއި ފަސްދޫއެތެރެ އާއި ގޮއިދޫ އަތޮޅާއި ކާށިދޫ އަތޮޅާއި ގަހާފަރު އަތޮޅާއި ރަސްދޫ އަތޮޅާއި ތޮއްޑޫ އަތޮޅާއި ވައްޓަރު އަތޮޅާއި، މި އަތޮޅުތަކަކީ އެހެން އިދާރީ އަތޮޅުތަކުގައި ބައިވެރިވާ، އެހެނަސް ގުދުރަތީ ވަކި އަތޮޅުތަކެވެ. އިދާރީ އަތޮޅުތައް ބަޔާންވެފައި ހުންނައިރު އެއްވެސް ގޮތެއްގައި ފާހަގަވާން ނުހުންނަ، ފަރުދާވެ ގެއްލިފައިވާ އަތޮޅުތަކެވެ. ނިސްބަތުން ކުޑަކަމާއި ހީނަރުކަމާހުރެ އެހެން އަތޮޅުތަކަށް ނިސްބަތްކޮށް ބައިވެރިކޮށްފައި ހުރީއެވެ. ނަމަވެސް އަސްލުގައި މުޅިއަކުން އެހެނެއް ވެސް ނޫނެވެ.

ރާއްޖޭގެ އިދާރީ އަތޮޅުތައް ބައިވެފައި ހުރި ގޮތާމެދު ބަސްބުނުމީ ހެޔޮވާވަރު ކަމެއް ނޫންހެން ހީވެފައި އޮތަސް، ބައިކޮށްފައިވާ ގޮތުގައި އޮތް ބޮޑު އައިބަކާމެދު ވިސްނުން ހިންގައިލެވޭތޯ ހިންގަވާށެވެ.

ލިޔެކިއުމަށް ބަލާއިރު އެންމެ އިހުގައިމެ އަތޮޅުތައް އިދާރީގޮތުން ބައިކުރާއިރު އިހަވަންދިއްޕޮޅު ވައްދައިފައި އޮންނަނީ ތިލަދުންމައްޗަށެވެ. މިލަދުންމަޑުލު ދެ ބުރި އާއި ތިލަދުންމަތީގެ މައްޗަށް ބޮޑުތިލަދުންމަތި އިދާރީގޮތުން ތިންބައިވެފައި އޮތުމަށްފަހު، 1958 މެއި 21 ވަނަ ދުވަހު އިދާރީ ތިލަދުންމަތި ދެ ބުރިކޮށް ތިލަދުންމަތީ އުތުރަކާއި ދެކުނެއް އުފެއްދިއެވެ. އެހައިރުން އިހަވަންދިއްޕޮޅު ލެއްވީ ތިލަދުންމަތީ އުތުރަށެވެ.

އިހަވަންދިއްޕޮޅަކީ ރާއްޖޭގެ އެންމެ އުތުރަށް އޮތް ގުދުރަތީ އަތޮޅެވެ. ނިސްބަތުން ވަކި ކުޑަ ހީނަރު ދެރަ އަތޮޅެއް ނޫނެވެ. އަތޮޅުގެ އެންމެ ދިގު ގޮތަށް ތޭރަ ވަރަކަށް މޭލު ހުންނައިރު ފުޅާ މިނުގައި އަށެއްކަ މޭލު ހުރެއެވެ. މީލާދުން
1834 ގައި ރެކޯޑްކުރެވިފައިވާ ގޮތުން އެހައިތަނުގައި އިހަވައްދިއްޕޮޅުގައި 24 ހިކިފަސް ރަށް އޮތެވެ. ބައެއް ރަށް ގިރައިލީއެވެ. އަނެއްބައި ރަށް އެހެން ރަށްރަށާ އެކުވެ ލާމެހުނީއެވެ. މިހާރު އޮތީ 22 ރަށެވެ. ދާދިމިދާކަށް ދުވަހާ ހަމައަށް 7 ރަށުގައި މީހުން އާބާދުވެ ދިރިއުޅުނެވެ. ބެރިންމަދޫ އާއި ހަތިފުށިން މީހުން ބޭލުމާއެކު މި ހިނދު އޮތީ މީހުން ދިރިއުޅޭ 5 ރަށެވެ. އިހަވަންދޫ އާއި ހޯރަފުއްޓަކީ ރާއްޖޭގެ ނިސްބަތުން ވެސް އާބާދީ ބޮޑު ދެ ރަށެވެ. ހއ އަތޮޅު ކައުންސިލުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު އިހަވަންދިއްޕޮޅު ރަށްރަށުގެ ރަށްވެހިންގެ ރަޖިސްޓަރީގައި ޖެހިގެން މިދިޔަ މެއި މަހުގެ ނިޔަލަށް 8797 މީހުން އެބަ ތިއްބެވެ.

ވަކި އިދާރީ އަތޮޅެއްގެ ހައިސިއްޔަތު ލިބިފައި ނެތް އެހެން ގުދުރަތީ އަތޮޅުތަކުގެ ވަނަވަރަށް ބަލާއިރު އިހަވަންދިއްޕޮޅާ އަޅައިކިޔައިލަންވާވަރުގެ އަތޮޅެއް ވެސް ނެތެވެ.

މަކުނުދޫ އަތޮޅަކީ އަތޮޅުފުކެކެވެ. ކުދި ރަށްތަކަކާއެކު ކިރިޔާ ހަތަރު ރަށް ހަމަވާއިރު މީހުން އުޅެނީ މަކުނުދޫގައި އެކަންޏަވެ. އެއްތިގިލި އަލިފުށި އަތޮޅުގައި އެންމެ ދިގަށް ކިރިޔާ ދެ މޭލު ހަމަވާ ކަމެވެ. އަތޮޅުގައި އޮތީ މީހުން ދިރިއުޅޭ އަލިފުއްޓާއި ކުޑަ އެހެން ރަށެކެވެ.

ފަސްދޫއެތެރެއަކީ އެ ފަދަ އެހެން އަތޮޅުތަކުގެ ނިސްބަތުން ކުޑަ އަތޮޅެއް ނޫނެވެ. ޖުމްލަ ފަނަރަވަރަކަށް ރަށް އޮންނައިރު މީހުން ދިރިއުޅެނީ ހަމައެކަނި ކުޑަރިކިލުގައެވެ.

ގޮއިދޫ އަތޮޅު ވަރަށް ކުޑައެއް ނޫނެވެ. ނަމަވެސް އޮތީ ހަތަރު ރަށެވެ. މީހުން ދިރިއުޅޭ ގޮއިފުޅަފެހެންދޫ، މި ތިން ރަށުގައި ވެސް އާބާދީ ވަރަށް ވެސް މަދެވެ.

ކުޑަކުޑަ ކާށިދޫ އަތޮޅުގައި އޮންނަނީ މީހުން ދިރިއުޅޭ
ކާށިދޫ އާއި ހުރާގަނޑެެކެވެ. ގަހާފަރު އަތޮޅުގައި އޮންނަނީ ގާފަރު އެކަންޏެވެ.

ރަސްދޫ އަތޮޅު ވެސް ވަރަށް ކުޑައެވެ. ޖުމްލަ ތިން ރަށް އޮތަސް މީހުން ދިރިއުޅެނީ ރަސްދޫގައި އެކަންޏެވެ. މީހުން ދިރިއުޅޭ ތޮއްޑޫ ނޫން ރަށެއް ކުޑަކުޑަ ތޮއްޑޫ އަތޮޅަކު ނެތެވެ. ވައްޓަރުފަޅުގައި ވެސް އޮތީ ފަޅު ރަށެއް އެކަންޏެވެ.

ވީމާ، އަތޮޅުގެ ބޮޑު މިނުން މިންޏަސް، ފަޅު ރަށްރަށާއި މީހުން ދިރިއުޅޭ ރަށްރަށް ހުރި ވަރަށް ބެއްޔަސް، އަދި އަމުދުން އާބާދީގެ އަދަދުން ކިރިޔަސް، ދުވަހަކު ކޮޅުން ވެސް ކައިރިކޮށްލެވޭ ވަރު އަތޮޅެއް ވެސް އެ އަތޮޅުތަކަކު ނެތެވެ.

މީގެ 8 އަހަރު ކުރިން 2014 ގައި ބޯހިމެނިއިރު ގުދުރަތީ އިހަވަންދިއްޕޮޅު އަތޮޅުގައި ތިބި މީހުންގެ އަދަދަށްވުރެ، އިދާރީ އަތޮޅުތައް ކަމަށްވާ ފެލިދެއަތޮޅާއި މުލަކަތޮޅާއި ނިލަންދެއަތޮޅު އުތުރުބުރި އާއި ދެކުނު ބުރީގައި ތިބި މީހުންގެ އަދަދު މާ ބޮޑަށް ވެސް މަދެވެ. އަދި އަރިއަތޮޅު އުތުރުބުރީގައި ތިބީ އިހަވަންދިއްޕޮޅާ ދާދި އެއްވަރު އަދަދެކެވެ. ފެލިދެއަތޮޅުގައި ތިބީ ފަނަރަ ސަތޭކައެއްހާ މީހުންނެވެ.

5 ނޮވެމްބަރ 2018 ގައި އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ އިދާރީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ރިޕޯޓަށް ބަލާއިރު، އިސްވެ ފާހަގަކުރި އަތޮޅުތަކުގެ ރަށްވެހިންގެ އާބާދީ ވެސް އިހަވަންދިއްޕޮޅަށް ވުރެ ބޮޑުތަނުން ދަށެވެ.

ފެލިދެއަތޮޅާއި މުލަކަތޮޅާއި ނިލަންދެއަތޮޅު ދެ ބުރި ފަދަ އަތޮޅުތަކަށް އިދާރީ ވަކި އަތޮޅުތަކެއްކަމުގެ ހައިސިއްޔަތު ދީފައި ވަނީ ގުދުރަތީ ވަކި އަތޮޅުތަކެއް ކަމުގައި ވީތީއެވެ. އިހަވަންދިއްޕޮޅަށް ނުލިބޭ ވަކި އެހެން އެެއްވެސް ސިފައެއް އެ އަތޮޅުތަކަށް ލިބިފައި އޮތަތީކީ ނޫނެވެ. އިހަވަންދިއްޕޮޅަކީ ވެސް ގުދުރަތީ ވަކި އަތޮޅެކެވެ. މީހުން ދިރިއުޅޭ ރަށްރަށް މަދެއް ނޫނެވެ. ފަޅުރަށްރަށް ނެތީކީ ވެސް ނޫނެވެ. އަބާދީ އަދި އެ އަތޮޅުތަކަށް ވުރެ މާ ބޮޑެވެ. ހަގީގަތުގައި މިއީ ވެފައި އޮތް މާސިންގާ ތަފާތުކުރުމެކެވެ. ދައްކަން ނުކެރި ވިސްނަން ބެނުން ނުވެ އޮތް ކަމަކީއެވެ.

އިހަވަންދިއްޕޮޅުުން ފާޅުވާން ހުރި އެހެން ސިފަތަކަށް އަދި ނަޒަރުކޮށްފީވިއްޔާ، ވަކި މުސްތަގިއްލު އިދާރީ އަތޮޅަކަށްވުމުގެ ހުރިހާ ސިފައެއް މާ ފުރިހަމައަށް ހަމަވެ ފުދިި އިތުރުވެފައިވާ ކަމުގެ މައްޗަށް އެއްވެސް މީހަކު ދެބަހެއް ނުވާނެތެވެ. އިގުތިސޯދީ ފުދުންތެރިކަމާއި ވިޔަފާރީގެ ފޯރުންތެރިކަމާއި އުމުރާނީ ފެންވަރާއި މަސައްކަތްތެރިކަމުގެ ފަންވަރާއި އިޖުތިމާއީ ފުރިހަމަކަންފަދަ ކަންކަމުގައި އެހެން ބޮޑެތި އަތޮޅުތަކާ އެއްހަމައިގައި އިހަވަންދިއްޕޮޅު ފައިހަމަކުރަމުންދާކަމީ މާ ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ.

އިދާރީ އަތޮޅުތައް އަދު ދެކޭން މި އޮތް ގޮތާ ވެސް ކުޅުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އެހެންޏާ ވެސް ކުޅެމުން ދިޔަ ފަދައިންނެވެ. ދުނިޔެ ނުހުއްޓި ހިނގަމުން ދާތީއެވެ. ތާނަ އަކުރު ވެސް ހުހެއް ނުވޭ ނޫން ހެއްޔެވެ؟ ސީނާ ޖެހިގެން އޮންނާނީ ޑަވިޔަންޏެވެ. ޑަވިޔަނި އަތޮޅަށް ވާން އެދޭކަމުގެ އަޑު އުފުލަންވީއެވެ. އެ އަަޑު ގަދަ ކުރާންވީއެވެ. ތިލަދުންމަތީ އިރުއުތުރު ބިތަށް އަރިވެގެން މި ތިބޭ ތިބުން މާޒީކުރަންވީއެވެ. އެ ގޮތުގައި ހުރި ހެވާއި މޮޅު ގިނަގުނަކަމުންނެވެ. މި ގޮތުގައި ހުރި ބޭއިންސާފުގެ ބޮޑުކަމުންނެވެ.

ތިލަދުންމަތީ ދެކުނު ބުރިއަކީ އައްޑުއަތޮޅާ ޖެހިގެން އެންމެ އަަބާދީ ބޮޑު އަތޮޅެވެ. އެެންމެ ފަހުން ބޯހިމެނިއިރު ތިލަދުންމަތީ ދެކުނުބުރީގައި 18 ހާހެއްހާ މީހުން ތިބިއިރު އައްޑޫގައި ތިބީ 19 ހާހެއްހާ މީހުންނެވެ. ވީމާ ތިލަދުންމަތީ އުތުރުބުރިން އިހަވަންދިއްޕޮޅު ނައްޓައިލާ ދަނޑިވަޅަކީ ތިލަދުންމަތީ ދެކުނުބުރީގެ އާބާދީ ހިންދައިލަން ލިބޭ ފުރުސަތަކަށް ވެސް ހެދިދާނެތާއެވެ. މިހާރުގެ ފެޅުމަށް ބަލާއިރު ވެސް ހަގީގަތުގައި ހަނިމާދޫ އާއި ހޮނޑާފުއްޓަކީ ތިލަދުންމަތީ އުތުރުބުރިއަށް ލައްވަން ޖެހޭ ދެ ރަށެވެ.

ޝައްކެއްވެސް ނެތެވެ. އައު އިދާރީ އަތޮޅަކަށް ވުމަށް ހުރިހާ ގޮތަކުންމެ އިހަވަންދިއްޕޮޅު ވަނީ ފައްކާވެފައެވެ. މަދުވަނީ ސިޔާސީ އަޒުމެވެ. ރައްޔިތުންގެ އަޑެވެ. ޑަވިޔަނި އަތޮޅުގެ އަޑު ފަނޑު ނުކޮށް ގަދަ ކުރަމާތޯއެވެ!

ޚިޔާލު ފައުޅުކުރުން

ނުވާނެ ތިކަމެއް
ކޮން ޑަވިޔަންޏެއް.. އެއީ އެންމެ ފުރަތަމަ އޮންނަ އަތޮޅު.. އެހެން ވީމަ އެއީ “ހ” އަތޮޅު.. އެންމެ ފުރަތަމަ އޮންނަ އަކުރަކީވެސް ހާ ދެއްތޯ.. އޭގެ ފަހު ހ ގެ އުތުރު އެބަހީ ހއ ދެން ހ ގެ ދެކުނު އެބަހީ ހދ.. އެހެންވީމަ (ހ، ހއ، ހދ)