ނަމާދުކުރާ އަޑު ރަށުތެރެއަށް ފެތުރުމަކީ … !

ޢަބްދުލްމާނިޢު ޙުސައިން

ދާދިފަހުން އިހަވަންދޫ ކައުންސިލް އިދާރާއިން ވަނީ ރަށުތެރެ އަށް އަޑު ފެތުރޭގޮތަށް ލައުޑް ސްޕީކަރަށް އަޑު ދީގެން ނަމާދުކުރުން މަނާކޮށްފަ އެވެ. މިކަމާ ގުޅިގެން ގިނަބައެއްގެ ޝަކުވާ ކައުންސިލް އިދާރާ އަށް ވަނީ އަމާޒުވެފަ އެވެ.

ކައުންސިލް އިދާރާއިން މިކަން މަނާކޮށްފައި ވަނީ ބައެއް މިސްކިތްތަކުގައި ތަރާވީހު ނަމާދާއި ދަމު ނަމާދު ލައުޑް ސްޕީކަރަށް އަޑުދީގެން ކުރަމުން ގެންދަނި ކޮށެވެ. މިކަން މަނާކުރީ މިކަމުގެ ސަބަބުން ނަމާދުކުރާ މީހުންނަށާއި އާއްމު ރައްޔިތުންނަށް އުނދަގޫވާތީ އެކަމުގެ ޝަކުވާ ކައުންސިލް އިދާރާއަށް ލިބެމުން ދިއުމުންކަމުގައި ކައުންސިލްގެ ރައީސް މިސައިޓަށް ބުނެފައިވެ އެވެ.

މި މައްސަލަ ސައުދީއަރަބިޔާ އަށް ވެސް ކުރިމަތި ވެފައިވާ ކަމަށް އަލްއަރަބިޔާ ޑޮޓް ނެޓްގައި ބުނެފައިވެ އެވެ. އެނޫހުގައި ބުނެފައިވަނީ އެތައް މިސްކިތަކުން އެއްފަހަރާ ނަމާދުކުރާ އަޑު، އަޑުގަދަކުރާ ވަސީލަތްތަކުން ރަށުތެރެ އަށް ފެތުރުމުން ކިޔާ ނުކިޔާއެއްޗެއް ދޭހަނުވެ ޖައްވުތެރެ ކިލަނބުވެފައިވާކަމަށެވެ. އެ ނޫހުގައިވާގޮތުން އެކަން ހުއްޓުވުމަށްޓަކައި އެގައުމުގެ އިސްލާމިކް އެފެޔާޒް މިނިސްޓްރީން ވަނީ އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން މިސްކިތުން ބޭރަށް އަޑުފެތުރޭ ގޮތަށް ތަރާވީހު ނަމާދުކުރުން ވެސް ބައެއް މިސްކިތްތަކަށް މަނާކޮށްފަ އެވެ. ނަމަވެސް ބައެއް ކުދި މިސްކިތްތަކިގެ މުދިމުން ނުވަތަ އިމާމުން އެކަމަށް އިޖާބަ ނުދޭކަމަށް ވެސް އެނޫހުގައިވެ އެވެ.

ދީނީ ލިޔުންތެރިއެއް ކަމަށްވާ އައްޝައިޚް މުޙައްމަދުލް ޖަޒްލާނީ އާ ހަވާލާދީ އެނޫހުގައި ބުނެފައި ވަނީ އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން މިސްކިތުން ބޭރަށް އަޑު ނުފެތުރުމަށް މިނިސްޓްރީއިން އަންގަވާފައިވަނީ އެތައް ކަމަކަށް ރިއާޔަތްކޮށްގެންކަމަށެވެ. އެގޮތުން މިސްކިތާ ކައިރި ގެތަކުގައި އުޅޭ މީހުންނަށް އުނދަގޫ ނުކުރުމާއި، އެ ގެތަކުގައި ނިދާފައިވާ ކުޑަކުދިންނާއި ބަލިމީހުންނާއި މިސްކިތަށް ނުދާ އަންހެނުންނާއި، ޝަރުޢީ އުޒުރެއް މެދުވެރިވެގެން މިސްކިތަށް ނުދާ މީހުން ވެސް ތިބޭނެތީކަމަށެވެ. އަދި ކައިރި ކައިރީގައިވާ މިސްކިތްތަކުން އެއްފަހަރާ ގިނަ އަޑުތަކެއް އިވުމުން ކިޔާނުކިޔާ އެއްޗެއް ވެސް ނޭނގުން މީގެތެރޭގައި ހިމެނޭކަމަށެވެ. އަދި މީގެ އިތުރުންވެސް އެތައް ކަމަކަށް މިނިސްޓްރީން ރިއާޔަތްކޮށްފައިވާކަމަށެވެ.

އޭނާއާ ހަވާލާދީ އެނޫހުގައި އިތުރަށް ބުނެފައިވަނީ ސައޫދީ އަރަބިއްޔާގައި، އަޑުގަދަކުރާ ވަސީލަތްތައް ބޭނުންކޮށްގެން މިސްކިތުން ބޭރަށް އަޑުއިއްވަން ސަރުކާރުން ހުއްދަ ދީފައިވަނީ، ބަންގިއާއި ގަމަތް އެކަނި ކަމަށެވެ. އެއީ ނަމާދު ވަގުތު ޖެހިއްޖެކަން މީހުންނަށް އެންގުމަށްޓަކަ އެވެ. އޭގެ އިތުރު އެއްޗެއް މިސްކިތުން ބޭރަށް އިއްވުމަކީ ހުއްދަ ދީފައިވާ ކަމެއްނޫން ކަމަށާއި، ފަރުޟު ފަސްނަމާދާއި، ތަރާވީހު ނަމާދުގައި ކިޔަވާ ތަކެތީގެ އަޑު އިވެންޖެހޭނީ ހަމައެކަނި މިސްކިތުގައި ތިބޭ ބަޔަކަށް ކަމަށާއި، މިސްކިތުން ބޭރުގައިވާ ބަޔަކަށް އެތަކެތި އިއްވާކަށް ނުޖެހޭ ކަމަށެވެ.

އެ ނޫހުގައި ބުނެފައި ވަނީ ސައޫދީ އަރަބިއްޔާގެ ބައެއް މުދިމުންނާއި އިމާމުން، މިސްކިތުން ރަށުތެރެއަށް އަޑުފެތުރުމަކީ ދީނާ ޚިލާފު ކަމެއް ނޫންކަމަށް ދެކުނު ނަމަވެސް، ޝައިޚު ޖަޒްލާނީއާ ހަވާލާދީ ބުނެފައިވަނީ، އަޅުކަންކުރުމަކީ، އެކަމުން އަނެކުންނަށް އުނދަގުލެއް ފޯރައިގެންވާނެ ކަމެއް ނޫންކަމަށާއި އަދި އަނެކުންނަށް އުނދަގޫވާ ގޮތަށް މިސްކިތުން ބޭރަށް އަޑުފެތުރުމަކީ ނަހީކުރައްވާފައިވާ ކަމެއްކަން ދޭހަވާ ޝަރުޢީ ދަލީލުތައް ވެސް ވާކަމަށާއި، ކީރިތި ރަސޫލާވަނީ، ކުޑަކުއްޖަކު ރޯއަޑު އިވިވަޑައިގެންފިނަމަ، ފަރުޟު ނަމާދުގައި ވެސް ކިޔަވާވިދާޅުވާ އަޑު މަޑުކުރައްވާފައި ކަމަށާއި، އަދި ކީރިތި ޤުރުއާން ކިޔަވާއިރު، އެކަކު ކިޔަވާ އަޑު އަނެކަކު ކިޔަވާ އަޑާ އެކުވެގެންދާ ގޮތަށް ހަރުއަޑުން ކިޔެވުން ވެސް އިތުރުއެކަލޭގެފާނު ނަހީކުރައްވާފައިވާ ކަމަށެވެ.

މި މައުޟޫއަށް ވާހަކަ ދައްކަވަމުން އަލްއުސްތާޛް ޢަބްދުލްމުޢީދު ބަހްރު މަޖައްލާގައި ލިޔުއްވާފައި ވަނީ ހިމާރު ހޭރޭ ގޮތަށް އަޑުގަދަނުކުރުމަށް ކީރިތި ޤުރުއާނުގައި އިރުޝާދު ދެއްވާފައިވާކަމަށާއި، ނަމަވެސް މިސްކިތްތަކުގެ ބައެއް މުދިމުންނަށާއި އިމާމުންނަށް އެކަން ނޭނގޭކަމަށެވެ. އަދި ބައެއް މިސްކިތްތަކުގައި، ނަމާދުކުރާއިރުގައްޔާއި، ދީނީ ވާހަކަތައް ދައްކާއިރު، އަޑުގަދަކުރާ ވަސީލަތްތަކުން ރަށުތެރެއަށް އަޑުފަތުރާކަމަށާއި އެކަންވެފައިވަނީ، ރަށުތެރެއަށް ފެތުރިގެންދާ ކިލަނބުކަމަކަށްކަމަށާއި، އެހެނީ، އެއީ ކިޔާނުކިޔާ އެއްޗެއް ދޭހަނުވާ ގޮތަށް ފެތުރިގެންދާ އަޑުފަށްގަނޑެއްކަމަށެވެ. މިސްކިތް ކައިރީގައި ތިބޭ މީހުންނަށް ސާފުވިޔަސް އެ އަޑުފަށްގަނޑު ގެދޮރަށް ވާސިލުވަނީ ބޮލަށްތުރާވާ ހަޅޭއްފަޅޭއްޖެހުމެއްގެ ސިފައިގައިކަމަށާއި، އޭގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ ކަންފަތްތަކަށް އުނދަގޫވެ، ބޮލުގައި ރިއްސާ މީހުންނާއި މައިގްރޭން ހުންނަ މީހުންގެ ބަލި ބޮޑުވާކަމަށެވެ.

އިތުރަށް މުޢީދު ލިޔުއްވާފައި ވަނީ އާންމުންނަށް އުނދަގޫވާ ގޮތަށް މިސްކިތްތަކުން ރަށުތެރެއަށް އަޑުފެތުރުމަކީ، އެއީ އިސްލާމީ ގައުމުތަކުގެ ވަރަށް ގިނަ މުދިމުންނާއި އިމާމުން ކުރާ ކަމެއްކަމަށާއި، އެއިން ބައެއް މީހުން އެކަންކުރަނީ އެމީހުންގެ މޮޅުކަމާއި އަޑުރީތިކަން އަނެކުންނަށް އަންގައި، ކަންދެއްކުމުގެ މަގުސަދުގައިކަމަށެވެ. އަދި ބައެއް މީހުން އެކަންކުރަނީ ސާފުސީދާ އިސްލާމްދީން ރަނގަޅަށް އޮޅުންފިލާފައި ނުވާތީކަމަށެވެ. އަދި އަޑުގަދަވުމުގެ ސަބަބުން މީހުންނަށް ވާނެ އުނދަގުލާއި ލިބޭނެ ގެއްލުން ވެސް އެނގިފައި ނުވާތީކަމަށެވެ.

ވީމާ ކައުންސިލްގެ ނިންމުމަށް ފާޑުވިދާޅުވުމުގެ ކުރިން މިކަން މަނާކުރަން ޖެހެނު ސަބަބުތަކަށް ރިއާޔަތްކުރަން ޖެހޭނެ އެވެ. ތަކްބީރުގެ އަޑާއި ކީރިތި ޤުރުއާން ކިޔެވުމުގެ އަޑަކީ އެ އަޑުގައި ނުހަނު މާތްކަމާއި މޫރިތިކަން އެކުލެވިގެންވާ އަޑެއްކަމުގައިވިޔަސް އަދި ކީރިތި ޤުރުއާނުގެ އަޑު އެހުމަކީ ގިނަ ދަރުމައާއި، ސަވާބާއި، ސަލާމަތްތެރިކަން ލެބެނިވި ކަމެއްކަމުގައިވީ ނަމަވެސް އަދި އެ އަޑު ފެތުރިފައި ވުމަކީ އަމާންކަމުގެ ނިޝާނެއް ކަމުގައިވިޔަސް އެ އަޑުފެތުރިގެންދާ ގޮތެއްގެ ސަބަބުން އެ އަޑަށް އިހާނެތިކޮށް ހިތެވުމަކީ އެއްވެސް މުސްލިމަކު އެދޭނޭ ކަމެއް ނޫނެވެ. އަދި އެ އަޑު ބޮލުގަ ރިހުމަކަށް ވުމަކަށް ވެސް އެއްވެސް މުސްލިމަކު ނޭދޭނެ އެވެ. އަދި ހަމަ އެހެންމެ އެ އަޑުގެ ސަބަބުން ޖައްވު ކިލަނބުވެ ދިއުމަކަށް ވެސް މުސްލިމުން ނުމެއެދެމު އެވެ. އެހެންވެ ދެތިން މިސްކިތެއްގެ އަޑު އެއްފަހަރާ ރަށުތެރެ އަށް ފެތުރި އެކަމުގެ އުނދަގޫ އާންމުންނަށް ކުރިމަތިވި ހިނދު ކައުންސިލް އިދާރާއިން އެކަން މަނާކުރުމަކީ މައްސަލައެއްކަމަށް ބެލެވޭނެ އެއްވެސް ޖާގެއެއް ނެތެވެ.