ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 މިއަދު ފަށަނީ

މުހައްމަދު މައުޒު

އިހަވަންދޫ ކައުންސިލް ކަޕް ފިރިހެން ވޮލީބޯޅަ މުބާރާތް 2025 މިއަދު ހަވީރު ފަށާނެއެވެ. މި މުބާރާތަކީ ރަށު ފެންވަރުގެ ވޮލީބޯޅައިގެ ހުނަރުވެރިން ފާހަގަކޮށް، އެކުޅުންތެރިންނަށް ކުރިއެރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި އިހަވަންދޫ  ކައުންސިލުން  ބާއްވާ މުބާރާތެކެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ވާދަކުރާނީ ޖަންގަލް އަދި ޔުނައިޓެޑް ޔޫތެވެ.

މި އަހަރުގެ މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އެން.ވީ.ކޭ، މިސްކިތްމަގު އެސް.ސީ، ޖަންގަލް އަދި ޔުނައިޓެޑް ޔޫތުއެވެ. މިއަދުން ފެށިގެން މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ އިހަވަންދޫ ކައުންސިލުން ތަރައްޤީ ކޮށްފައިވާ ހުރަވީ ވޮލީ ކޯޓްގައެވެ.

މިއީ މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 10 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރު، އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ކައުންސިލް ކަޕް ވޮލީ މުބާރާތް 2024 ގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅިމަގު ޓީމެވެ. އެޓީމް މިއަހަރުގެ މުބާރާތުގައި ބައިވެރިއެއް ނުވެއެވެ.