ތިމާގެ ހިތުގައިވެސް ހިނގަންވީ މިލޯބި..

އައިޝަތު އިލްމާ އަދުނާން

ރިހިކުލައަރާ ދޮންވެލިގަނޑުމަތީ މިނިވަންކަމާއކު ބީހިލައި ކޮންމެ ރާޅަކީވެސް އެ ބިޔަކަނޑުން އުފަންވެ، ބިރުވެރިކަމާއި ނާމާންކަން ފަހަނައަޅާ އައިސް މިކަހަލަ ރިހިވެލިގަނޑެއްގެ ހިމާޔަތް ހޯދާނެ ރާޅެކެވެ. އެދޮންވެލިގަނޑުންދޭ ހިމާޔަތަކީ މިނިވަންކަމެވެ. އެފަސްގަނޑަށް އުފަން ކޮންމެ މީހަކަށްމެވަނީ މިނިވަންކަމެވެ. މި ބިމަށް އުފަން ކޮންމެ ދަރިއަކުމެ އަންގައި ދެމުންދަނީ، މި ފަސްގަނޑަށް އަޅުވެތިކަމުގެ ކަޅު ހިޔަނި އެޅެން ނޭދޭ މިންވަރެވެ. މި ފަސްގަނޑަށް އުފަން ކޮންމެ ދަރިއަކުމެ ބުނަމުންދަނީ “ދިވެހި ބިން މީ އުފަން މަގޭ ބިން، ލެވުނު ފުރަތަމް ނޭވާ މަގޭ ބިން” ކަމެވެ.

އެފިނި ފަތިހުގެ ހަމަ ހިމޭންކަން ދުނިޔެ މަތީ ރަސްކަން ކުރަމުން ދިޔައިރު، ގައުމުގެ ދިފާއުގައި މި ލޮބުވެތި ފަސްގަނޑުގެ ހިމާޔަތުގައި ތިބީ ދިވެހި ދަރީންނެވެ. ބަޑީގެ ބާރު އަޑާއެކު އެހަމަހިމޭންކަން ފޫއަޅުވައިލި ނަމަވެސް، ސިހުމެއްނެތި، އެ ޢަދުއްވުންނަށް ރައްދު ދިނީ ދިވެހި ދަރީންނެވެ. އެ ޚާއިނުންނަކީ ކޮން ބައެއްކަން ނޭނގޭ ހާލުގައެވެ. އެނގެނީ، މިދިވެހި ދީބުގެ ހަމަހިމޭންކަން ނައްތާލައި، އެ ފިނި ފަތިހުގެ ހިތްގައިމުކަން އަތުލައިގަންނަށް މަސައްކަތް ފެށިކަމެވެ. ދިވެހީންގެ ލޭ އޮހޮރުވައިލާ ނައްތާލަންކަމެވެ. މި ގައުމުގެ އަމަންއަމާންކަމާއި ސުލްހަވެރިކަމުގެ މައްޗަށް އަތްގަދަކުރަންކަމެވެ.

އެއީ، 1988 ނޮވެމްބަރ 03 ވީ ބުރާސްފަތި ދުވަހެވެ. ދިވެހި ބިމަށް އުފަން 19 ދިވެއްސެއްގެ ލޭ މިބިމަށް އޮހޮރުވައިލި ހިތާމަވެރި ދުވަހެވެ. އެއީ، ރީތި ފަތިހަކުން ފެށުނު އައު ދުވަހެކެވެ. ދިވެހީންގެ ދިގު ތާރިޚުގައި “ކަޅު” ކުލައިން ފަވައިލެވުނު ބިރުވެރި ދުވަހެކެވެ. ނާމާންކަމާއި އަނިޔާވެރިކަމާ ދިވެހީން ކުރިމަތިލި ދުވަހެކެވެ. އެ ރީތި ފަތިހުގެ ހަމަހިމޭންކަން ނަގައިލާ ގައުމު ހަލަބޮލިކޮށްލީ ސީނުކަރައިގެ ޕީޕަލްސަ ލިބަރޭޝަން އޮފް ޓެމްލަ އީލާމް ނުވަތަ ޕްލޮޓް ކިޔުނު ޖަމާޢަތަކާއި ދިވެހި ޚާއިނުންތަކެއް ގުޅިގެންނެވެ. މަކަރާއި ސިއްރުވެރި މިޚާއިނުންގެ ހިތުގައި ރަހުމުގެ ކަންފުޅެއް ވެސް ނެތެވެ. އޯގާތެރިކަމުގެ ޒައްރެއްވެސް ނެތެވެ. ރަސްކަމާއި ތަހުތާއި ވެރިކަމުގެ ދަހިވެތިކަން މެނުވީ އެމީހުންގެ ހިތަކު ޖާގައެއް ނެތެވެ.

އަރާމް ނިންޖެއްގައި ތިބި ދިވެހީންގެ ލޯތައް ހޭލައްވައިލީ ދުޝްމިނުންގެ ބަޑީގެ އަޑުންނެވެ. ޓ52  ބޯޓުގެ މި ޚާއިނުންގެ ޝިކާރައަކަށްވީ ސިފައިންގެ މައި މަރުކަޒުގެ ހުޅަނގު ފަރާތު ސެގަރުގައި ޑިއުޓީއަށް ހުރި ހުސެއިން އާދަމެވެ. ސިހުންގެ ބިރުވެރިކަން ހިތުގައި ހިނގައިގަތުމާއެކުވެސް، ދިވެހީންގެ ދީނާއި މިގައުމުގެ ދިފާއުގައި ހުސެއިން އާދަމްގެ މޭ ގައުމަށް ޓަކައި، އައްޑަނައަކަށް ދިއްކޮށްލިއެވެ. ފުރަތަމަ މެގަޒިން ހުސްވަންދެން ދުޝްމިނުންނަށް ހަމަލާ ދެމުންދިޔައެވެ. ދެވަނަ މެގަޒިން ހުސްވަމުންދާތީ، ވަޒަނަށް އެދުނެވެ. އަތަށް ވަޒަން އެރި ނަމަވެސް އެންމެހު ވަގުތާ ހަމައަށްވެސް ވަޒަން ފޯރުކޮށްދިނުމަށް އެދި ގޮވިއެވެ. އެއަޑު މަޑުވެ ހުސެއިން އާދަމް ޝަހީދުވެގެން ދިޔައީ “އެކުވެރިންނޭ ހަވާލޭ ވަތަން ލޯބިވާ ވަތަން ލޯބިވާ” ބުނެ އަދުގެ ޒުވާނުންނަށް ނަމޫނާ ދައްކުވައިދީފައެވެ. ޚާއިނުންގެ ނުބައި ރޭވުމުން މިބިން ސަލާމަތްކޮށްދިނުމަށް މަގުކޮށައިދީފައެވެ. މި ދިވެހި ދީބު ފަޚުރުވެރިކޮށްދީފައެވެ.

ބަޑި ބުރާސްފަތީގެ ބަޑީގެ އަމާޒަކަށްވެ 19 ދިވެހިން ޝަހީދުވި ހާދިސާއަށް 32 އަހަރުވެގެންދާއިރު، އެދިވެހީންގެ ޒިކުރާ އާކުރަންޖެހެއެވެ. ޝަހީދުވެގެން ދިޔަ ދަރީން އަދުގެ ޖީލަށް، ސާބިތުކޮށްދިނީ ގައުމަށް ޓަކައި ކެރިގެން ކޮންމެ ކަމަކަށް ވެސް ކުރިމަތިލާނެކަމެވެ. ގައުމުގެ އަމާންކަމާއި މިނިވަންކަމާ ކުޅެލާން މަސައްކަތްކުރާ ކޮންމެ ބަޔަކާ ދެކޮޅަށް ނުކުމެ، ދިވެހި ދިދަ މިނިވަން ޖައްވެއްގައި ވިހުރާލުމަށް މަސައްކަތްކުރާނެކަމެވެ. ދިވެހި ލޭ ހިނގާ، ދިވެހި ބިމަށް އުފަން ކޮންމެ ދިވެއްސެއްގެ ނިދާއަކަށް ވާންވާނީ، ގައުމަށް ބޭނުންތެރި، ޚިދުމަތްތެރި ހަރުދަނާ ދަރިއަކަށްވުމެވެ. ގައުމާއި އިސްލާމްދީނަށް ޓަކައި ތިމާގެ މޭ ދިއްކޮށްލަން ކެރޭނެފަދަ މީހަކަށްވުމެވެ. މިއަދު، ގައުމަށް ޚިދުމަތްކޮށް މާދަމާ ތިމާއާ މެދު ގައުމު ފަޚުރުވެރިވާ ދަރިކަށްވުމެވެ.