ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަނީ

މުހައްމަދު ޢަބުދުއްޞަމަދު

ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލުތަކުގައި ސްޓެމް އެޑިޔުކޭޝަނާއި ، މަސައްކަތުގެ ތަޢުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޢަލީ މިހެން  ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން  ދެއްވި ޚިތާބުގައެވެ.

މިނިސްޓަރ އައިޝަތު ޢަލީގެ ޚިޠާބުގައި ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ އެންމެ މަތީ އަރުތަ މިންކުރެވޭނޭ މައިގަނޑު އަސާސަކީ ރާއްޖޭގެ ގައުމީ މަންހަޖުގެ ތަސައްވުރުކަމަށާއި، މަންހަޖުގެ ތަސައްވުރަކީ، ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ކުއްޖަކަށް ހެދުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޒިންމާދާރު، ހަރުދަނާ ރައްޔިތެއް ބިނާކުރެވޭނީ، ދެވޭ ތައުލީމު، ވަށާ ޖެހިގެންކަމަށާއި، ދަރިވަރުންނަކީ މަސައްކަތުގެ މާހައުލާ ރައްޓެހި ބަޔަކަށްވެސް ހެދިގެންކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން، ސުކޫލު ތަކުގައި މަސައްކަތުގެ ތައުލީމު، އުންގަންނައިދޭން ފެށުމަށް ތައްޔާރު ވަމުން އަންނަކަމަށާއި، އަދި 21 ވަނަ ގަރުނުގެ މައިގަނޑު ހުނަރުތައް ދަރިވަރުންނަށް ލިބިދިނުމަށްޓަކައި، ސްޓެމް އެޑިޔުކޭޝަން ސުކޫލުތަކުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް  މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އެކަންކަމަށް ބޭނުންވާ ވަޞީލަތައްތައް ސުކޫލުތަކުގައި ގާއިމުކޮށް ތަމުރީނުތައް ދެވޭނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ” އެކި ގޮތްގޮތުން އުނގެނުމުގެ އެހީތެރިކަން ބޭނުންވާ، ވަރަށް ގިނަ ކުދިބަޔަކު އަޅުގަނޑުމެންގެތެރޭގައި ވާކަން އެއީ އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުވެސް ހުންނަ ހަގީގަތެއް. އެހެންކަމުން، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އިރުޝާދާއެކު، ޝާމިލު ވެށި ބިނާކުރެވި، ދަރިވަރުންނަށް އެކަމުގެ ފައިދާ ކުރާނޭފަދަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. ނަތީޖާއެއްގެ ގޮތުން، އެތަކެއް ދަރިވަރުންނަށް އޭގެ މަންފާ ވަނީ ލިބިފައި. އަދި ކުރިޔަށް އޮތް ތާގައިވެސް، އިރާދަ ކުރެއްވިއްޔާ އެކަމުގެ ތާސީރު، ޖީލުތަކަށް ލިބިގެން ދާނެ. އެކަމުގެ ރާހަތު ދަރިދަރިކޮޅަށް ފޯރާނެ. އެކަމުގެ ހެޔޮ އަސަރު މި ދިވެހި މުޖުތަމައުން ފެންނާނެ.” ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިރާއްޖޭގެ ތައުލީމީ ބިނާރު އިތުރަށް ބިނާކުރާން ޖެހޭކަމަށާއި، ކުލާސްރޫމްތައް އިތުރުކޮށް ވަސީލަތްތައް ގާއިމު ކުރާން ޖެހޭކަމަށެވެ. އަދި ސުކޫލުތަކުގެ އެތެރެވެއްޓާއި ބޭރުވެށީގައި، ތަފާތު ކުޅިވަރު ކުޅެވޭނޭ އިންތިޒާމުތައް އެކަށައަޅާން ޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިމަގަށް ވާޞިލްވުމަށްޓަކައި މި 5 އަހަރުދުވަހުގެ ތެރޭގައި އެތައް ސްކޫލްތަކެ އެއް ދަންފަޅިއަށް ބަދަލުކޮށް ކްލާސްރޫމްތަކާއި ވަޞީލަތައްތައް ޤާއިމްކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

” ޒިންމާދަރު، މަސްއޫލިއްޔަތު އަދާކުރާ، ދުނިޔެއަށް ލޯ ހުޅުވިފައިވާ ބަޔަކަށް އަޅުގަނޑުމެންގެ ލޮލޮގެ ކޮއެ ފަދަ ދަރީން ވާނީ، އެކުދީންނަށް ޒިންމާ އުލާން ދަސްކޮށްދީގެން. މަސްއޫލިއްޔަތު ހަވާލުކޮށްގެން. ގޭތެރޭގެ މާޙައުލާ، ދިރިއުޅުމުގެ ހާލަތްތަކާ، ކުރިމަތިވާ ކަންކަމުން އިބުރަތް ހާސިލުކުރާނޭ ފުރުޞަތު އެކުދީންނަށް ދީގެން.” މިނިސްޓަރގެ ޚިތާބުގައި ބެލެނިވެރިންނާ މުހާތަބުކޮށް ވިދާޅުވިއެވެ.