ދެފުރާނަ އެކުވެފައިވާ (18 ވަނަ ބައި)

ފަތުޙުﷲ އަޙުމަދު ރަޝީދު

ސިހިފައި ކަޅިޖަހައިނުލާ ބަލަން ހުރެވުނީ އެއީ ދުވަހަކުވެސް ނުފެންނަ މަންޒަރު ތަކަކަށް ވީމަ އެވެ. ކަޅުކުލައިގެ ބޮޑު ފޮތި ފޭއްޔެއް ފަދަ އެއްޗެކެވެ. އެ ފޮތިގަނޑެއްފަދަ އެތީގެ ތިރި އޮތީ ފުސްވެ ލޮލަށް ޣައިބުވެފަ އެވެ. ތަންކޮޅުކޮޅުން މަޑުނޫކުލައާއި ގަދަ ނޫކުލައާއި ދަނބުކުލައިން ވިދުން އަރައަރައި ހުއްޓެވެ. މަތިން ތިރިއަށް އަދި ތިރިން މައްޗަށް ހިމަ ދިގު ރޮނގުތަކެއްހެން އެ ރޮނގުތައް ދަތުރުކުރަމުން ދިޔަ އެވެ. މުޅި ފޮތިފޭލީގެ އެކި ހިސަހިސާބުގައި ޖީބުތަކެއްހެން ބޭރަށް ހަރުކުރެވިފައި ހުރި ކުދިކުދި ތަންކޮޅުކޮޅުން ކޮންމެ ތަނަކުން ޒާތެއްގެ އަލި ބޯޅަތަކެއް ފަދައެއްޗަކުން ހިމަ ދިގު ރޮނގުތަކެއް އަރަމުން ދިޔަ އެވެ. އެއަލިތަކުން މުޅި ތަން ވިދުވަމުން ދިޔައެވެ. އުދުހެމުން ތިރިއަށް ފައިބަމުން ދިޔަ އެ ފޮތިގަނޑުން އާދަޔާ ޚިލާފު ކަންތައްތަކެއް ހާމަ ވަމުން ދިޔަ އެވެ.

އެ ޢިމާރާތުގެ ޓެރަސް އެކުގައި ފޮތިގަނޑުން ފޮރުވާލެވުނެވެ. ކުއްލިއަކަށް އައިރީންއަށް ބަލައިލެވުނީ ފޮތިގަނޑުގެ މައްޗަށެވެ. ހުރިހާ ހިމަ ދިގުރޮނގުތަކެއް ގޮސް ގުޅިފައިވާ ހިސާބަށެވެ. ފެނުނު މަންޒަރުން އޭނާ ސިހިފައި ފަހަތަށް ޖެހެވެން ފެށުނެވެ. އެއީ އޭނާގެ ސޫރައެވެ. އޭނާގެ މޫނެވެ. އެ ހިމަ ދެލޮލެވެ. އެ ދިގު ނޭފަތެވެ. ތަފާތަކީ ކުލައިގެ ތަފާތެވެ. ކަޅު ބަބުރަކަށްވުރެ އަލި ގަދަ ދޮންކުލައަށްވުރެ ހުދުކަންގަދަ ކުލަ އެކެވެ. އެ މޫނުމަތިން ފެންނަނީ ނަފުރަތާއި ރުޅިވެރިކަމެވެ. ބޮލުގެ އިސްތަށިގަނޑުގައިވަނީ ފޮތިގަނޑުން ފޭދެމުން އަރަމުން އައި ހިމަ ދިގު އަލި ރޮގުތަކެވެ. ދޭތެރެ ދޭތެރެއިން އިސްތަށިގަނޑު ހާމަވެ އެވެ. މުޅި މޫނު ވަނީ މަޑުނޫކުލައިގެ އަލިކަމަކުން ދިއްލިފަ އެވެ. މަޑުމަޑުން ފޮތިގަނޑު މައްޗަށް އަރަމުން އައިރީންގެ މޫނާ އެއްހަމަވިއެވެ. އައިރީންއަށް ހަނދާނަށް އައީ އައިޝަމް އޭނާގާތު ދެއްކި ވާހަކަތަކެވެ. އައިޝަމްގެ ޖުމުލަތަކެވެ. އޭނާގެ ކަންފަތުގައި އެއަޑުތައް ގުގުމަމުން ދިޔަ އެވެ. “ދެން ހުރިހާ ކަމެއް ކުރިމަތިވާނީ އައި އަށް، ކެތްކުރާތި. ބިރުން ފިލަން ނުދާތި! މި އަގޮނޓި އޮއްވާ އެއްވެސް ނުރައްކަލެއް ކުރިމަތިވުނާވެ!”

އަވަސް އަވަހަށް އަތުގެ އިނގިލި ތަކުގައި އަތްޖައްސާލެވުނެވެ. އަނގޮޓި އޮތްތޯ ބަލައިލެވުނެވެ. ކަމަކުދާކަށް ނެތެވެ. ހަނދާނަށް އައީ ފެންވަރަން ގަހަނާތައް ނެގި ގޮތަށް އަގޮނޓި ނޭޅި ރީތިވާ މޭޒުމަތީގައި ބޭއްވުނު ހަނދާނެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމިގަނެވުނީ އެހެންވީ މައެވެ. އޭނާގެ ފަހަތުން އެ ގޮތްނޭގޭ އެތީގެ ހިމަ ދިގު އަލި ރޮނގުތައް ކޮޓަރި ތެރެއަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ އެވެ. އެހެނަސް އައިރީން އެއަށްވުރެ މާ ހުޝިޔާރެވެ. ކުޑަދޮރު ކޮށްޕާލަމުން އަވަސް އަވަހަށް ރީތިވާ މޭޒުމަތީގައި އޮތް އަނގޮޓި އިނގިއްޔަށް ކޮށްޕާލި އެވެ. މަޑުމަޑުން އެގޮތް ނޭނގޭ އެއްޗާ ކުރިމަތި ލިއެވެ.

“ކޮބާތަ ކަލޭގެ ބޭނުމަކީ، ކީއްވެތަ އަހަންނާ ދިމާކުރަނީތި!” އައިރީން އަޑުގައި ޢަޒުމު އެކުލެވި އާދަޔާ ޚިލާފު ޖޯޝެއް އުފެދެމުންދިޔަ އެވެ. އޭނާ މަޑުމަޑުން ބެލްކަނީގެ ތެރެއަށް ނިކުމެ ރަނގަޅަށް އެ ސޮރާ ކުރިމަތިލީ ފިސާރި ސާބިތުވެ ހުރެ އެވެ.

“ހައްހައް… ކަލޭ… ކަލޭ އަށް ނޭގޭތަ އަހަރެން ކަލެއާ ދިމާކުރަން މިޖެހުނީ ކީއްވެކަމެއް؟ އަހަރެންގެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކަށް އެކަމުގެ އަދަބު ލިބޭނެ” އިވުނީ ބަރު އަޑެކެވެ. ދެމީހުން އެކުގައި ވާހަކަދެއްކުމުން އިވޭ އަޑާއި ދާދި އެއްގޮތް ނަމަވެސް އަޑުއައީ އެކޯވަމުން ނެވެ. އެ ގޮތްނޭނގޭ އެތީގެ ބޯ ދިގުވެލި އެވެ. އައިރީންގެ މޫނާ ދާދިކައިރިއަށް އެސޮރު ޖެހިލަމުން އޭގެ ބިޔަ ދޫ ނެރެލި އެވެ. އާދަޔާ ޚިލާފު ދުލެކެވެ. ހަރުފައިގެ ދޫފަދައިން ދެކަފި ވެފައިވާ ދުލެކެވެ. ދުލުގެ ކުރިން ހިސާބަކަށް ލޮނދި ފައިބަމުން ދިޔަ އެވެ. ފަރުހަކި ވަހުން އެތެރެއަށް ނޭވާ ދަމާލަން އުނދަގޫ ވާ ވަރުވެ އެވެ.

“އަހަރެން ކަލޭއަށް ކޮން ގޯނާ އެއް…” އައިރީން ބިރު ނުގަންނަން ލައްކަ މަސައްކަތްކުރި ނަމަވެސް އޭނާގެ އަޑުގައި ތުރުތުރެއް އެކުވަމުން ދިޔައެވެ. ފެންނަމުން ދިޔަ އާދަޔާ ޚިލާފު މަންޒަރުތަކުންނެވެ. ފޮތި ފޭއްޔަކަށްވުރެ ބޮޑު އެސޮރު ވައިގެ ތެރޭގައި އެއްވެސް އެހީއެއް ނެތި ހަރުލެވިފައި އޮތީ އައިރީންގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ފޮތި ފޭލި ވަނީ އެސޮރުގެ ކޮޑުންފެށީގެން ވަށައިގެން ފެތުރިފަ އެވެ. ފޮތި ގަނޑު ފެތުރިފައިވާލެއް ބޮޑުކަމުން ވަކިވަރަކަށްވަނީ ފުސްވެފައި ވަކި ނުވާވަރުވެފަ އެވެ. ކުރިންވެސް ޖީބުތަކުން ނުކުންނަމުން ދިޔަ ހިމަ ދިގު އަލި ރޮނގުތައް އެސޮރުގެ ވަށައިގެން ދައުރާނާ ވަމުންދިޔައެވެ.

“މިއަދު ކަލޭއަކަށް ސަލާމަތެއް ނުވެވޭނެ… ކަލޭ ހީކުރީތަ އައިޝަމް އެއީ ކަލޭގެ މީހެއްކަމަށް… ހިލާ އެހެންވިޔަކަ ނުދޭނަން… އައިޝަމް އެއީ މާކުރިން އަހަރެން…، ހަމަ އެކަނި އަހަރެންގެ ކާނާއެއް، އަހަރެންގެ ނަސީބަށް ހުރަސްއަޅާ ކޮންމެ މީހަކަށް އޮންނާނީ…” އެ ސޮރު މޫނުމަތިން ރުޅިވެރިކަން އިންތިހާއަށް ފެންނަމުން ދިޔައެވެ. އެއާއެކު ހިމަ ދިގުއަލިތަކުން އައިރިންގެ ވަށައިލި އެވެ. އެއަލި ރޮނގުތައް އޭނާއާ ގާތްވަމުން ދިޔަ އެވެ. މަޑުމަޑުން އައިރީންގެ މޭ ތެޅުން ބާރުވަމުން ބިރުވެރިކަން ހިތަށް ގަދަކުރަމުން ދިޔައެވެ. ސަލާމަތްވާނެ ކަމުގެ އެއްވެސް އުއްމީދެއް އެއްވެސް ޔަޤީންކަމެއް ނެތްކަމަށް ހިތަށް އަރުވާ ކަލާނގެ އާ ވަކީލުކުރަމުންނެވެ. އޭނާއަށް ދެލޯ ހުޅުވާ ދެފަހަރަކު ބަލައިލެވުނީ އެއީ އަސްލެއް ނޫންކަމަށް ހިތައެވެ. ފިލްމުތަކުން ފެންނަ ޙަޤީޤަތާ ޚިލާފު މަންޒަރެއްކަމަށް ހީކޮށެވެ. މަޑުމަޑުން އަތް އުފުލާލީ ކަމެއް ހަނދާން ވުމުންނެވެ. އައިޝަމްގެ ޖުމުލަ އަކުން ހިތަށް ހަމަޖެހުމެއް ވެރިވުމުންނެވެ. “އެއްވެސް ނުރައްކަލެއް ދިމާވެއްޖެ ނަމަ އަނގޮޓީގެ އެސް އެ އެއްޗަކާ ދިމާކޮށްލާ”

އައިރީންގެ ވަށައިގެން އެނބުރެމުން ދިޔަ ހިމަ ދިގު ރޮނގުތަކުން ކޮންމެ ރޮނގެއް ފަލަވަމުން ފުޅާވަމުންދިޔަ އެވެ. ކޮންމެ ރޮނގަކުން ދުންއަރަމުން ދުންގަނޑު އޭނާގެ ވަށައިގެން އެނބުރެމުން ދިޔަ އެވެ. އެ ހިމަ ދިގު ރޮނގުތަކުގެ ކޮޅުން ހަރުފައިގެ ބޯ ހުންނަ ވައްތަރުގެ އަނގަތަކެއް ފާޅުވީ ކުއްލިއަކަށެވެ. ކޮންމެ ރޮނގެއްގެ ދެ ކޮޅުން އެފަދަ ބޯތަކެއް އޭނާއަށް ޙަމާލާދޭން ތައްޔާރުވެލި އެވެ. ނުބައި ބިރުވެރި މޫނެތަކެކެވެ. ކޮންމެ ބޮލަކުން ދެ ކަފި ވެފައިވާ ދޫތަކެއް ފޫޓެއްހާ ދިގުމިނަށްނެރެ އެތެރެއަށް ލަމުން ދިޔަ އެވެ. އެސޮރުމެން ދޫ ބޭރަށް ނެރެލާ ކޮންމެ ފަހަރަކު އަނގައިން ކުޅާއި ދަވަ ފައިބަމުން ދިޔަ އެވެ. ކުޅުތަކާއި ދަވަތައް ވައިގެތެރެއަށް ފައިބަމުން ދިޔަ ވަރަކަށް އެއިން ދުން އަރަމުން ވައިގެތެރޭގައި ޒާތެއްގެ ނުބައިވަހެއް ހިފަމުންދިޔައެވެ. މިނި އެނދީމައި ދުވާ ފާޑުގެ ވަހެއް ދުވަމުން ދިޔައެވެ. އައިރީން އޯކަށް ދެމޭގޮތްވުމުން އަނގަމަތީ އަތްއެޅިއެވެ. އަނގަމަތީ އަތްއެޅުނު ވަގުތު އަނގޮޓީގެ އެސް އެއިން މޫނަކާ ދިމާވި އެވެ. އެއާއެކު އަނގޮޓިން ފާޑެއްގެ ރަތްކުލައިގެ އަލިކަމެއް ނިކުމެ އޭނާގެ ވަށައިގެންވާ އަލި ރޮނގުތަކަށް ހަމަލާދެމުން، އެ ރޮނގުތައް ބަލިކޮށް އެ ދިރުވަމުން ދިޔަ އެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ހުރިހާ ރޮނގުތަކެއް އަނގޮޓީގެ އެހުގެ ތެރެއަށް ފޭދިގެން ދިޔަ އެވެ. ފޮތިގަނޑުގެ ތެރޭ އޮތް މޫނުން ހަޅޭކުގެ އަޑު އިވެން ފެށުމުން އައިރީންގެ އަނގޮޓި އަމާޒު ކޮށްލީ އެ ބޮޑު ފޮތިގަނޑުން ނިވާވެފައިވާ އެ ސުންޕާ އިފުރީތުގެ މޫނާ ދިމާއަށެވެ.

އަނގޮޓި ދިމާކޮށްލުމާއެކު އެ ސޮރު ތެޅިގަތެވެ. ބާރުބާރަށް ވައިރޯޅިއެއް ހެން އެނބުރެން ފެށި އެވެ. އެނބުރޭ ވައިރޯޅީއެއް ފަދައިން ޖައްވުގެ ތެރެ ފުސްކޮށްލި އެވެ. ކުއްލި ހަރަކާތަކާއެކު ވައިގެތެރެއަށް އެސޮރު ކަޝްފުވި އެވެ. އެއާއެކު ކުދި ވާލުތަކެއް އުދުހިގެން ހުޅުލެއާ ވީކޮޅަށް މިސްރާބު ޖެހި އެވެ. އެ ސޮރުމެން ލޮލުކޮޅަށް އޮބަންދެން އައިރީން މަންޒަރު ބަލަން ހުރީ ކުރިމަތީ ހިނގައިދިޔައީ ޙަޤީޤަތެއް ކަމަށް ޤަބޫލު ނުކުރެވިގެންނެވެ. އައިރީން މަޑުމަޑުން އަނގޮޓީގައި އަތްފިރުމާލި އެވެ. ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ދެލޯމަރާލި އެވެ. އެއަށްފަހު އަނގޮޓީގެ އެހުގެ މަތީގައި އަސަރުން ފުރިގެންވާ ގޮތަށް ދެ ފަހަރަކު ފިރުމާލި އެވެ. އޭނާ ދިޔައީ އެއްލައިގެންނެވެ. އަނގޮޓީގެ އެހުން ކުޑަކުޑަ ނޯޓްޕެޓުގެ ސުކްރީނެއް ފަދަ ހަތަރެސްކަން އަލިކަމެއް ވައިގެތެރެއަށް ނިކުތީމަ އެވެ. އެއަލިކަން މަޑުމަޑުން ސޫރައަކަށް ބަދަލުވި އެވެ. އެތެރެ ފެންނަ ސޫރައެކެވެ. އަނގޮޓީގެ އެހުން ފޯރުކޮށްދެމުން ދިޔަ މަޑު ރަތް އަލިކަމާ އެތަސްވީރާ ގުޅިފައިވުމުން އޭނާ ހައިރާންކަން އިތުރުވި އެވެ. މަޑުމަޑުން އެ ތަސްވީރު ހަރަކާތްތެރިވެލަމުން ވާހަކަދައްކަން ފެށި އެވެ.

= ނުނިމޭ =