އިހަވަންދޫގައި ފާނަ ބަސަނދު ފެތުރެނީ

ޢަބުދުﷲ ޙަމީދު

އިހަވަންދޫގައި ފާނަ ބަސަނދު ފެތުރެމުން އެބަދެއެވެ. ނިމިދިއަ ނޮވެމްބަރ މަހުން ފެށިގެން ޖުމްލަ 7 ބަލިމީހުން ފާނަ ބަސަނދު ޖެހިގެން އިހަވަންދޫ ސިއްޙީ މަރުކަޒަށް ދައްކާފައިވާކަމުގައި އިހަވަންދޫ ސިއްހީމަރުކަޒުން މަޢުލޫމާތު ދެއްވައެވެ. އަދި މި ބަލިމީހުންގެ ތެރޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ހިމެނެއެވެ.

އެ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އެބަލި އެންމެ ފުރަތަމަ ފެނިފައިވަނީ މަނަފަރު ރިސޯޓުގައި މަސައްކަތްކުރައްވާ 2 މީހެއްގެ ފަރާތުންނެވެ. އޭގެފަހުން އިހަވަންދޫގެ ބައެއް މީހުންގެ ގައިވެސް އެބަލި ފެނިފައިވެއެވެ.

ފާނަ ބަސަނދަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ވަރަށް ފަސޭހައިން ގައިންގަޔަށްއަރާ ބައްޔެކެވެ. މިއީ ހުންއައުމާއެކު ގައިން ބިހި ނަގައި ނުވަތަ ފޮޅު ނަގާ ބައްޔެކެވެ.

މި ބަލި ފެތުރެން ދިމާވަނީ، ފާނަ ބަސަނދު ޖެހިފައިވާ ބަލިމީހާ، ކެއްސައި ކިނބިހިއެޅުމުގެ ތެރޭގައި، ވައިގެ ތެރެއަށް ވައިރަސްތައް ބޭރުވެގެންނެވެ. އަދި ނޭވާލުމުގެ ޒަރީޢާއިން ސަލާމަތުން ހުރި މީހާގެ ހަށިގަނޑަށް އެވައިރަސް ވާޞިލްވެއްޖެނަމަ، އެމީހަކަށް ބަލިޖައްސުވަ އެވެ. ފާނަ ބަސަނދު ޖައްސާ ވައިރަސް އާއި އަތް ތަޣައްޔަރުވެފައި ހުއްޓައި، އެއަތް ނުދޮވެ، އަނގަ،ލޯ، އަދި ނޭފަތުގައި ޖައްސައިފިނަމަ ވެސް ފާނަ ބަސަނދު ޖެހިދާނެ އެވެ. މީގެ އިތުރުން ފާނަ ބަސަނދާއި ގުޅިގެން ނަގާފޮޅުތައް ފެޅި އެއިން ބޭރުވާ ދިޔައިގައި، ނުވަތަ ފެޅުމުން އުފެދޭ ފާރުކޮޅުގައި ބީހުމަކީ ވެސް ސަލާމަތުން ހުރި މީހާއަށް ފާނަ ބަސަނދު ޖައްސުވާނެ ކަމެކެވެ.

ފާނަ ބަސަނދު ޖައްސާ ވައިރަސް އަށް ހުށެހެޅޭތާ ގާތްގަނޑަކަށް 14 ވަރަކަށް ދުވަސް ފަހުން ހުންއައުން، ކަރުތެރެ ފާރުވެ، ހަލާކުވުން،ކެއްސުން، ނޭފަތުން ފެންއައުން، ބޮލުގައި ރިހުން،ގައިގައިރިހުން، މޭނުބައިކުރުން، ހޮނޑުލެވުން، ބޯއެނބުރުން، ވަރުބަލިވުން، އަދި ކާހިތްނުވުން 2-1 ދުވަހުގެ މުއްދަތަކަށް މެދުވެރި ކުރުވައެވެ. ހުންއައުން އާންމު ގޮތެއްގައި ހުންނަނީ 38 ޑިގްރީ ސެލްޒިއަސް ހިސާބުގައެވެ.

ފާނަ ބަސަނދު ޖެހި ރަނގަޅު ވަމުންދާ މީހާ، މީހުންގެ ތެރެއަށް ނުކުމެ ނޫޅުމަކީ އެބަލި ފެތުރިގެން ނުދިޔުމަށް އެޅިދާނެ ވަރަށް ބޮޑު ފިޔަވަޅެކެވެ. އެހެނީ އެބަލި އެންމެ އަވަހަށް ފެތުރެނީ ބަލި ރަނގަޅުވާ ދުވަސްވަރުގައި ކަމަށް ޑޮކްޓަރުން ލަފާދެއްވައެވެ. އާއިލާއެއްގެ ތެރޭގައި އެކަކު ރަނގަޅުވާއިރު އަނެކެއްގެ ފުށުން ބަލީގެ އަލާމާތްތައް ފެންނަ ސަބަބަކީ މިއީ އެވެ.