ކުޅުނު ހުރިހާ މެޗެއްގެ ހުރިހާ ސެޓަކުންމޮޅުވެ މުރައިދޫ ފައިނަލަށް!

.

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިޔަށްގެންދާ “ތިލައުތުރު ވޮލީ މުބާރާތް – 2025” ގެ ފައިނަލްގެ ޑިފެންޑިންގ ޗެމްޕިއަން މުރައިދޫ ދަތުރު ކޮށްފިއެވެ. މިމުބާރާތުގެ ފައިނަލްގެ ފުރަތަމަޖާގަ މުރައިދޫ ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި އެޓީމްކުޅުނު ހުރިހާމެޗަކުން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖްގައި އެޓީމްވަނީ ހޯރަފުށި، ދިއްދޫ، މޮޅަދޫ އަދި އިހަވަންދޫ ސީދާ 3 ސެޓުން ބަލިކޮށްފައެވެ.

މިމުބާރާތުގައި 5 ޓީމެއް ވާދަކުރެއެވެ. އެއީ ހޯރަފުށި، މުރައިދޫ، އިހަވަންދޫ، ދިއްދޫ އަދި މޮޅަދޫއެވެ. މިމުބާރާތް ކުރިޔަށްދާނީ 5 ޓީމްގެ މެދުގައި ލީގް އުސޫލުން ފުރަތަމަބުރު ކުޅެ އެންމެ ގިނައިން ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ޖާގައެއް ލިބޭގޮތަށެވެ. ދެވަނަ އަދި 3 ވަނަ ޓީމްގެ މެދުގައި ސެމީފައިނަލް މެޗެއް ކުޅޭނެއެވެ. އެމެޗުން މޮޅުވާ ޓީމަށް ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުވާނެއެވެ. މުރައިދޫ ޓީމަށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުވީ ކުޅުނު ހުރިހާ މެޗަކުން މޮޅުވުމުން ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ.

މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަށަވަރުވާނީ މިއަދާއި މާދަމާގެ މެޗްތަކުގެ ނަތީޖާއިންނެވެ. އިހަވަންދޫ، ހޯރަފުށި އަދި މޮޅަދޫއަށްވެސް 3 ޕޮއިންޓް ލިބިފައިވާއިރު ދިއްދޫވަނީ ޕޮއިންޓެއް ނުލިބި ކަޓައިފައެވެ. މިމުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެއެވެ. މިއަދުގެ ފުރަތަމަ މެޗްގައި ހަވީރު އިހަވަންދޫ ނުކުންނާނީ ދިއްދޫއާ ދެކޮޅަށެވެ. އަދި މިރޭ ހޯރަފުށި ނުކުންނާނީ މޮޅަދޫއާ ދެކޮޅަށެވެ.

ޚިޔާލު ފައުޅުކުރުން

މުރައިދޫ އަށް މިކަން ވާނެ. އިހަވަންދޫ ވޮލީ ޓީމުގަ ތިބީ ހުސް މަމޮޅު ވެފަ ތިބި ކުޅުންތެރިން...