ހުޅުމާލެ ފޭސް 2 ފުޓްސަލް ދަނޑުގައި ކުރިއަށްދާ ބިބީ ޓިކިޓަކާ ފުޓްސަލް ސުޕަރ ކަޕް 2025 ގެ ކުއާޓަރ ފައިނަލްގައި ވެސްޓަރން އެފްސީގެ އަތުން މޮޅުވެ، ޖޭ ސްޕޯޓްސް އެކަޑަމީން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފި އެވެ. މިއަދު ކުޅުނު މި މެޗްގެ ނަތީޖާއަކީ ޖޭ ސްޕޯޓްސް އެކަޑަމީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3 އިން އެއްވަރުވެފަ އެވެ. އެނަތީޖާއާއެކު މެޗުގެ ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިފައިވާއިރު، ޕެނަލްޓީގައި 6-4 އިން ވެސްޓަރން އެފްސީގެ މައްޗަށް ކުރި ހޯދައި ޖޭ ސްޕޯޓްސް އެކަޑަމީން ވަނީ ސެމީ ފައިނަލުގެ ދަތުރު ކަށަވަރުކޮށްފަ އެވެ.
މިއަދުގެ މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖޭ ސްޕޯރޓް އެކަޑަމީގެ ގޯލް ކީޕަރ މުހައްމަދު ޒަޔާންއެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ޒަޔާންވަނީ ވެސްޓަރން އެފްސީން ފޮނުވާލި 3 ޕެނަލްޓީވެސް ދިފާއު ކޮށްފައެވެ.
ޖޭ ސްޕޯޓްސް އެކަޑަމީން މައުލޫމާތުދޭ ގޮތުގައި، މި މުބާރާތުގައި އެޓީމުން ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ، ހއ. އިހަވަންދޫގެ 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ފުޓްބޯޅައަށް ޝައުގުހުރި އަދި ހުނަރުހުރި ކުދިންނަށް ވާދަވެރި އަދި ރަނގަޅު ފުޓްސަލް މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ. މީގެ އިތުރުން މި ފުރުސަތުގެ ތެރެއިން އެ ކުދިންނަށް ތަޖުރިބާ ހޯދައިދިނުމަކީވެސް އެކަޑަމީގެ އެދުމެކެވެ. އެކަޑަމީގެ މި މަސައްކަތުން ޒުވާން ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށް ވެސް އެކަޑަމީން ފާހަގަކުރެ އެވެ.
މި މުބާރާތުގައި ޖުމްލަ 24 ޓީމު ބައިވެރިވެފައިވާއިރު، މި ޓީމުތައް ވަނީ 6 ގްރޫޕަކަށް ބަހާލެވިފަ އެވެ. ސެމީ ފައިނަލަށް ދަތުރުކޮށްފައިވާ ޖޭ ސްޕޯޓްސް އެކަޑަމީގެ އެންމެ ބޮޑު އަމާޒަކީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައި، ކަޕް ކާމިޔާބުކުރުމެވެ.