މުޖުތަމަޢެއްގެ ކުރިއެރުމާއި ތަރައްޤީގައި ފާޑުކިޔުމަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ރަނގަޅު ފާޑުކިޔުމަކީ ގޯސްތައް ރަނގަޅުކޮށް، ކަންކަން ހަރުދަނާކުރުމަށް މަގުފަހިކޮށްދޭ އަލިމަގެކެވެ. ނަމަވެސް ފާޑުކިޔުން ބިނާވެފައި އޮންނަންވާނީ ޒިންމާދާރުކަމާއި، މަސްއޫލިއްޔަތު އަދާކުރުމުގެ މައްޗަށެވެ. އެހެން ނޫންނަމަ، އެ ފާޑުކިޔުން ވެގެންދާނީ ބޭކާރު ކަމަކަށެވެ.
އިހަވަންދޫ ކައުންސިލް އިދާރާގެ އައު އިމާރާތެއް އެޅުމަށް ކަނޑައެޅިފައިވާ ބިމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް މިމަހުގެ 6 ވަނަ ދުވަހު ހުޅުވާލި މައްސަލައަކީ މިއަދު މިކަމުގެ މިސާލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަމެކެވެ. ހިޔާލު ހުށަހެޅުމަށް 2 ދުވަސް ދިންއިރު، 3767 މީހުންގެ އާބާދީއެއް އޮންނަ އިހަވަންދޫއިން ހުށަހެޅީ އެންމެ 28 ހިޔާލެވެ. އެއީ އާބާދީގެ އެންމެ %0.74 އެވެ. މިއީ ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ދަށްކަން ދައްކުވައިދޭ ޢަދަދެކެވެ. ހިޔާލުދިން ފަރާތްތަކުގެ %79.9 (އާބާދީގެ 0.58%) މީހުން އެދުނުގޮތަށް، ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް އޯޕަން ސްޓޭޖްހުރި ބިން ކަނޑައެޅުމާއިއެކު، ސޯޝަލް މީޑިއާ ޝަކުވާތަކުން ފުރާލިއެވެ. “ވޯޓްދިނީ ކިތައްމީހުންތޯ؟ ވޯޓްލީ ކޮންބައެއްތޯ” މިފަދަ ސުވާލުތައް އުފައްދަން ފެށިއެވެ. އެކަކު ބުނީ، ރައްޔިތުންގެ ވޯޓޭ ކިޔާ ތިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ހެޔޮނުވާނެ ކަމުގައެވެ.
މިފަދަ ހާލަތްތަކުގައި ވިސްނާލަންޖެހޭ ކަމަކީ، ރައްޔިތުންގެ ހިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލުމުން އެ ފުރުޞަތުގެ ބޭނުން ހިފީ ކިތައް މީހުންތޯއެވެ. ކައުންސިލުން ރައްޔިތުންގެ މަޝްވަރާއަށް އެދުނުހިނދު އެކަމަށް އިޖާބަދިނީ އާބާދީގެ އެންމެ %0.74 މީހުންކަމީ އަޅުގަނޑުމެން ހިތާމަކޮށް ލަދުގަންނަންޖެހޭ ކަމެކެވެ. ޒިންމާދާރު ރައްޔިތަކަށް ވާނަމަ، ކައުންސިލްއިން ނިންމާ މުހިންމު ނިންމުންތަކުގައި ބައިވެރިވެ، ޚިޔާލު ފާޅުކުރުމަކީ އެމީހެއްގެ ވާޖިބެކެވެ. އެ ވާޖިބު އަދާނުކޮށް، ނިންމުންތައް ނިންމުމަށްފަހު ފާޑުކިޔުމަކީ އެހާ ބުއްދިވެރި ކަމެއް ނޫނެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް ކައުންސިލުން ހުޅުވައިލާ ފުރުޞަތަކީ ރައްޔިތުންގެ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ތަރައްޤީއަކަށް ވާސިލުވުމަށް ކޮށާ މަގެކެވެ. އިންތިހާބުގައި ވޯޓްދިނުމަކުން ރައްޔިތުންގެ މަސްއޫލިއްޔަތު ނިމުނީއެއްނޫނެވެ. ވޯޓަކުން ކައުސިލަރުންގެ ބޮލުގައި ރައްޔިތުންނާއި ރަށުގެ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަޅުވާފަދައިން، ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަދޭ ކައުންސިލްތައް ޖަވާބުދާރީ ކުރުވުމާ ރައްޔިތުންގެ ހިޔާލާ މަޝްވަރާއަށް އެދޭހިނދު ކައުންސިލްތަކަށް އެއްބާރުލުން ދިނުމަކީ ރައްޔިތުން އަދާކުރަންޖެހޭ ޒިންމާއެކެވެ. ކައުންސިލަރުންގެ ޒިންމާއެކޭ އެއްގޮތަށް ރައްޔިތު މީހާގެ ޒިންމާ އަދާނުކުރާނަމަ ޒިންމާދާރު މުޖުތަމައެއް ބިނާކުރެވޭނެތޯއެވެ؟
ސޯޝަލް މީޑިޔާގެ ޕްލެޓްފޯމް ތަކުގަޔާއި ހޮޓާހޮޓަލާއި ކަންކަންމަތީ ޖޯލިތަކުގައި، ކައުންސިލަރުންކުރާ ކަންކަމުގެ ވާހަކަ ދައްކާ އެމީހުންގެ ކިބައިން ފެންނަ ގޯސް ކަންކަން ފާހަގަކޮށް ފާޑުކިޔުމަކީ ރަސްމީ ކަމަކަށް ނުވާއިރު، ރަސްމީގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ކައުންސިލުން ހުޅުވާލާ ފުރުސަތުތަކަށް އިޖާބަނުދީ، އެފުރުސަތުގެ ބޭނުން ނުހިފައި ކައުންސިލަށް ފާޑުކިޔުމުގެ ހައްޤު އަޅުގަނޑުމެނަށް އެބައޮތްތޯއެވެ؟
ރައްޔިތުނާއި ގާތުން ހިދުމަތްތައް ލިބޭ ލާމަރުކަޒީ ފުރިހަމަ ނިޒާމަކަށް ޤައުމު ފައްކާ ކުރަމުންދާއިރު އެ ނިޒާމުން ލިބިދޭ އެންމެހާ ލުއިފަސޭހަތާކާއި ހައްގުތަށް ލިބިގަތުމަކީ ރައްޔިތު މީހާގެ ވެސް ޒިންމާ އެކެވެ. ލާމަރުކަޒީވުމަކީ ހަމައެކަނި އިތުރުބަޔަކަށް މުސާރަ ދީފައި ބޭތިއްބުމެއްނޫނެވެ.
ޤަބޫލުކުރާންޖެހޭ ހަޤީގަތަކީ، ލާމަރުކަޒީ ޤާނޫނާއިވާ “ހުރިހާ އުންސުރަކާ” އެއްގޮތަށް ހިންގަމުންދާ ކައުންސިލެއް އަދި އިހަވަންދޫއަށް ލިބިފައިނުވާކަމެވެ. ނަމަވެސް، އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުން ފެށިގެން، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އަހަރަކު ދެފަހަރު ރައްޔިތުންނާއިއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ހާއްސަ ސަމާލުކަމެއްދީގެން ބާއްވަމުން ދާކަން ފާހަގަކުރެވެއެވެ. އަދި ހާއްސަކޮށް މިހާރު ހިނގަމުންދާ 4 ވަނަ ދައުރުގެ ކައުންސިލުން، ރައްޔިތުންނާއި އެކު ބާއްވަންޖެހޭ ހުރިހާ ބައްދަލުވުންތަކެއްވެސް ބާއްވަމުން ދާކަމީއުފަލާއި އެކު ފާހަގަކުރަންޖެހޭ ކަމެކެވެ. އެބައްދަލުވުންތަކުގެ އިތުރުން ކައުންސިލުން، އެކިއެކި ކަންކަމުގައި ރައްޔިތުންގެ ލަފަޔާ މަޝްވަރާވެސް ހޯދަމުންދާތަން ފެންނަނީ މަދެއްކޮށެއް ނޫނެވެ.
އެހެންކަމުން، އެއްވެސް ކަމަކަށް ފާޑުކިޔުމުގެ ކުރިން، އެކަމުގައި އެމީހެއްގެ ޒިންމާ އަދާކޮށްފައިވޭތޯ ބަލަންޖެހެއެވެ. ސަރުކާރުގެ ނުވަތަ ކައުންސިލްތަކުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން ހޯދަން މަސައްކަތްކުރާ ހިނދު، އެ ފުރުޞަތުތަކުގެ ބޭނުން ހިފުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ. ޒިންމާ އަދާކުރުމަށްފަހު ކިޔޭ ފާޑުކިޔުން ވާނީ ބިނާކުރަނިވި އަދި އެކަމުން ހެޔޮ ބަދަލެއް އަންނާނެ ފާޑުކިޔުމަކަށެވެ. އެހެން ނޫންނަމަ، ފާޑުކިޔުމަކީ ހަމައެކަނި ކޫސަނި ޝަކުވާއެއްގެ ގޮތުގައި ބެލެވޭނެއެވެ. ވީމާ، އަބަދުވެސް ފާޑުކިޔަންވާނީ އެކަމެއްގައި އެމީހެއްގެ ޒިންމާ އަދާކޮށްފައެވެ.
ހަމަމިޔާއިއެކު ރައްޔިތުންގެ މަޝްވަރާއާއި ލަފާހޯދުން ނަމެއްގައި ކުރާކަމަކަށް ކައުންސިލުން ހަދައިގެން ނުވާނެއެވެ. ޒުވާނުންގެ މަރުކަޒު އެޅުމުގެ ކުރިން އެއިމާރާތް އަޅާނެ ތަނެއް ކަނޑައެޅުމުގެ މަޝްވަރާ އަހަން، އިހަވަންދޫގެ ޒުވާންުންނާއި އެކު އެކިވަރުގެ ބައްދަލުވުންތައް ކައުންސިލުން ބޭއްވިއެވެ. ކަންނިމިގެން ދިޔަކަމަށްވަނީ ދެވުނު ލަފާތަކާއި ދިމާ އިދިކޮޅަށެވެ. އެހެންވާންވެއްޖެނަމަ ކުރިޔަށް އޮތްތަނުގައި އާބާދީގެ %0.74 މީހުންވެސް ކައުންސިލްގެ މިފަދަ ގޮވާލުންތަކަށް އިޖާބަ ނުދީފާނެއެވެ.