ދުންތަރި އަތުން ބަދަލު ހިފައި ބޮޑުމަގު ފައިނަލަށް!

މުޙައްމަދު އަކުރަމް

އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ، ޑަބުލިއު.ޑީ.ސީ އަންހެން ވޮލީ ބޯޅަ މުބާރާތް 2025، ގެ ފައިނަލުގެ ދެވަނަ ޖާގަ ބޮޑިމަގު ޓީމް ހޯދައިފިއެވެ. އެޓީމް ފައިނަލުން ޖާގަ ހޯދީ ރޭކުޅުނު ސެމީ ފައިނަލް މެޗްގައި ދުންތަރި މައްޗަށް 3-0 ސެޓުން ކުރި ހޯދައިގެންނެވެ. ނަމަވެސް މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި މި ދެ ޓީމް ބައްދަލުކުރި މެޗް ނިމުނީ 3-2 ސެޓުން ދުންތަރި މޮޅުވެގެންނެވެ.

މިމުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައިވަނީ، މިދިޔަ އަހަރުގެ ޗެމްޕިއަން ކުޑަކަތީބު މަގު ޓީމެވެ. އެޓީމުން މިމުބާރާތުގެ ފައިނަލުން ސީދާ ޖާގައެއް ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ކުޑަކަތީބު މަގު އަދި ބޮޑު މަގު ބައްދަލުކުރާ ފައިނަލް މެޗް ކުޅޭނީ މާދަމާރޭ 20:15 ގައި ހުރަވީ އައުޓްޑޯރ ވޮލީ ކޯޓްގައެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 30000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެވަނަ ޓީމަށް 10000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.