ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޝާފިޢު ޢައްޔަންކޮށްފި

.

ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ހއ. އިހަވަންދޫ / އުދަރެސް، އަލްއުސްތާޛް އަޙްމަދު ޝާފިޢު އައްޔަންކޮށްފިއެވެ.

ކްރިމިނަލް ކޯޓަށް ޝާފިޢު އައްޔަންކުރީ އެކޯޓަށް 2 ފަނޑިޔާރުން ހޯދުމަށް ކުރެވުނު އިޢުލާނުގެ ދަށުން ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ. ޝާފިޢު މަޤާމުގެ ހުވައި ކުރެއްވީ ރޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ރަސްމިއްޔާތުގައެވެ.

މިއީ އިހަވަންދޫގެ ބޭފުޅަކު ކްރިމިނަލް ކޯޓުގެ ޤާޟީކަމަށް އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ.

ޝާފިޢުވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަން އިން ބެޗްލަރ އޮފް ލޯ އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމްޕަރެޓިވް ލޯސް ޙާސިލްކުރައްވާފައެވެ. އަދި އަލްއުސްތާޛު އަޙްމަދު ޝާފިޢުއަކީ ޝަރުޢީ ދާއިރާއަށް 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އެގޮތުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓަރުގެ މަޤާމް 4 އަހަރު ދުވަހު ފުރުއްވާފައިވެއެވެ. އަދި 2015 އިން ފެށިގެން ބަންޑާރަ ނައިބުގެ އޮފީހުގެ ކޮންސަލްޓެންޓެއްގެ މަގާމުވެސް ފުރުއްވާފައިވެއެވެ. އަދި މި މަގާމު ލިބުނުއިރު ޝާފިއު ހުންނެވީ ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެކްސްކޯ މެންބަރެއްގެ މަގާމުގައެވެ. ޝާފިއުއަކީ 2013 އިން ފެށިގެން އެޑްވޮގާޑޯ ލޯ ފާމްގެ މެނޭޖިންގ ޕަރޓްނަރެވެ. އަދި މިއީ ތަޖުރިބާކާރު ކްރިމިނަލް ޑިފެންސް ވަކީލެއް ކްރިމިނަލް ކޯޓުގެ ޤާޟީންގެ ތެރޭގައި ހިމެނުނު ފަހަރުކަންވެސް ފާހަގަ ކޮށްލެވެއެވެ.