ހއ. އިހަވަންދޫގައި ހޯމް ކަރަންޓީންގައި ހުރި ފަރާތެއް ނަތީޖާ ނުލިބެނީސް ސިއްހީމަރުކަޒުން ހޯމް ކަރަންޓީނުން ރިލީސް ކޮށްފައި ނުވާނެ ކަމަށް އާމިނާދިޔޯ ސިއްހީމަރުކަޒުން ބުނެފިއެވެ.
އިހަވަންދޫގައި ހޯމްކަރަންޓީނުގައި ހުރި ފަރާތެއް ކަރަންޓީނުގެ 14 ދުވަސް ހަމަކުރުމަށްފަހު ސާމްޕަލް ނަގައި ނަތީޖާ ނުލިބެނީސް ސިއްހީމަރުކަޒުން އެފަރާތް ކަރަންޓީނުން ދޫކޮށްލާފައިވާ ކަމަށާއި އެމީހާގެ ނަތީޖާ ލިބުނު އިރު އޭނާގެ ނަތީޖާ ކޮވިޑް 19 އަށް ފައްސި ވެފައިވާކަމަށް ރަށުތެރޭގައި ވާހަކަ ދެކެވެމުން ދާތީ މިނޫހުގެ ފަރާތުން މައުލޫމާތު ހޯދުމަށް އާމިނާދިޔޯ ސިއްހީމަރުކަޒުގެ ޒިންމާދާރުވެރިޔާ އެސިސްޓެންޓު ކޮމިޔުނިޓީ ހެލްތު އޮފިސަރ އަލްފާޟިލް ހުސެއިން ފަޔާޒުއާ ސުވާލު ކުރުމުން ވިދާޅުވީ، ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް މިއަދު ކޮވިޑަށް ފައްސިވެފައިވާއިރު، މަރުކަޒުގެ ފަރާތުން އެފަރާތަށް ހޯމް ކަރަންޓީނު ނިމުމަކަށް ގެނައުމަށް އަންގާފައި ނުވާނެ ކަމަށެވެ.
“މަރުކަޒަށް ނަތީޖާ ލިބިގެން އެކަން އެންގުމަށް އެފަރާތައް ގުޅިއިރު، އޭނާ ހުރީ ކަރަންޓީނު ވެފައިވާ ތަނުން ނުކުމެ ގޭގައި” ފަޔާޒު ވިދާޅުވިއެވެ.
ފަޔާޒު އިތުރަށް ވިދާޅުވީ ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުން ނަގާ ރިލީސް ސާމްޕަލްގެ ނަތީޖާ މަރުކަޒަށް ލިބުމުގެ ކުރިން މަރުކަޒުން ގުޅައިގެން އެއްވެސް ފަރާތެއް ކަރަންޓީނުން ރިލީސް ކޮށްފައި ނުވާނެކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މަރުކަޒަށް ނަތީޖާ ކަށަވަރު ކުރެވުމުގެ ކުރިން އެއްވެސް ފަރާތެއް ކަރަންޓީނުން ދޫކޮށް ނުލާނެކަމުގެ ޔަޤީންކަން ފަޔާޒު ވަނީ ދެއްވާފައެވެ.
މިކޭސް އާ ގުޅިގެން އެފަރާތާ ކޮންޓެކްޓް ވެފައިވާ ފަރާތްތައް ހޯދައި އައިސޮލޭޓް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ އިރު މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާއި އެއްގޮތަށް އިހަވަންދޫގެ އީ.އޯ.ސީން ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން ޒަރޫރީ ބޭނުމެއްނެތި އެއްވެސް ފަރާތަކުން ގެއިން ބޭރަށް ނިކުމެ ނޫޅުމަށް އިހަވަންދޫ ކައުންސިލްގެ އިދާރާއިން ވަނީ އަންގަވާފައެވެ.