ހއ. އިހަވަންދޫން ކޮވިޑު ބަލި ފެނުމާ ގުޅިގެން ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކަށް ފަރުވާ ދިނުމަށް ފުލޫ ކުލިނިކެއް ހަމަޖައްސައިފިއެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން މިއަދު އިޢުލާނު ކޮށްފައިވާ ގޮތުގައި ރޯގާ ޖެހިފައިވާ ފަރާތްތަކުން މިއަދުން ފެށިގެން ބަލަމުން ދާނީ އެމަރުކަޒުގައި ޤާއިމުކޮށްފައިވާ ފުލޫ ކުލިނިކުން ނެވެ. މިގޮތުން ފުލޫ ކުލިނިކަށް ދައްކަން އައުމުގެ ކުރިން ސިއްހީމަރުކަޒުގެ ނަންބަރ 6500501 އަށް ގުޅައި ނޯޓު ކުރަން ޖެހެއެވެ. ފުލޫނިކު ހިންގުމަށް ކަނޑައަޅާފައި ވަނީ ކޮންމެ ދުވަހެއްގެ މެންދުރު ފަހު 2:00 އިން 4:00 އަށެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުން ބުނެފައި ވަނީ މިއީ އެމަރުކަޒުން ހިދުމަތް ހޯދާ ފަރާތްތަކާ ހިދުމަތް ދޭ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް ސިއްހީމަރުކަޒުން އެދިލައްވައެވެ.
މިނޫން ގަޑިތަކުގައި ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން ފަރުވާ ހޯދުމަށް ބޭނުންނަމަ، ސިއްހީމަރުކަޒަށް ނޮގޮސް ޓެލެކޮންސަލްޓޭޝް ކުރިއަށް ގެންދެވޭނެ ކަމަށްވެސް އެމަރުކަޒުން މައުލޫމާތު ދެއްވައެވެ.
ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކާއި އެހެނިހެން ބަލިތަކުގައި ފަރުވާ ހޯދާ މީހުންނާ ބައްދަލުނުވާގޮތަށް ސިއްހީމަރުކަޒުން ބަދަލުގެނެސްފައި މިވަނީ އިހަވަންދޫން ކޮވިޑު ބައްޔަށް ބަޔަކު ފައްސިވުމާއި ގުޅިގެންނެވެ.
އާމިނާދިޔޯ ސިއްހީމަރުކަޒުގެ އޯޕީޑީއަށް ރޯގާޖެހިގެން ދެއްކި މީހަކާއި އޭނާގެ ކޮންޓެކްޓެއް ކޮވިޑަށް ފައްސިވުމާ ގުޅިގެން އިހަވަންދޫ ކައުންސިލުން ވަނީ އީއޯސީން ރަށުގައި އެޅުމަށް ހަމަޖެހިފައިވާ ފިޔަވަޅުތައް އާއްމުކޮށްފައެވެ. ކައުންސިލުން ހާމަކޮށްފައިވާ ގޮތުން އިހަވަންދޫން ފެނުނު ކޮވިޑު ފައްސި ކޭސްތަކާ ގުޅިގެން މިވަގުތަށް އިހަވަންދޫގެ 6 ގެއެއް ވަނީ ކަރަންޓީނުކޮށްފައެވެ.