އިހަވަންދޫގައި ބޯޓްޔާޑެއް ތަރައްޤީކުރުމަށް، މޯލްޑިވްސް ޓުރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއި އެކު ހެދި އެއްބަސްވުން އުވައިލަން އިހަވަންދޫ ކައުންސިލުން ނިންމައިފިއެވެ. މިގޮތަށް ކައުންސިލުން ނިންމީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 163 ވަނަ ޖަލްސާގައެވެ.
އެމްޓީސީސީއާ ކައުންސިލާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، 2022 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހު 2 ލައްކަ އަކަފޫޓްގެ ބިމެއް، 50 އަހަރުގެ މުއްދަތަށް އެމްޓީސީސީއާ ހަވާލުކުރިއެވެ. އެއަހަރުތެރޭ ބޯޓްޔާޑް ތަރަށްގީކުރުމުގެ މަސައްކަތް ފަށާނެކަމުގެ ޔަޤީންކަން އެމްޓީސީސީއިން ދިންނަމަވެސް މިއަދާހަމަޔަށްވެސް ބޯޓްޔާޑްގެ އެއްވެސް އަމަލީ މަސައްކަތެއް ފަށައިފައެއްނުވެއެވެ.
2022 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ބޯޓް ޔާޑަށް މުއައްޒަފުން ހޯދަން އެމް.ޓީ.ސީ.ސީ އިން އިއުލާންކުރިއެވެ. ނަމަވެސް އެކަން ކުރިޔަށް ގޮސްފައެއް ނުވެއެވެ. ބޯޓްޔާޑުގެ މަސައްކަތް ކުރިޔަށްނުދާ ސަބަބު އޮޅުންފިލުވުމަށް، މިނޫހުން މިއަހަރުގެ ޖެނުއަރީ މަހު އެމްޓީސީސީއަށް ފޮނުވި އެއްވެސް އީމެއިލްއަކަށް އެކުންފުނިން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއްނުވެއެވެ.