ނޫނެކެވެ. ނާޅައެވެ. އަޅާކަށް ނުވެސް އުޅެއެވެ. ހަމަ މުޅިން ދޮގުވާހަކައެކެވެ. އަސްލެއް ހަގީގަތެއް ނެތްތާނގައި ހަމަ ބުއްދިޔާއި ހެޔޮވިސްނުމުގެ ތަރާދަކުން މިނެ ކިރައިފިނަމަ ކުޅަނދެއް ކީއްކުރާންތޯ މަދޮށްޓެއްގެ ބުރަދަންވެސް ހުރި ވާހަކައެއް ނޫނެވެ.
ޕޯޗްގީޒުން ނުވަތަ އެދުވަސްވަރުގެ ދިވެހީންގެ ބަހުން ފުށެތިކާލުން ދިވެހިރާއްޖެ ހިފިކަމަށް ބުނާ ދުވަސްވަރަކީ ދުނިޔޭގައި އިސްތިއުމާރީ އަޅުވެތިކަން އޭގެ އިންތިހާޔަށް ފޯރައިފާ އޮތް ދުވަސްވަރެވެ. މި އިސްތިއުމާރީ އަޅުވެތިކަމަކީ ދީނާއި އަޅުކަމުގެ މަސްތަށްވުރެ ބޮޑަށް ދުނިޔެވީ ބޭނުންތަކަށް ކަރު ހިއްކާގެންފައި އޮތް ކަމެކެވެ. މިއަޅުވެތިކަމުގެ އެންމެހާ ޖަރީމަތަކެއް ހިންގުމުގައި އެދުވަސްވަރު އެންމެ އަރާތިބި އެއްބަޔަކީ ހުޅަނގުގެ ކާފަރުންނެވެ. ނުވަތަ ކާފިރު ގައުމުތަކެވެ. ފުށެތިކާލުންނާއި ފަރަންސޭސިންނާއި އިނގިރޭސިންނާއި ލަންދޭސިންނަކީ އެދުވަސްވަރު ހިންގުނު މި އަނިޔާވެރި ޖަރީމާތަކުގެ އެންމެ ކުރިޔަށް ތިބި ފަރާތްތަކެވެ.
މި އަޅުވެތި ކަމުގައި ދީނީ އެއްވެސް ސިފައެއް ޖެހިފައި ނުވާކަން ދޭހަވާ ސަބަބުތަށްވެސް މަދެއްނޫނެވެ. އެއްކަމަކީ މި އަނިޔާވެރި އިސްތިއުމާރީންގެ މެދުގައި އޮތް ވާދަވެރިކަމެވެ. އެއްބަޔަކަށް ވުރެ އަނެއްބަޔަކު ގިނަތަންތަން އަތުލާ ގިނަ މުދަލާއި ފައިސާޔާއި މިބާވަތުގެ ދުނިޔޭގެ ލާބަ ލިބެނިވި އެއްޗެއްސާއި ކަންކަމަށް ހުރި ފޯރިއެވެ. ހަމަ މިއާއި އެކު މިއިން ކޮންމެބަޔަކުވެސް އެއްބަޔަކު އަނެއްބަޔަކާއި ދެކޮޅަށް ކުރެވެން އޮތް ކޮންމެ ކަމެއް ކޮށް ވެވެން އޮތް އެހީއެއްވެދީ ލެވެން އޮތް ބާރެއް ލާދިންކަމެވެ. އަނެއްކަމަކީ މިމީހުން އިސްތިއުމާރުކުރި ތަންތަނުގައި 20 ނުވަތަ 15 އަހަރު ތިބެފައި ފައިބާގެން ދިޔައިރު އެމިހުންގެ ދީނީ އަސަރުތަށް އެތަންތަނަށް ކުރި މިންވަރުގެ ކުޑަކަމެވެ. އާންމުކޮށް އުޅެނީ ދިހައެއް ފަނަރަ އިންސައްތައިގައެވެ. މިމިންވަރަކީ އިންސާނާގެ ތަބީއަތުގައި ވާ އާކަންކަން ނަކަލުކުރުމުގެ ލޯތްބާއި ދުނިޔޭގެ ޖާހާއި ލައްޒަތުގެ އެދުމުގައި ވެރިންނާއި އަރިސްވުމުގެ އެދުމާއި ބައެއްގެ ތެރޭގައި އެކުއެކީ އުޅެންޖެހުމުގެ ސަބަބުން އެކަނިވެސް އެފަދަ އަސަރުތަށް ކުރާނެ މިންވަރެވެ.
ރާއްޖެގައި ޕޯޗްގީޒުން ތިބި ދުވަސްވަރު އެމީހުން އެމީހުންގެ ގޮތާއި ފޮތް މިތާ ފަތުރާން، ބުރާރަކޮއިގެ ބަހުންނަމަ “ދަމާ ރޮއްޖަކަށް ފޫގަޅައިގެން” އުޅެފައިނެތްކަމުގެ އެއް ހެތްކަކީ ދިވެހިންނަށް އެމީހުން އެއްވެސް ކަހަލަ ތައުލީމެއް ފޯރުކޮށްނުދޭ ކަމަށް އުލޫމުގެ ގުލްޝަން ލިޔުއްވަމުން އަމީން ދީދީ ލިޔުއްވި ޖުމުލައެވެ. އިތުރަށް އަމީން ލިޔުއްވައިފާ ވާ ގޮތުގައި “ދިވެހިންގެ ބަޔަކު އެބައިމިހުންގެ ބަސް ދަސްކޮށް ދިވެހީންގެ މެދުގައި އެބަސްފަތުރައި އުޅުނުކަންވެސް އެނގިފައެއް ނެތެވެ”. ބަޔަކު އެބަޔެއްގެ ގޮތްފޮތް އެހެންތަނެއްގައި ފަތުރާން ބޭނުންނަމަ އެބައެއްގެ ތައުލީމް އެތަނެއްގައި ނުފަތުރާނެތޯއެވެ. ކޮންމެ ބަޔެއްގެ ތައުލީމުގަވެސް އެންމެ އަސާސީ ބަޔަކީ އެބައެއްގެ ދިނާއި މޮށެއުޅޭ ބަހެއްނޫންތޯއެވެ.
ބުނެވޭ ގޮތުގައި ދިވެހިރާއްޖޭގެ ތާރީހު ލިޔެވެން ފެށިފައިވަނީ ހަސަން ތާޖުއްދީންގެ ފަނޑިޔާރުކަމުގައެވެ. ވުމާއި އެކު އެއީ ތާރީހުފޮތުގައި ބުނާ ފުރެތިކޭސީން ފަހުން ފުށެތިކާލުން ދިވެހިރާއްޖެ އަޅުވެތި ކުރިތާ އަދި އެއަޅުވެތިކަމުން ބޮޑުތަކުރުފާނުން ރާއްޖެ މިނިވަން ކުރެއްވިތާ ދޮޅުގަރުނަށްވުރެ ފަހެވެ. އެހެންކަމުން ތާރީހުގައި އެވާހަކަތައް ލިޔާންޖެހުނީ ދުރު އަދި ކޮށި ހަނދާނާއި އޯލަ ޔޯލައިގެ މައްޗަށެވެ.
ހާދިސާ ހިނގިތާ 150 އަހަރަށްވުރެ ފަހުން ލިޔުނު ތާރީހުގައި އެވާހަކަތަށް ލިޔެފައިވަނީ ވާހަކަކިޔުމަށް ކުޅަދާނަ ބުރާރަ މުހައްމަދުފުޅު ކިޔުއްވި ވާހަކައިގެ މައްޗަށް ބުރަވެއެވެ. ތެދެކެވެ. ކިޔާމީހަކު ކިޔާ އަހައި މިހަކު އަހައި ފޫހިވާނޭ ވަހަކައެއްނޫނެވެ. މިވާހަކައިގެ ކަންކަން ހުރި ހިސާބަކީ ސަލާހުއްދީން ތަރުޖަމާކުރެއްވި އަލްއައްލާމަތުއްސައްޔިދު އަހުމަދު ޒައިނީ ދަހުލާންގެ ސިޔަރަތުއްނަބަވިއްޔާއަށް ވުރެ އާދަމުގެ ދަރީންގެ ބުއްދި ހައިރާން ކޮށް އާދަ ފޫވައްޓާލައިފަނިވި ކަންކަމާއި އިއްތިފާގުތަކުގައި އަރާހުރި ވާހަކައެއްމެއެވެ. ކޮންމެއަކަސް މިތަނގައި އަޅުގަނޑު ސިޔަރަތާއި އަޅުވާ ބުނިބަހެއް މިބުނީ އެސިޔަރާތާއި މެދު ކުޑައިމީސް ބަހެއް ބުނުމަކަށް ނޫނެވެ. އެހެނެއްކަމަކު އެވާހަކައިގައި ހުރި އަޖައިބު އަންތަރީސް ކުރުވަނިވި ކަންކަން ގިނަކަމާއި އެކަންކަން ހުރި ދަރަޖަ ވަޒަންކޮށްލުމުގެ ފަސޭއަކަށެވެ.
މި ވާހަކައިގައި ބޮޑުތަކުރުފާނުން މާލެ އެރި ރެޔާއި ގުޅުވައިގެން ތިން އިއްތިފާގެއް ގެނެސްފައި ވެއެވެ. ވާހަކަ ރީތިކޮށް މީހުން ކޮސް ކުރުމަށެވެ. މީތެރެއިން އެއް އިއްތިފާގަކީ އެރޭ (ޣާޒީ ބަންޑާރައިން މާލެ އަރާން އޮތް ރޭ) އަލިވިލުމައްފަހު ފެށޭ ދުވަހަކީ ޕޯޗްކީޒުން ދިވެހިންގެ ކަރަށް ރާ އަޅާން ނިންމާފައި އޮތް ދުވަހެވެ. ކިހާ ރީތި ހެއްޔެވެ. ފަނަރަ އަހަރާއި ހަމަސްދުވަހު ކުރި ވެރިކަމުގައި ގަދަކަމުން ކަރަށް ރާ އަޅާން ވީ ހަމަ މިދުވަހުއެވެ. އަނެއްކަމަކީ ވާހަކައިގައި ބުނާގޮތުން ރާއްޖެތެރޭގެ ރަށްރަށުގައި މީހެއް ދެމީހުން ނޫނީ އިސްލާމަކު ނެތެވެ. އެކަމަކު އެމީހުންގެ ވެރިކަމާއި ހުރިހާ އާރަކާއި ބާރު އޮތް މާލޭގައި ގިނަބަޔަކު ތިބީ އިސްލާމުންގެ ގޮތުގައެވެ. އެހެންކަމުން މިއީ ވާހަކަ އިތުރަށް ފަށުވިކޮށް މީހުންގެ ޝައުގުވެރިކަން އަތުލާން ކޮށްފައިވާ ކަމެއްކަން އެނގެއެވެ. ދެން އެހެންނޫނަސް އެބައިމީހުންގެ ވެރިކަމާއި ގޮތާއި ފޮތާއި ނުރުހިފައި ތިބި ބަޔަކުގެ ކަރަށް ރާއަޅައިގެން ލިބޭނޭ ފައިދާއެއް އޮންނާނެތޯއެވެ. ނުވަތަ ގަދަކަމުން އެހެންދީނަކަށް ވައްދައިގެން ލިބޭނޭ އެހީތެރިކަމެއް ވާތްގެއް އޮންނާނެތޯއެވެ.
މިވާހަކަޔާއި ތާރީހާއި ފުށުއަރާ ކަމެއްވެސް އެބައޮތެވެ. އެކަމަކީ ޕޯޗްކީޒުން ރާއްޖެ ހިފުމަށް މެދުވެރިވި ހާދިސާއެވެ. ވާހަކައިގައިވާ ގޮތުން ގޯވާ ކަޅުފަރަންޖީ (އަނދިރިއަނދިރިން) އަކީ ގާފަރު ކަޅު އުމުށޭމުގެ ދޮންދަރިއެވެ. ކަޅުފަރަންޖީގެ މަންމައަކީ ގޯވާ ރަސްގެފާނުގެ ދަރިކަނބަލުން ޚާނުޒީދުކަމަނާއެވެ. ބައްޕައަކީވެސް ގޯވާމީހެކެވެ. މީނާ ވިހައި ބޮޑުވީ ރާއްޖޭގައެވެ. އައްޑޫ ހިތަދޫގައެވެ. އިސްލާމެއްގެ ގޮތުގައެވެ. ފަހުން ގޯވަޔަށް ގޮސް ޣައިރު ދީނަށް ވަނީއެވެ. ތަފާތުވާ ތަންކޮޅަކީ ވާހަކައިގައި އަނދިރިއަނދިރިން ރާއްޖެހިފާން އަންނަނީ ރާއްޖޭގެ ވެރިކަމަށް އޭނާގެ ހިތުގައި އޮތް ދަހިވެތި ކަމެއްގެ ސަބަބުން ގޯވާ ރަސްގެފާނަށް ދަންނަވައިގެން އަދި އެކަމަކީ ދާދި ފަސޭހަ ކަމެއް ކަމުގައި ރަސްގެފާނުންނަށް ވިސްނައިދީގެންނެވެ. ތާރީހުގައި ބުނަނީ ރާއްޖޭގެ 9 ވަނަ ހަސަން ރަސްގެފާނުން ވެރިކަމަށް ދަހިވެތިވެ ވަޑައިގެން ގޯވާއަށް ގޮސް ގޯވާ ރަސްގެފާނުންގެ އެހީ ހޯއްދަވަނީ ކަމަށެވެ. މިގޮތުން ވެދިން އެހީޔަކީ ހަނގުރަމައިގެ ލަޝްކަރެއް ފޮނުވައި ދިނުމެވެ. ސުރުހީ އާއި މާ ބޮޑު ގުޅުމެއްނެތަސް މިހާދިސާގެ ހުރި އެހެން ތަފާތުތަށްވެސް ދަންނަވާލާނަމެވެ. ވާހަކައިގާ ވާ ގޮތުން އަނދިރިއަނދިރިން 4 ފަހަރު ރާއްޖެ އާދެއެވެ. ފުރަތަމަ ފަހަރު ވިޔަފާރިދަތުރެއް ކަމުގައި ހެދިގެން ރާއްޖެ އައިސް އަލިރަސްގެފާނާއި ގާތް ގުޅުމެއް އުފައްދާ އަނދިރިއަނދިރިންގެ ކޮއްކޮ އަދި ގާފަރު ކަޅުއުމުށޭމުގެ އުފަން ދަރި މަތުއްކަލާ އަލިރަސްގެފާނުންގެ އިޒުނަޔާއި އެކު ނައު ދައްކާން ކަމަށް ހަދާ ނަވަށް ގެންގޮސް ފުރާގެންދިޔަ މަގުމަތީ ގާދޫކޮލަށް ކަނޑުފައްތައެވެ. ހަނގުރާމަޔަށް އަންނަނީ އޭގެފަހުންނެވެ. ވާހަކައިގަވެސް ތާރީހުގަވެސް ތިންފަހަރު މަތިން ހަނގުރާމައަށް އާދެއެވެ. ފަހަރަކަށްވުރެ ފަހަރެއް ލަޝްކަރު ބޮޑުކޮށް ވަރުގަދަ ކުރެއެވެ. ވާހަކައިގައި ފުރަތަމަ ދެފަހަރު ބަލިވުމުން އަނބުރާ ދަނީއެވެ. ތާރީހުގައި ފުރަތަމަ ދެދަތުރު ބަލިކޮށް ހަމަ އެކަކު ސަލާމަތްވިޔަނުދީ އެންމެން މަރާ ހުސްކޮށް ހަނގުރާމަޔަށް ގެނައި ނައުފަހަރާއި ކަނޑިބަޑި ސިލޭހަތަކަށް ދާންދެން ދިވެހިން ޣަނީމާ ކުރެއެވެ.
ކޮންމެއަކަސް އަޅުގަނޑު ފާހަގަ ކޮށްލަން މިއުޅޭ ނުކުތާއަކީ އަނދިރިއަނދިރިން ރާއްޖޭގެ ރަސްކަމުގައި ހުރި ދިގު މުއްދަތުގައި ރަސްކަން އޮތީ ޕޯޗްގީޒުންނަށް ކަމަށްވިޔަސް އެރަސްކަމުގެ ލާބަޔާއި މަންފާ ލީބޭ ދިވެހިންގެ ބަޔަކު ނުތިބެ ނުދާނޭ ވާހަކައެވެ. އެހެންކަމުން ޣާޒީ ބަންޑާރައިންގެ ގައުމީ ޖިހާދަކީ އެއްގޮތަށްވުރެ ގިނަގޮތްގޮތުން ދިވެހިންގެ ބަޔަކާއިވެސް ދެކޮޅު ހަނގުރާމައެކެވެ. އަމުދުން ހަނގުރާމަ ފަށައި ރާއްޖެ ޕޯޗްގީޒުންގެ އަތްދޮށަށް ދިޔުމުގެ އަސްލަކީ ތާރީހު ބުނާގޮތަށް ނުވަ ވަނަ ހަސަންރަސްގެފާނުން ވެރިކަމާއި ހެދި އުޅެގެން ވީގޮތެއް ކަމަށް ވަންޏާ އެއީ ޔަގީން ކަމެއް ނޫންތޯއެވެ. ވީމާ ދެންވާނޭ ގޮތް މިހާރު ވިސްނިވަޑައިގެންފި ދެއްތޯއެވެ. އާދެ ދިވެހި ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ހިނގާ ސިޔާސީހަތިޔާރަކީ ދީނެވެ. މިއީ މިކަމުގައި ދިވެހިން ދީން ދޫކުރަން މަޖުބޫރު ކުރިޔޭ ކަރަށް ރާއެޅިޔޭ ކީޔައި މައިގަނޑު ސަބަބެވެ. އާދެ! ހަނގުރާމަ ކާމިޔާބު ކުރި ފަރާތްތަކުން އަނދިރިއަނދިރިންނާއި ވާގިވެރިވީ ދިވެހިފަރާތްތަކުގެ އަގުވައްޓާލާ އެމީހުން ކުރި ކަންތަކުގެ ނުބައިކަމާއި ނުލަފާކަން އިންތިހާޔަށް ގެންގޮސް މީސްތަކުންގެ މެދުގައި އެމީހުން މަގުބޫލުކަން ނަގާލުމަށް ސިޔާސީގޮތުން ކޮށްފައިވާ ކަމެކެވެ.
އަދިވެސް އެހެން ނުކުތާއެކެވެ. މިނުކުތާ ފާހަގަކޮށްލަން މިޖެހެނީ ތާޖުއްދީން ލިޔުއްވި ތާރީޚް ފޮތް އަނދާ އަޅިޔަށް ވުމަށްފަހު ދެން ލިޔެވުނު ތާރީޚް ފޮތް ލިޔުއްވުމަށް އެކުލަވާލެއްވި ކޮމެޓީގައި ގައި ތިއްބެވި ރައީސާއި ނައިބު ރައީސަކީ ދީނީ އިލްމުގެ ދެބޭފުޅުން ކަމަށް ވުމުންވެސް ކަރަށް ރާއެޅުމާއި އިސްލާމުން ދީނުން ބޭރުކުރުމުގެ ވާހަކަ އެލިޔުއްވި ތާރީހް ފޮތުގައި ލިޔުމަށް މަގުފަހިވާނެ ކަމަށްޓަކައެވެ. އިސްލާމުން ކުރެ ގިނަ ދަންނަމީހުންނަކީ ހަސަނަށް ހީވާހެން ހީވާބައެކެވެ. ” ފުޅައްބުޑުން ދަންޏާ ކެޔޮގަނޑުކަނޑާލާނޭ” ބުނާހެން އަބަދުވެސް އެމީހުންނަށް ހީވަނީ ކާފަރަކު އިސްލާމުންގެ ތެރޭގައި އުޅެންޏާ އޭނާގެ ކަމަކަށް އޮންނާނީ އެކާފަރުކަލޭގެ ގެ އަމިއްލަ ދީން ފެތުރުން ކަމަށެވެ. އެކުން ބޮޑަށް އެހެންހީވަނީ އިސްލާމްދީނުގައި އެދީނުގެ މީހުންނަށް އިސްލާމް ދީން ފެތުރުމަކީ ވަރަށްބޮޑަށް ބާރު އަޅާ ކަމަކަށް ވެފައި އޮތުމާއި އެކު އެއީ ދުނިޔެއާއި އާޚިރަތުގައި މަތިވެރި ޘަވާބާއި ދަރުމަހުރި ކަމަކަށް ވުމުން އާޚިތަށް އެދި އެމަސައްކަތް ކުރާ ބަޔަކަށް އިސްލާމުން ވާތީއެވެ. ޚާއްސަކޮށް އިސްލާމީ އިލްމުވެރިންނެވެ. އެކަމަކު އެއީ އެހެން އޮތް ކަމެއްނޫނެވެ. އިސްލާމް ދީން ފިޔަވައި އެހެންދީންތަކުގެ މީހުންނަކީ އާޚިރަތެއް އޮވެގެން އުޅޭ ބައެއްނޫނެވެ. އެމީހުންނަކީ ދީނަށްވުރެ ބޮޑަށް ދުނިޔެއަށް ހެއްލި ދުނިޔޭގައި ބަގުޑި ބައްދައިގެން އުޅޭބައެކެވެ.
އަނެއްކަމަކީ އެދުވަސްވަރު ރާއްޖެ އަޅުވެތިކޮށްގެން ތިބީ ހަމަ ޔަގީނުންވެސް ޕޯޗްގީޒުންތޯ އުފެދޭ ސުވާލެވެ. ޝައްކެއްނެތް މިންވަރަށް އެކަން ޔަގީންވާކަށް ނެތެވެ. ލިޔުންތެރިން ފާހަގަ ކުރައްވާ ގޮތުގައި ޕޯޗްގީޒުންގެ ފަތްފުށްތަކުން އެކަން އެނގޭކަށްނެތެވެ. ޕޯޗްގީޒުންނަކީ އެއިރު ތައުލީމާއި ތަމައްދުންގައި ދިވެހިންނަށްވުރެ އަރާތިބި ބައެކެވެ. އެހެންކަމުން އެމީހުން ދިވެހިރާއްޖެ އަޅުވެތި ކުރިނަމަ އެމީހުންގެ ފަތްފުށް ތަކުގައި އެކަން ފެންނާން ނެތުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. މިއީވެސް ޕޯޗްގީޒުން ދިވެހިންގެ ކަރަށް ރާ އެޅުމުގެ ފުރުސަތު ހަނިވާނެ ކަމެއްހެން ހީވާތީ މިނުގުތާވެސް ހިމަނާލެވުނީއެވެ.
އާދެ މިލިޔުން ލިޔުމުގެ މަގުސަދަކީ ބޮޑުތަކުރުފާނުންގެ ގައުމީ ޖިހާދާއިމެދު ކުށްހީތަކެއް އުފައްދާ އެތަކުރުފާނާއި މެދު ބަދުބަސްތަކެއް ބުނުމެއް ނޫނެވެ. އަދި ދިވެހިންގެ މެދުގައި އެތަކުރުފާނަށް އޮތް ލޯތްބާއި ގަދަރު ފަނޑުކޮށް ނަގާލުމެއްވެސް ނޫނެވެ. އޭރުވެސް މިހާރުވެސް އަޅުގަނޑު މިހުރީ އެތަކުރުފާނުންގެ އެ މިންނެތް ބުރަ ބިރުވެރި ނާމާން ދަތުރަކީ ދިވެހި އުއްމަތުގެ ހައްގުގައި ވެވަޑައިގެންނެވި މަތިވެރި ގުރުބާނީ އެއް ކަން ގަބޫލުކޮށްގެންނެވެ. އާދެ! އެއީ އެއްވެސް ޝައްކެއްނެތް ގޮތުގައި ދީނާއި ގައުމުގެ ދިފާއުގައި ކުރެއްވި އަގު އަދާކުރެވެން ނެތް މަތިވެރި ޖިހާދެކެވެ. އެހެންނަމަވެސް ކަމެއްގެ ތެރޭގައި ހިނގިކަމެއް ނުހިނގާ ކަމަކަށް ނުވާނޭ ފަދައިން ނުހިނގާ ކަމެއް ހިނގި ކަމަކަށްވެސް ނުވާނެ ނޫންތޯއެވެ.