ފުޅި ސިސްޓަމް
ފެނުގައި ގަސް އިންދާ ހައްދާނެގޮތުގެ މައުލޫމާތުގެ ސިލްސިލާގެ މިފަހަރު މި ހުށަހަޅާލަނީ ފަސޭހައިން ލިބެން ހުންނަ ބާވަތްތަކުގެ އެހީގައިގޭގައި އަމިއްލަ އަށް ތައްޔާރުކުރެވިދާނެ އޮނިގަނޑެކެވެ. ފުޅި ސިސްޓަމް މިއީ ފެނުގައި ގަސްހެއްދުމަށްޓަކައި އަގުހެޔޮކޮށް ގޭގައި ތައްޔާރު ކުރެވިދާނެ ނިޒާމެކެވެ. ފެނުގައި ގަސް އިންދުމަށް ޝައުޤު ހުންނަ ފަރާތްތަކުން އަޖުމަބަލާލުމަށް މި ފަދަ ސިސްޓަމަކުން އެހީތެރިވެވިދާނެކަމަށް ޤަބޫލުކުރެވެއެވެ. މި ނިޒާމުގައި ބޭނުންކުރާނީ ކޮކާކޯލާގެ 2 ލީޓަރު ފުޅި އާއި އެސްލޯނު ހޮޅި އާއި ހޮޅި ގުޅުވުމަށް ބޭނުންކުރާ ޓީ އަދި އެލްބޯ ނުވަތަ ކަނެކްޓަރ އެވެ. މިއީ ބޭނުން ސައިޒަކަށް ބޭނުން ގޮތަކަށް ބޭނުން މިންވަރަކަށް ބޮޑުކޮށް އަދި ކުޑަކޮށް ތައްޔާރުކުރެވިދާނެ ސިސްޓަމެކެވެ. މި ފަހަރު މިހުށަހަޅާލަނީ އާދައިގެ ސިސްޓަމެއް ތައްޔާރު ކުރެވިދާނެ ގޮތެވެ. މިކަމަށްބޭނުން ވާނެ ތަކެއްޗާއި ކަންކުރަންވީ ގޮތްތައް ތިރީގައި އެވަނީއެވެ. ބޭނުންވާނެ ތަކެތި: 1 އިންޗީގެ 14 ޓީ / އެސްލޯނު ހޮޅި ގުޅުވުމަށް ބޭނުންކުރާ 1 އިންޗީގެ 6 ކޯރނަރ / އެސްލޯނު ހޮޅި ގުޅުވުމަށް ބޭނުންކުރާ 1 އިންޗީގެ 1 ޓީ، ½ އިންޗީގެ ބޭރަށް ތްރެޑްލާފައިވާ ½ އިންޗީގެ 1 ކަނެކްޓަރ 1 އިންޗީގެ 10 ފޫޓްގެ އެސްލޯނު ހޮޅި: 7 އިންޗި ދިގު 1 ހޮޅި ބުރި 6 އިންޗި ދިގު 4 ހޮޅި ބުރި 4.5 އިންޗި ދިގު 1 ހޮޅި ބުރި 4 އިންޗި ދިގު 12 ހޮޅި ބުރި 1 އިންޗި ދިގު 11 ހޮޅި ބުރި 2 ލީޓަރު ފުޅީގެ (ކޮކާކޯލާ) 11 މަތި ގަނޑު (އެތެރޭގައި ½ އިންޗި ލޯވަޅެއް އަޅާފައި) 2 ލީޓަރުގެ 11 ފުޅި (ކޮކާކޯލާ) މެދުން ބުރިކޮށްލާފައި އެސްލޯނު ހޮޅި ތަތްކުރުމަށް ބޭނުންކުރާ ތެރަސް ފެން އަޅާނެ ޓައްޕު/ ހަން ނުވަތަ ބާލިދީއެއް މަސްޓޭންކްގައި ގެންގުޅޭފަދަ އޮޓޯ ޕަންޕެއް
ތައްޔާރުކުރާނެ ގޮތް ކުރެހުމުގައިވާ ގޮތަށް ޓީ އަދި އެލްބޯތައް ތެރަސްލާ ތަތްކުރާށެވެ. ކޮންމެ ހޮޅި ކޮޅެއްގެ ދިގުމިނަކީ 4 އިންޗިއެވެ. ތެރަސްލުމުގެ ކުރިން ރަނގަޅަށް އަތުރާލުމަށް ސަމާލުކަންދޭންވާނެއެވެ. ކުރެހުމުގައި ވާ ގޮތަށް ތިން ޓީ އަރިއަށް، ދެ ޓީ މައްޗަށް އަދި ދެ އެލްބޯ މައްޗަށްވާ ގޮތަށް އެތުރުމަށް ސަމާލުވާށެވެ. މި ވައްތަރުގެ ދެ ސެޓްތައްޔާރުކުރާށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި 6 އިންޗި ދިގުމިނުގައި ހުރި 4 ހޮޅިކޮޅުގައި ތެރަސް ލުމަށްފަހު ކުރެހުމުގައި ވާގޮތަށް ތަތްކުރާށެވެ. ތިންވަނަ ބަރީގައިވާ ހޮޅިތައް ތަތްކުރާނީ ޓީގެ ދެމެދަށް ½ އިންޗީގެ ހޮޅިކޮޅެއް ލުމަށް ފަހުގައެވެ. ތިން ބައި ކުރެހުމުގައި ވާ ގޮތަށް ތަތްކޮށް ނިމޭއިރު ދިގުމިން ސީދާކުރަން ސަމާލުވާށެވެ. އަދި ތްރެޑް ހިމެނޭ ޓީ އަރިއަށް ބޭއްވުމަށް ސަމާލުވާށެވެ. މިއީ ގަސް އިންދުމަށް ތައްޔާރުކުރާ ނިޒާމުގެ މެދުބައެވެ. މިބައި ތައްޔާރުކޮށް ނިމުމުން ކުރިން ތައްޔާރު ކުރެވިފައިވާ ދެ ފަރާތާއެކު ކުރެހުމުގައިވާގޮތަށް މުޅި ނިޒާމުގެ އޮނިގަނޑު އެއްކޮށް ރާވާ ތެރަސްލާ ތަތްކުރާށެވެ.
އޮނިގަނޑު ތައްޔާރުކުރުމަށްފަހު ދެން ތައްޔާރުކުރަން ޖެހޭނީ ގަސް އިންދުމަށް ބޭނުންވާ ބައިގައި ފެންހަރުލާނެ ގޮތަށް ތައްޔާރުކުރާ އުނބުގަނޑެވެ. ނުވަތަ ފުޅި ބުރި ހަރުކުރާ ބައެވެ. މިގޮތުން، އެންމެ ފުރަތަމަ ޓީގެ ތެރެއަށް ލުމަށްޓަކައި 1 އިންޗީގެ ހޮޅިކޮޅުގައި ތެރަސްލުމަށްފަހު ލޯވަޅު އަޅާފައިވާ ފުޅީގެ މަތިގަނޑާއި ހޮޅިކޮޅު ތަތްކުރާށެވެ. އެއަށްފަހު، ޓީގައި ހޮޅިކޮޅު ތަތްކުރާށެވެ. ފުޅީގެ ތުނބުގައި ތެރަސްލާ މަތިގަނޑުގައި ހަރުކުރާށެވެ. މަތިގަނޑު ފެން ލީކު ނުވާނޭހެން ފަރުވާތެރިވެ ތެރަސްލާންވާނެއެވެ.
ސިސްޓަމުގެ މަތީބައި ތައްޔާރުކުރުމަށްފަހު ދެން ސަމާލުވާންވީ ބަޔަކީ އޯވަރ ފްލޯ ހޮޅި ތައްޔާރުކުރުމަށެވެ. ކުރެހުމުގައިވާ ގޮތަށް މިކަން ކުރުމަށްޓަކައި 5 އިންޗީގެ ދިގު ހޮޅި އެލްބޯ އަކަށް ގުޅުވާ އަނެއްކޮޅަށް 7 އިންޗީގެ ހޮޅި ޖެހުމަށްފަހު ދެ ބައިގެ ދެމެދަށް 2 ¼ ގެ ހޮޅިކޮޅެއް ލުމަށްފަހު ތެރަސްލާށެވެ. އަދި މި ހޮޅީގެ މަތީ ފަރާތުގައި ހިމަ ލޯވަޅެއް ތޮރުފާށެވެ. އެއަށްފަހު ކުރެހުމުގައިވާ ގޮތަށް ސިސްޓަމް އެއްކޮށް ރާވާށެވެ. އަދި ފެންނެގުމަށް ތައްޔާރުކުރެވުނު ހޮޅީގެ އެއްކޮޅު އޮޓޯ ޕަންޕާއި ގުޅާށެވެ. އަދި ފެން އެޅުމަށް ޚާއްޞަކުރެވިފައިވާ ބާލިދީ ޓައްޕު ފަދަ އެއްޗެއްމަތީގައި ރަނގަޅަށް ހަމަޖެހޭނެގޮތަށް ސިސްޓަމް ބަހައްޓަން ސަމާލުވާށެވެ. އަދި ސިސްޓަމުގެ ފެންދައުރުވުމުގައި މައްސަލައެއް ހުރިނެތް ގޮތް ބެލުމަށް ސިސްޓަމް ޓެސްޓުކޮށްލަންވާނެއެވެ. މިފަދަ ކޮންމެ ސިސްޓަމެއް ތައްޔާރު ކުރުމަށްފަހުގައިވެސް ސިސްޓަމް އެއްކޮށް ސާފުވާނޭހެން ދޮވެލަން ވާނެއެވެ. ސިސްޓަމު ދޮންނައިރު، ސިސްޓަމް ތައްޔާރުކުރުމަށް ބޭނުންކުރި ކެމިކަލް ތަކުގެ އަސަރުތައް ކަނޑުވާލުމަށް ކުޑަ ބްލީޗް ފޮދެއް ބޭނުންކުރެވިދާނެއެވެ. އެއަށްފަހު ސިސްޓަމް ރަނގަޅަށް ހިއްކާލުމަށް އަވީގައި ބޭއްވުމަށްފަހު، ގަސް ހެއްދުމަށްބޭނުންވާ ތަނުގައި ސިސްޓަމް ބަހައްޓާށެވެ. ދެން ސިސްޓަމަށް ފެން އެޅުމަށްފަހު ފެން އެޅުމަށް ބަހައްޓާ ބާލިދީ ނުވަތަ ޓައްޕަށް ކާނާ ގިރުވާފައިވާ ފެން އަޅާ ސިސްޓަމުގެ ފެންގަނޑުގައި ކާނާ ދައުރުވާނޭހެން ފެންތައް ދައުރުވާގޮތް ހަދާށެވެ. އަދި ސިސްޓަމްގައި އިންދުމަށް ތައްޔާރުކޮށްފައިވާ ގަސްތައް (އެދެވިގެންވަނީ ޑިސްޕޯސަލް ތަށީގެ ތެރެއިން ފެން ބުއިމަށް ބޭނުންކުރާ ބާވަތުގެ ތަށީގައި ބޮނބިކުނޑި ކަފަ ނުވަތަ ސްޕަންޖުގައި ގަސްފަޅުވާ ކުރިން ތައްޔާރުކުރުމަށްފަހު) ސިސްޓަމުގެ ކޮންމެ ފުޅިއެއްގައި ގަހެއް އިންދާށެވެ. އަބަދުވެސް ހަނދާންކުރަންވީކަމަކީ ހުދުކުލައިގެ އެއްޗެއްސަށް އަލި އޮބްސަރވްކުރާ މިންވަރު ކުޑަވާނެކަމެވެ. އަދި އެތެރެފެންނަ މިފަދަ ފުޅި ތަކެއްގައި ފެހި ޖަހާ، އެކަމުން ގަސްތަކުގެ މޫތަކަށް އިތުރު ގޯސްތަކެއް ކުރިމަތި ވެދާނެކަމަށް ވިސްނަންވާނެއެވެ. އެހެންކަމުން، ސިސްޓަމްގައި ހުދު ދަވާދުލުމަކީ އެދެވިގެންވާކަމެކެވެ. މި ސިސްޓަމުގައި މިރުސް، ކިއުކަމްބަރ، ސްވީޓް މެލަން، ފަދަ ފެނުގައި ފަސޭހައިން ހެދޭ ބާވަތްތައް ހެއްދިދާނެއެވެ. ކޮންމެ ސިސްޓަމެއްގައިވެސް ހައްދާނީ ވަކި ބާވަތެކެވެ. އެހެނީ، ކޮންމެ ބާވަތެއްގެ ގަހަށްވެސް ކާނާ ގިރުވަން ޖެހެނީ ވަކި މިންވަރަކަށެވެ. ވަކި ގޮތަކަށެވެ. އަޖުމަ ބަލާލަން ކުޑަ ސިސްޓަމަކުން ފަށައިގެން ކުރިއަށް ގެންދެވިދާނެއެވެ. ތަޖުރިބާ ލިބެމުންދާ މިންވަރަކުން ސިސްޓަމް ބޮޑުކޮށް ވިޔަފާރީގެ ގޮތުގައި ކުރާ މަސައްކަތެއްގެގޮތުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެއެވެ. “ތަޖުރިބާއަކީ އެންމެ ފުރިހަމަ އެދުރެވެ.” (ނުނިމޭ)


