އިހަވަންދޫގައި ޚަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކުން ރާވައިގެން ހިންގުމަށް ބޭނުންވާ ތަރައްޤީގެ ޕްރޮގްރާމްތަކަށާއި މަޝްރޫޢުތަކަށް މާލީ އެހީތެރިކަން (ގްރާންޓު) ފޯރުކޮށްދިނުމަށް އިހަވަންދޫ ކައުންސިލުން ނިންމައި، އެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އިޖުތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުމަށާއި، މުޖުތަމަޢަށް ފައިދާކުރާނެ ގޮތަށް ރަށުގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާކުރުމުގެ މަޤުޞަދުގައެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު 3/2022 (ޖަމްޢިއްޔާތަކުގެ ޤާނޫނު) ގެ ދަށުން ހއ. އިހަވަންދޫގައި ރަޖިސްޓްރީކޮށްގެން ހަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅާއިރު ޖަމްޢިއްޔާގެ ރަޖިސްޓަރީގެ ކޮޕީއާއި، އެ ޖަމްޢިއްޔާއަކީ ހަރަކާތްތެރި ޖަމްޢިއްޔާއެއްކަން އަންގައިދޭ ކަމާބެހޭ މިނިސްޓްރީގެ ލިޔުމުގެ އިތުރުން، ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓު އަދި މާލީ ރިޕޯޓު ހުށަހަޅާފައިވާކަމުގެ ލިޔުން ވެސް ހުށަހަޅަން ޖެހޭނެއެވެ.
މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތުން، މި ގްރާންޓުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ފަރާތަކަށް ވެސް އެންމެ ގްރާންޓެއްގެ ފުރުޞަތެވެ. އެގޮތުން މައިގަނޑު ދެ ކެޓަގަރީއަކުން ގްރާންޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ކެޓަގަރީ ކަމުގައިވާ "ޖެނެރަލް ޕްރޮޖެކްޓް ގްރާންޓް" ގެ ދަށުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި 75,000.00 ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު، މި ކެޓަގަރީން ޖަމްޢިއްޔާއަކަށް ދޫކުރެވޭނެ ގްރާންޓުގެ ޢަދަދަކީ 1 އެވެ. މި ކެޓަގަރީއަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި "ހަނދުވަރީހިނގުން" ތަރައްޤީކުރުމާއި، ބަނދަރު ސަރަހައްދުން އިރު އުތުރު ކަންމަތީގައިވާ ބިމުގައި ކުދި މައިޒާންތައް ތަރައްޤީކުރުން ހިމެނެއެވެ.
ދެވަނަ ކެޓަގަރީ ކަމުގައިވާ "ސްމޯލް ގްރާންޓް" ގެ ދަށުން އެންމެ ބޮޑު އަދަދެއްގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 20,000.00 ރުފިޔާއެވެ. މި ކެޓަގަރީން ވެސް ޖަމްޢިއްޔާއަކަށް ދޫކުރެވޭނެ ގްރާންޓުގެ ޢަދަދަކީ 1 އެވެ. ސްމޯލް ގްރާންޓަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށް ހިންގޭ ޕްރޮގްރާމްތަކާއި، ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި، އުފެއްދުންތެރިކަން އިތުރުކުރުމަށް ހިންގޭ ޕްރޮގްރާމްތަކުގެ އިތުރުން، ދީނީ ދާއިރާއިން މީހުން އުފެއްދުމަށް ހިންގޭނެ ތަމްރީނު ޕްރޮގްރާމްތައް ހިމެނެއެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު، މަޝްރޫޢުގެ މަޢުލޫމާތާއި ޖަމްޢިއްޔާގެ ޤާބިލިއްޔަތުކަމާއި، މަޤުޞަދު، ނަތީޖާ، ސަރުކާރުގެ ސިޔާސަތުތަކާއި ރަށުގެ ތަރައްޤީގެ ރޭވުންތަކާ ހުރި ގުޅުން، ހަރަކާތްތަކުގެ ތަފްޞީލު، ވަގުތު ތާވަލް، މުޖުތަމަޢުގެ ބައިވެރިވުން، ދެމެހެއްޓެނިވިކަން، މޮނިޓަރކޮށް އިވެލުއޭޓް ކުރާނެ ގޮތް، ބަޖެޓް އަދި ފައިސާ ޖަމާކުރާނެ އެކައުންޓުގެ ތަފްޞީލު ހިމަނަން ޖެހޭނެއެވެ. އަދި ޖަމްޢިއްޔާގެ ނަމާއި ރަޖިސްޓަރީ ނަންބަރު، މަޝްރޫޢުގެ ފޯކަލް ޕޮއިންޓުގެ ނަމާއި ގުޅޭނެ ނަންބަރު، މަޝްރޫޢަށް ހިނގާނެ ޖުމްލަ ޚަރަދުގެ ތަފްޞީލު، ކައުންސިލް ގްރާންޓުން އެދޭ އަދަދު އަދި ޖަމްޢިއްޔާއިން ނުވަތަ އެހެން ފަރާތަކުން ޚަރަދުގައި ހިއްސާވާ މިންވަރު ވެސް ޕްރޮޕޯސަލްގައި ހިމަނަންވާނެއެވެ.
ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް މާކްސް ދިނުމުގައި ޖުމްލަ 100 މާކްސްގެ ތެރެއިން، މަޝްރޫޢުގެ މަޤުޞަދާއި ނަތީޖާއަށް 15 މާކްސް، މަޝްރޫޢުގެ ޕްލޭން އަދި މަސައްކަތް ހިންގާނެ ގޮތަށް 20 މާކްސް، މުޖުތަމަޢުގެ ބައިވެރިވުމާއި ދެޖިންސުގެ ހަމަހަމަކަމަށް 20 މާކްސް، ޖަމްޢިއްޔާއިން ކުރާނެ ޙިއްޞާގެ މިންވަރަށް 5 މާކްސް، ޕްރޮޕޯސަލްގެ ދެމެހެއްޓެނިވިކަމަށް 5 މާކްސް، ކްލަބް ނުވަތަ ޖަމްޢިއްޔާއިން އަހަރުގެ ޕްލޭން ކައުންސިލުން އަންގާ މުއްދަތުގައި ހުށަހަޅާފައިވާ ޖަމްޢިއްޔާއެއްކަމުގައި ވާނަމަ 10 މާކްސް އަދި ޕްލޭންގައިވާ ޙަރަކާތްތަކާ ގުޅުވާލެވޭ މިންވަރަށް 25 މާކްސް ކަނޑައަޅާފައިވެއެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ 10 ޑިސެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ. ޕްރޮޕޯސަލް (ގުޅޭ އެންމެހައި ލިޔެކިޔުންތައް PDF ފޯމެޓުގައި) projects@ihavandhoo.gov.mv އަށް އީމެއިލް ކުރެވޭނެއެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި "ޖަމްޢިއްޔާތަކުގެ ގްރާންޓް ޕްރޮޕޯސަލް - [ޖަމްޢިއްޔާގެ ނަން]" މިހެން ޖަހަން ޖެހޭނެއެވެ. އަދި އިދާރާއަށް ދުރުވެ ހުށަހަޅާނަމަ، ސުންގަޑީގެ ކުރިން އިހަވަންދޫ ކައުންސިލްގެ އިދާރާގެ ކައުންޓަރަށް ސިޓީއުރައެއްގައި ބަންދުކޮށް ހުށަހަޅަން ޖެހޭނެއެވެ. ސުންގަޑީގެ ފަހުން ހުށަހަޅާ ޕްރޮޕޯސަލްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ޕްރޮޕޯސަލްތައް ބާތިލުކުރުމުގެ އިޙްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިހަވަންދޫ ކައުންސިލް އިދާރާގެ ނަންބަރު 6500013 އަށް ގުޅުއްވުމަށް ނުވަތަ projects@ihavandhoo.gov.mv އަށް އީމެއިލް ކުރެއްވުމަށް ކައުންސިލުން އެދިވަޑައިގަންނަވައެވެ.
ކޮމެންޓް
އަދި ކޮމެންޓެއް ނެތް