މިއަދު ފިރިންނާ ދޭތެރޭ އަހަރެމެން އަނބިން ކަންތައް ކުރަނީ ކިހިނެއް ހެއްޔެވެ؟ އަންހެން ދަރީންނަށް ފިރިންގެ ޙައްޤުތައް އުނގަންނައި ދިނުމަކީ މައިންބަފައިން ވަރަށްބޮޑަށް ސަމާލުކަންދީގެން ކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙައްޤުތަކަށް ރައްކާތެރިވެ ހުރެގެން އަންހެނަކު އެންމެ އިސްކަމެއް ދޭންޖެހޭނީ ފިރިމީހާގެ ޙައްޤަށް ކަމަށްވާތީ އެވެ.
رسول الله صلّ الله عليه وسلّم حد يث ކުރައްވާފައިވެ އެވެ.
"لو كنت آمرا أحدا أن يسجد لأحد لأمرت النّـساء أن يـسجدن لأزواجهنّ" (أبو داود)
މާނަ: "ތިމަން ރަސޫލާ މީހަކަށް ސަޖިދަކުރަން މީހަކަށް އަމުރު ކުރައްވާނޭ ނަމަ، ފިރީންނަށް ސަޖިދަކުރަން އަނބީންނަށް އަމުރު ކުރެއްވީމުހެވެ."
އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ.
"لا يحلّ لامرأة أن تصوم وزوجها شا هـد إلا بإ ذ نه" (متّــفـق عليه)
މާނަ: "އަންހެނަކަށް، އޭނާގެ ފިރިމީހާގެ ޙާޟިރުގައި އެފިރިމީހާގެ އިޛުނަ ލިބިގެން މެނުވީ ސުންނަތް ރޯދަ ހިފުން ހުއްދައެއްނޫ ނެނެވެ."
ދީނުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ފަރުޟު ކުރައްވާފައިވާ ކަންތައްތައް ފިޔަވައި ސުންނަތް ކަންތައްތައް ކުރުމުގައި، ފިރިމީހާގެ އިޛުނަ، އަނބިމީހާ ހޯދަންޖެހޭނެކަން މިދޭހަ ކޮށްދެނީ ފިރިމީހާއަށް ކިޔަމަންގަތުމުގެ ހުރި ބޮޑުކަމެވެ. ފިރިމީހާގެ ރުހުން ހޯދުން މިއީ އަންހެނެއްގެ ޙަޔާތުގައި އެންމެ އިސް އެއް މަޤްޞަދެވެ. ޙަޔާތުގައި އެންމެ ބުރަބޮޑު މަސްއޫލިއްޔަތަކީ މިއީ އެވެ. މިކަން ހާމަކޮށްދެއްވަމުން رسول الله صلّ الله عليه وسلّم حد يث ކުރައްވާފައިވެ އެވެ.
"أيّما امرأة ماتت وزوجها راض عـنها دخلت الجنّة" (ترمذي)
މާނަ: "ފިރިމީހާ ރުހިގެންވާ ޙާލުގައި މަރުވެއްޖެ އަންހެނާ ސުވަރުގެ ވަދެއްޖެ އެވެ."
އަދި ހަމަ އެހެންމެ ފިރިމީހާ ރުޅިވެގެންވާ ޙާލު، ރޭގަނޑު ވޭތު ކުރުމުން ހުރި ގެއްލުމާއި ދެރަ ބަޔާން ކުރައްވައި رسول الله صلّ الله عليه وسلّم حد يث ކުރައްވާފައިވެ އެވެ.
"إذا باتت المرأة فراش زوجها لعـنـتــها الملالكة حتّي تصبح" (مسلم)
މާނަ: "ފިރިމީހާއާއި ވަކިން އަންހެނަކު ރޭގަނޑު ހޭދަކޮށްފިނަމަ އޭނާގެ މައްޗަށް ފަތިސްވަންދެން މަލާއިކަތުންގެ ލަޢުނަތް ވެއެވެ."
މިހާރަކަށްއައިސް ފިރިމީހާގެ ގާތުން ވަރިޔަށް އެދުން މިވަނީ އާންމުވެފަ އެވެ. ބައެއް ފަހަރު ވަރަށް ކުޑަކުޑަ ކަމަކާ ހެދި އެވެ. އަނެއްބައި ފަހަރު އެއްވެސް ކަމަކާނުލަ އެވެ. ފިރިމީހާގެ ގާތުން އެއްވެސް ކަމަކާނުލައި ވަރިއަށް އެދުމަކީ ވަރަށްދެރަ އަދި އެހާމެ ގެއްލުންބޮޑު ކަމެކެވެ. މިކަން ބަޔާންކޮށްދެއްވަމުން رسول الله صلّ الله عليه وسلّم حد يث ކުރައްވާފައިވެ އެވެ.
"أيّما امرأة طلبت من زوجها طلاقها من غير بأس فحرام عليها رائحة الجنّة" (تر مذى)
މާނަ: "ކަމަކާނުލައި ފިރިމީހާގެ ގާތުން ވަރިޔަށް އެދެފި އަންހެނެއްގެ މައްޗަށް ސުވަރުގޭގެ މީރުވަސް ވަނީ ޙަރާމް ވެގެންނެވެ."
ފިރިމީހާގެ ރުހުން އެއީ އަންހެނެއްގެ ޙަޔާތުގައި އެންމެއިސް އެއް މަޤްޞަދު ކަމުގައި ވީއިރު، އެ މަޤްޞަދު ކާމިޔާބު ކުރުމަށްޓަކައި ތިރީގައިމިވާ ނުޤުތާ ތަކާއިމެދު ފަރުވާ ބެހެއްޓުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެން ނޫންނަމަ މި މުހިންމު މަޤްޞަދު ޙާސިލްނުވެ، ޙަޔާތް ބަރުބާދުވެ ދިއުމަކީ ވަރަށްވެސް ގާތުގައިވާކަމެކެވެ.
- ރުހުމާއި ނުރުހުމުގައި އަބަދުވެސް ހިނިތުން މޫނަކާއެކު ފިރިމީހާއާ ބައްދަލްކުރުން
- ފިރިމީހާގެ މޫނު މަތީގައި ބާރުއަޑުން، އޭނާގެ ހިތުގައި ޖެހޭގޮތަށް ވާހަކަ ނުދެއްކުން
- ކިތައްމެބޮޑު ނުރުހުމެއްގައިވެސް “ކުނިމޫނު” ނުދެއްކުން
- ފިރިމީހާ ގެއިން ބޭރުގައި އުޅެފައި އަންނަ ކޮންމެ ވަގުތެއްގައިވެސް އޭނާ ހިތް އުފާވާ ގޮތަށް އިސްތިޤުބާލު ކުރުން
- ތިމާގެ ޒާތީބޭނުން ތަކުގައި ގިނަގިނައިން ކިޔައި ނުހެދުން
- ގެއަށް ބޭނުންވާ އެއްޗެއްގެ ވާހަކަ ބުނުމުގައިވެސް، ފިރިމީހާގެ މޫޑު ބަލައިގެން، އެކަމެއް އޭނާ ހިތްއުފާވާ ގޮތަކަށް ހުށައެޅުން
- ފިރިމީހާގެ ހިމޭން ކަމަކީ ތިމާ ކަން ދަނެ އެބަދުވެސް އޭނާ ހިތްހަމަޖައްސައި ދިނުމަށް އިސްކަން ދިނުން
- ފިރިމީހާ ގެއިން ބޭރަށް ދާންވުމުން އިންތިޡާމްތައް ފުރިހަމަކޮށް އުފަލާއެކު ވަދާޢުގެ ސަލާމްކުރުން
- ކެއިން ބުއިމުގައި ފިރިމީހާގެ ހިތްއެދޭގޮތާއިމެދު ޚިޔާލު ބަހައްޓައި އެކަމަށް ފުރިހަމައަށް ސަމާލުކަން ދިނުން
- ފިރިމީހާގެ އިޛްނައާނުލައި ގެއިންބޭރަށް އެއްވެސް ތަނަކަށް ނުދިއުން
- ފިރިމީހާގެ މައިންބަފައިންނާއި ގާތްތިމާގެ މީހުންނަކީ، ތިމާގެވެސް މައިންބަފައިން ކަމުގަޔާއި އަދި ގާތްތިމާގެ މީހުން ކަމުގައިދެކި އެމީހުންނާއި މެދު، ފިރިމީހާގެ އެދުމާއި އެއްގޮތަށް މުޢާމަލާތު ކުރުން
- ގޭގެ ކަންތައްތައް އިންތިޡާމް ކުރުމުގައި ފިރިމީހާގެ ރުހުމާއި އެދުމާއި އެއްގޮތަށް ކަންތައްތައް ކުރުން
- ފިރިމީހާގެ އަބުރަށް އުނިކަމެއް ލިބިދާނެ އެއްވެސް ކަމެއް ބަހުން ނުވަތަ ޢަމަލުން ވިޔަސް ނުކުރުން
- މެހެމާނުންނަށް ކަމޭހިތުމުގައި ފިރިމީހާގެ ރުހުމަށް ބަލައިގެން ކަންތައް ކުރުން
- ތިމާގެ ކިބައިން ފިރިމީހާ ނުރުހޭ ކަމެއް ވެއްޖެކަން އެނގުމާއެކު ފިރިމީހާގެ ކިބައިން މަޢާފަށް އެދުން. އަދި އޭނާ ރުއްސުމަށް ފަރުވާތެރިވުން
- ތިމާ ހިތްހަމަ ނުޖެހޭ ކަމެއް ފިރިމީހާގެ ކިބައިން ވެއްޖެނަމަ، އެކަން ފިރިމީހާއަށް އެންގުމުގައި ދަނޑިވަޅު ބަލައިގެން އޭނާގެ ހިތުގައި ނުޖެހޭ ގޮތަށް އެކަން އެންގުން
- ފިރިމީހާ ހިތާމަ ވެރިވެ ނުވަތަ މޮޅިވެރިވެ އުޅޭތަން ފެނުމުން އޭނާގެ ހިތްހަމަޖެއްސައިދިނުމަށް ވެވެން އޮތްހާ މަސައްކަތެއް ކުރުން
- ބައްޔެއް ވެއްޖެނަމަ ތިމާގެ އަމިއްލަ ހަށިގަނޑަށްވުރެ ބޮޑަށް އޭނާގެ ބައްޔަށް ފަރުވާ ދިނުމުގައި ސަމާލުކަން ދިނުން
އިސްވެދިޔަ ނުޤްތާތަކާއިމެދު ޚިޔާލު ބަހައްޓައިގެން ދިރިއުޅުން ވޭތުކުރާ އަންހެނެއްގެ ދެ ޙަޔާތް ބާއްޖަވެރި ނުވެ ނުދާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއްނޫނެވެ. الله سبحانه وتعالي ދިވެހި އެންމެހައި އަޚުންނާއި އުޚުތުންނަށް ދެ ޙަޔާތުގެ ބާއްޖަވެރިކަން ޙާޞިލްކުރުމުގެ ހެޔޮ ތައުފީޤު ދެއްވާށި އެވެ.
އާމީން!
=މިލިޔުމަކީ تحـفة 3 ވަނަ އަދަދު އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.=



