ދީން

ރޯދަ ގެއްލޭ ބަލިމީހުން ޢަމަލުކުރަން ޖެހޭ ގޮތް

ރޯދަ މަހު ރޯދަ ގެއްލޭ މީހުން ބެހެނީ 2 ބަޔަކަށެވެ. އެއީ؛ 1- ގަސްތުގައި ރޯދަ ދޫކޮށްލާ މީހާ. 2- ބައްޔެއްގެ ނުވަތަ ދަތުރެއްގެ ސަބަބުން ރޯދަ ގެއްލޭ މީހާ. ގަސްތުގައި ރޯދަ ދޫކޮށްލާ މީހާ. ގަސްތުގައި ރޯދަ ދޫކޮއްލާ މީހާ އެކުރީ ވަރަށް ބޮޑު ފާފަ އެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އެކަމުގެ ޙަރާމްކަން އެނގިހުރެ އެކަން ކުރާ މީހާ ދީނުންބޭރުވާނެ ކަމަށްވެސް ޢިލްމުވެރިން ބަޔަންކުރައްވާފައިވެއެވެ. އޭނާއަށް ތައުބާ ލައިދީ ތައުބާ ނުވެއްޖެނަމަ ޤަތުލު ކުރެވޭނެ ކަމަށްވެސް ވިދާޅުވެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުން، ޤަޞްތުގައި ރޯދަ ދޫކޮށްލިމީހާ، ތައުބާވެ، އޭނާ ދޫކޮށްލި ރޯދަތައް ހިފުމާއެކު ކޮންމެ ރޯދަޔަކަށް ފިދްޔަވެސް ދޭންޖެހޭނެއެވެ. ދެން އޮތީ ބައްޔެއް ނުވަތަ ދަތުރެއްގެ މަތީގައި ވުމުގެ ސަބަބުން ރޯދަ ދޫވި މީހާއެވެ. ބަލީގެ ސަބަބުން ރޯދަ ގެއްލޭ މީހުން ބެހެނީ 2 ބަޔަކަށެވެ. އެއީ 1- ދާއިމީ ބައްޔެއްގެ ސަބަބުން ރޯދަ ނުހިފޭ މީހާ. މި މީހާ އަކީ ބަލީގެ ސަބަބުން ރޯދަ ނުހިފޭ އަދި ރޯދަ ގަޟާވެސް ނުކުރެވޭ މީހާއެވެ. މިސާލަކަށް މުސްކުޅި ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހާއެވެ. އެމީހާ ގެއްލުނު ރޯދަ ހިފާކަށް ނުޖެހޭނެއެވެ. ފިދުޔަ ދިނީމަ ނިމުނީއެވެ. އޭގެ ދަލީލަކީ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ- البقرة: 184 (އަދި ދަތި އުނދަގުލާއެކު އެކަމަށް ކުޅަދާނަކަން ލިބޭ މީހުންގެ މައްޗަށް އޮތީ ރޯދަ ދޫކޮށްލުމާއެކު ފިދްޔަ ދިނުމެވެ. އެއީ މިސްކީނަކަށް ކާންދޭ މިންވަރެވެ.) މިސްކީނަކަށް ކާން ދިނުމުގެ މިންވަރު: ކޮއްމެ މިސްކީނަކަށް ޞާ އެއްގެ ދެބައިކުޅައި އެއްބައިގެ މިންވަރެވެ/ އެއީ ކިލޯއިން ނަމަ 1.5 ކިލޯގްރާމް. މިސްކީނަކަށް ކާންދޭން އޮންނައިރު، ކާބޯތަކެތި މިސާލަކަށް ހަނޑޫ ގަނެފައި ދިނަސް ރަނގަޅުވާނެއެވެ. ނުވަތަ ކައްކާފައި ކާންދިނަސް ރަނގަޅުވާނެއެވެ. މިސާލަކަށް ހަނޑުލުން ބަލާނަމަ އެއް ރޯދަޔަށް 1.5 ކިލޯ ހަނޑޫ ދެ ރޯދަޔަށް ވާނީ 2*1.5 = 3 ކިލޯ ހަނޑޫ 30 ރޯދަޔަށް ވާނީ 30* 1.5 = 45 ކިލޯ ހަނޑޫ 30 ރޯދަ އަށް ފިދްޔަ ދޭނަމަ 50 ކިލޯގެ ހަނޑޫ ބަސްތާއަކުން 5 ކިލޯ ނަގާފައި ދިނުމުން ފިދްޔަ ދެވުނީއެވެ. ނުވަތަ އެ 5 ކިލޯ ނުނަގައި ދިނަސް، އާދެ ހަނޑޫ ބަސްތާއެއް އެއްކޮށް ދިނަސް އެންމެ ރަނގަޅުވާނެއެވެ. އެއްމިސްކީނަކަށް 30 ރޯދައިގެ މިންވަރު ދިނުންވެސް ހުއްދައެވެ. އަދި 30 މިސްކީނުންނަށް ކޮންމެ މީހަކަށް 1 ރޯދައިގެ މިންވަރު ދިނުންވެސް ހުއްދައެވެ. އަދި މިނޫންވެސް ޢަދަދަކަށް ދިނުންވެސް ހުއްދައެވެ. ފިދްޔަ ދޭނީ ކޮން އިރަކު؟ ރަމަޟާންމަހުގެ ތެރޭގައި ކޮންމެ ދުވަހެއް ނިމުމުން އެދުވަހެއްގެ ރޯދައިގެ ފިދްޔަ ދިނަސް ރަނގަޅުވާނެއެވެ. އަދި ރަމަޟާން މަސް ނިމުމުން ނުހިފުނު ހުރިހާ ރޯދަޔަކަށް އެއްކޮށް ދިނަސް ރަނގަޅުވާނެއެވެ. 2- ވަގުތީ ބަލީގެ ސަބަބުން ރޯދަ ނުހިފޭ މީހުން އަދި ދަތުރު ވެރިން. މިފަދަ މީހުން ކަންތައްކުރަން ޖެހޭނެ ގޮތަކީ ބަލި ރަނގަޅުވީމަ އެ ރޯދަތައް ހިފާނީއެވެ. އޭގެ ދަލީލަކީ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ – البقرة 184 – “ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (ރަމަޟާންމަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުށްޓެވެ.” މިސާލަކަށް އޮޕެރޭޝަނެއް ކުރަން ޖެހިގެން، މާބަނޑުވުމުގެ ސަބަބުން، ވިހެއުމުގެ ސަބަބުން ނުވަތަ ބުއްދޭން ޖެހުމުގެ ސަބަބުން ރޯދަ ދޫކޮށްލާ މީހާ، މި ފަދަ މީހުން ޖެހޭނީ އެ ބަލި ރަނގަޅު ވީމާ ރޯދަ ގަޟާ ކުރާށެވެ. ފިދުޔަ ދޭކަށް ނުޖެހޭނެއެވެ. މުހިއްމު ނުކުތާއެއް: ވަގުތީ ބަލި މީހާ ރޯދަ ގަޟާ ކޮށްފައި ދެން ފިދުޔަ ދޭކަށް ނުޖެހޭނެއެވެ. އޭނާ ރޯދަ ޤަޟާކުރީމާ ނިމުނީއެވެ. އަދި ދާއިމީ ބަލީގެ މީހުން ފިދުޔަ ދީފައި އަދި ރޯދަ ގަޟާ ކުރާކަށްވެސް ނުޖެހޭނެއެވެ. ދާއިމީ ބަލިމީހުން ފިދުޔަ ދިނީމާ ނިމުނީއެވެ. އެކަމަކު ޢުޒުރެއް ނެތި، ފަރުވާކުޑަ ވުމުގެ ސަބަބުން އަނެއް ރޯދަމަސް އަންނަ އިރުވެސް ރޯދަ ނުހިފާ ފަސް ކުރާ މީހުން، ރޯދަ ހިފައި ނިންމާފައި ފިދްޔަ ދިނުން މުސްތަޙައްބު ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ. މަރްޖިޢު المجموع (6/366) ، المغني (4/400) . الموسوعة الفقهية (5/117) الشرح الممتع (6/451) .
އައްޝައިޚު މުޙައްމަދު ޝާފިޢު