އެ މީހުންގެ ހުނަރު: "ފޮޓޯ ނަގަނީ އެ ދާއިރާއިން ކިޔަވައިގެންނެން ނޫން" - މާޖީ

ފާތުމަތު ޝާއިރާ

އެމީހުންގެ ހުނަރުގެ ފުރަތަމަ ބައިގައި ލިޔަން ފަށަން ފުރަތަމަ ވެސް ކާކުގެ ވާހަކައެއްތޯ ލިޔަން ވިސްނާލުމާ އެކު ހިތަށް އެރި ލިސްޓުގެ އެއްވަނައިގައި އޮތީ ހއ. އިހަވަންދޫ ޗާންދަނީވިލާ ހަސަން މާޖިދު (މާޖީ) އެވެ. ސަބަބެއް ނެތި އެއްނޫނެވެ.

ފަހަކަށް އައިސް އިޖުތިމާއީ އެކިކަންކަމުގައި ހިންގޭ ހަރަކާތްތަކުގައި ޒުވާންފުރައިގެ ކުދިން އިސްނަގައިގެން އުޅޭތަން ފެންނަނީ ވަރަށް މަދުންކަން ހިތާމަަޔާއެކު ފާހަގަ ކުރަމެވެ. ކުރާނެކަމެއް ނެތި ރަށްފުށުގައި އުޅޭ ޒުވާނުން ދެ އަތް އުރަލައިގެން ތިބޭ ތިބުމަކީ ވެސް ދެރަވަރު ކަމެކެވެ. އުމުރުން އެންމެ 20 އަހަރުގެ މާޖީހެން އުޅޭނަމަ ކިހާ ރަނގަޅު ވާނޭ ވަރަށް ހިތަށް އަރައެވެ. ހުނަރުވެރި އެ ޒުވާނާގެ ވާހަކަ ފަށަން ހިނގާށެވެ.

ދިރިއުޅުމުގައި މަޑުމައިތިރި އެންމެނާ ގުޅޭ ހިތްހެޔޮ ޒުވާނެކެވެ. އެހެން މީހުނަށް އިހުތިރާމާއެކު މުހާތަބުކުރާ ހިނިތުންވުމާއެކު އެންމެންނާ ބައްދަލުކުރާ މިތުރެކެވެ. ސުކޫލު ދައުރުންސުރެ ހިންގޭ އެކިއެކި ހަރާކާތްތަކުން ފެންނަ ހުނަރުވެރިއެކެވެ. ލަވަ ކިޔުމާއި ބެރުޖެހުން އަދި ފުޓުބޯޅައިގައި ވެސް މެދުއުޑުގައި ފިޔަޖަހާ ތަރިއެކެވެ. އިޖުތިމާއީ ކަންކަމުގައި އިސްނަގައިގެން އިމަގު ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރެއްގޮތުގައި މާޖީ، ރަށުގެ އިޖުތިމާއީ ކަންކަން ކުރިއަރުވާ ރާވާ ހިންގުމުގައި ބާއިވެރިވެ ނަމޫނާ ޒުވާނެއްގެ ގޮތުގައި ކުރިއަށްދާކަމީ ފަހުރުވެރިކަމާއެކު އުފާކުރުން ހައްގުކަމެކެވެ.

“އެ މީހުންގެ ހުނަރު” ބައިގައި މާޖީއާ ސުވާލުކޮއްލަން ގަސްތުކުރަނީ މާޖީއަށް ލިބިފައިވާ ފޮޓޯ ނެގުމުގެ ހުނަރާ ބެހޭގޮތުންނެވެ.  މަޖީގެ ބޭބެ ހަދިޔާއަކަަށް ދިން ކެމެރާގެ ބޭނުން ހިފައި އެތައް ބަޔަކު މާޖީ ޝޯޚު ކޮއްލައިފިއެވެ. ފޮޓޯ ނަގަން ފެށީ އެ ދާއިރާއިން ކިޔަވައިގެން ނޫންކަމަށް ބުނުމުން ހަމަ ހަގީގަތުގައި ވެސް ގަބޫލުކުރަން ދަތި ވާނެއެވެ. މިކަން ތިބޭފުޅުން ވެސް ފޭސްބުކަށް ވަދެ “މާޖިފޮޓޯ ގުރަފީ” ޕޭޖުބަލައިލުމުން ގަބޫލުކުރާނެކަން ޔަގީނެވެ. ފޮޓޯ ނެގުމާބެހޭ ގޮތުން މާޖީއާ ދެ ތިން ސުވާލެއް ކޮއްލީމެވެ.

ފޮެޓޯ ނަގަން ޝައުގު އުފެދުނީ ކިހިނެއް؟

“އޭ.އެސް.ޕީ މާހިިރު (މަހިރުބެ)އާއެކު ސްޓޫޑިއޯގައި މަސައްކަތުގައި އުޅުނުއިރު ޝައުގު އުފެދުނީ”

ފޮޓޯއެއް ނަގާއިރު ވިސްނަނީ ކޮން ކަންކަމަކަށް؟

“ނަގާ ކޮންމެ ފޮޓޮއެއްވެސް ފޯކަސްކުރުން އެއީ އެންމެ ސަމާލުކަން ދޭކަމަކީ، ދެން ފޮޓޯ ނަގާއިރު ލޮކޭޝަން ތަކުރާރު ނުކޮށް ނެގޭތޯ ބޮޑަށް ބަލަނީ ތަފާތުކޮއްލަން”

ފޮޓޯނެގުމުގެ އިތުރުން މާޖީ ކުރަން ބޭނުން ވަނީ ކޮން ކަންކަމެއް؟

“ސުޓޫޑިއޯއެއްގައި ކުރާނެ ހުރިހާކަމެއް ވަރަށް ކުރާ ހިއްވޭ”

އިހަވަންދޫ ކައުންސިލްގެ ރައީސް މާޖިދު ސިފަކުރައްވާ ގޮތާ އަޅުގަނޑުވެސް އެއްބަހެވެ. އިހަވަންދޫޑޮޓްކޮމްގެ ޓީމުން އެދެނީ މާޖީއަށް އުފާ ފާގަތި މުސްތަގުބަލެކެވެ.