ގެލެކްސީ އެސް8 ޓެބްލެޓްގެ މަޢުލޫމާތު ލީކްވެއްޖެ

މުޙައްމަދު އިމްރާން

ސަމްސަންގް ގެ ގެލެކުސީ ޢާއިލާގެ ޑިވައިސްތައް މި ފަހަކައައިސް އުފަންވަނީ (ނެރެނީ) އެއްމާބަނޑު ތިން މެމްބަރުންގެ މައްޗަށެވެ. މި ބީދައިން ގެލެކްސީ އެސް8 ގެ ޓެބްލެޓްވެސް ނިކުންނާނެކަމަށް ބެލެވެނީ، އެއްމާބަނޑު ތިން މެމްބަރުންގެ މައްޗަށެވެ. މިއީ، އަދި ސަމްސަންގް އިން ރަސްމީކޮށް ހާމަކޮށްގެން އުޅޭ މަޢުލޫމާތެއް ނޫނެވެ. ޓެކް ޚަބަރުތައް ގެނެސްދޭ އެކިއެކި މަސްދަރުތަކުން އިތުބާރު ހުރިގޮތެއްގައި ޔަޤީންކަމާއެކުގައި ގެނެސްފައިވާ މަޢުލޫމާތެވެ.

މިހާރު ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ގެލެކްސީ އެސް8 ގެ މި ޓެބުލެޓްތަކުގައި ހިމެނޭނީ “ވެނީލާ ގެލެކްސީ ޓެބް އެސް 8″، “ގެލެކްސީ ޓެބް އެސް8 ޕްލަސް” އަދި ތިޔަ ހީކުރިގޮތަށް، “ގެލެކްސީ ޓެބް އެސް8 އަލްޓްރާ” އެވެ. މި ތިން އާލާތުގެވެސް، ސިފަތަކާއި، އަޅުވާފައިވާ ބާރުގަދަ އިންޖީނުތަކުގެ މަޢުލޫމާތު ލީކުކޮށްލާފައިވަނީ، ވަރަށް ޔަޤީންކަމާއެކުގައެވެ.

ލީކުކޮށްލާފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ވެނީލާ ގެލެކްސީ ޓެބް އެސް 8 ގައި 11 އިންޗީގެ އެލްސީޑީ ސްކްރީން އެއް ހިމެނޭނެއެވެ. ފަހަތުގައި 13 މެގަ ޕިކްސެލް އާއި 5 މެގަ ޕިކްސެލްގެ ދެ ކެމެރާ އިންނާނެއެވެ. ޓެބްގެ ކުރިމަތީގައި 8 މެގަ ޕިކްސެލްގެ ކެމެރާއެއް އިންނާނެއެވެ. ވަރުގަދައަށް ޓެބްލެޓް ހިންގާލުމަށްޓަކައި، 8 ޖީބީ ގެ ރެމް އަކާއެކުގައި 128 ޖީބީ އާއި 256 ޖީބީ ގެ މިންގަނޑުގައި ރައްކާކުރާނެ ޖާގަ ކަނޑައަޅާފައިވެއެވެ. މި ޓެބްލެޓަށް އެސް ޕެން ސަޕޯޓް ކުރާއިރު، 8000 މިލިއެމްޕެޔަރުގެ ބެޓެރިން ބާރުދީފައި ވެއެވެ.

ގެލެކްސީ ޓެބް އެސް 8 ޕްލަސް ގައި 12.4 އިންޗީގެ އޯލެޑް ސްކްރީން އެއް ހިމެނޭނެއެވެ. މިއީ، މިހާރުގެ ޓެބްލެޓްތަކާ ބަލާއިރު ނިސްބަތުން ބޮޑު ސްކުރީންނެކެވެ. އެކަމަކު ހެޔޮވަރު މިނެއްގެ ސްކްރީނެއްކަން ފާހަގަ ކޮށްލެވެއެވެ. އަދި ސްކްރީންގެ ތެރެއަށް ފިންގަރ ޕްރިންޓް އިންދާފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސް ދެއެވެ. ފަހަތުގައި 13 މެގަ ޕިކްސެލް އާއި 5 މެގަ ޕިކްސެލްގެ ދެ ކެމެރާ އިންނާނެއެވެ. ޓެބްގެ ކުރިމަތީގައި 8 މެގަ ޕިކްސެލްގެ ކެމެރާއެއް އިންނާނެއެވެ. ވަރުގަދައަށް ޓެބްލެޓް ހިންގާލުމަށްޓަކައި، 8 ޖީބީ ގެ ރެމް އާއި 12 ޖީބީ ގެ ރެމްއާ ދެމެދުގެ މިންވަރަކާއެކުގައި، 128 ޖީބީ އާއި 256 ޖީބީ ގެ މިންގަނޑުގައި ރައްކާކުރާނެ ޖާގަ ކަނޑައަޅާފައިވެއެވެ. މި ޓެބްލެޓަށް އެސް ޕެން ސަޕޯޓް ކުރާއިރު، 10090 މިލިއެމްޕެޔަރުގެ ބެޓެރިން ބާރުދީފައި ވެއެވެ.

ގެލެކްސީ ޓެބް އެސް 8 އަލްޓްރާ ވެގެންދާނީ މި ތިންބެއިންގެ ތެރެއިން އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އާލާތަށެވެ. މި ޓެބްލެޓްގައި ހިމެނޭނީ 14.6 އިންޗީގެ އޯލެޑް ސްކްރީން އެކެވެ. އެކި ކަހަލަ ޑޮކިއުމެންޓްތައް އެޑިޓްކޮށް ކިޔާލުމަށް ފުރިހަމަ ސްކްރީނެކެވެ. މިހާރުގެ ގިނަ ލެޕްޓޮޕްތަކުގެ އާއްމު ސައިޒަށްވުރެވެސް ކުޑަތަންކޮޅެއް ބޮޑު ސްކްރީނެކެވެ. މި ޓެބްގެ ކުރިމަތީގައި 13 މެގަ ޕިކްސެލް އާއި 5 މެގަ ޕިކްސެލްގެ ދެ ކެމެރާ އިންނާނެއެވެ. ވަރުގަދައަށް ޓެބްލެޓް ހިންގާލުމަށްޓަކައި، 12 ޖީބީ ގެ ރެމް އަކާއެކުގައި 128 ޖީބީ އާއި 512 ޖީބީ ގެ މިންގަނޑުގައި ރައްކާކުރާނެ ޖާގަ ކަނޑައަޅާފައިވެއެވެ. މި ޓެބްލެޓަށް އެސް ޕެން ސަޕޯޓް ކުރާއިރު، 12000 މިލިއެމްޕެޔަރުގެ ބެޓެރިން ބާރުދީފައި ވެއެވެ.

މިއީ ޓެބްލެޓާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް މަޢުލޫމާތެއް ނެރެ އާއްމުކޮށްފައި ނުވިނަމަވެސް، ޓެކް ޚަބަރުތައް ގެނެސްދޭ ފާރާތްތަކުން ޓެބްލެޓްގެ އަގުތަކަށްދާންދެން ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ގެލެކްސީ ޓެބް އެސް 8، 11500 ރުފިޔާއާއި 13000 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި އުޅޭއިރު، ގެލެކްސީ ޓެބް އެސް8 ޕްލަސް ލިބެން ހުންނާނެކަމަށްވަނީ، 15500 ރުފިޔާއާއި 17500 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ. އަދި މި ސީރީޒްގެ އެންމެ ވަރުގަދަ ޓެބްލެޓް ކަމުގައިވާ ގެލެކްސީ އެސް8 އަލްޓްރާ ގެ އަގު ހުންނާނެކަމަށް ބެލެވެނީ، 20000 ރުފިޔާއިން މަތީގައި ކަމުގައެވެ.

މިއީ، ރަސްމީ ވާހަކަތަކެއްނޫނެވެ. ނަމަވެސް މިގޮތަށް ލީކުކޮށްލާ މަޢުލޫމާތުތަކަކީ، ގިނަފަހަރަށް މާކެޓުކުރުމާއި، އިސްތިހާރުކުރުމުގެ އުކުޅުތަކަކަށްވެސް ވެއެވެ. ޓެބްލެޓްތަކަށް ލޯބިކުރާ ފަރާތްތަކުން، ސަމްސަންގް ކުންފުނިން ރަސްމީބަހެއް ބުނަންދެން އިންތިޒާރުކުރާށެވެ.