ގޫގުލް އިން ފޯނެއް ފަށްޖަހާލަނީ

މުޙައްމަދު އިމްރާން

ފަށްޖަހާލެވޭ ފޯނުތައް ބާޒާރަށް ތަޢާރަފުވެ، ގަނެވޭ ފެންވަރުގެ ބޭފުޅުން ގަނެގެން އެބަގެންގުޅެއެވެ. މިކަމުގައި ޗައިނާގެ ވާވޭ ކުންފުންޏާ، ދެކުނު ކޮރެއާގެ ސަމްސަންގް ކުންފުނި އުޅެނީ އެންމެ ކުރީގައެވެ. މި ފަހަރު ގޫގުލްގެ ފަށްޖަހާލެވޭ ފޯނެކެވެ. އެމީހުންގެ ޕިކްސެލް އާއިލާގެ މެމްބަރަކަށްވެސް ވެދާނެއެވެ. އެހެންވިއްޔާއެއީ، ގޫގުލް ޕިކްސެލް ފޯލްޑް ކަމުގައިވުން ގާތެވެ.

ގޫގުލް އިން އަބަދުވެސް އެމީހުންގެ ފޯނުތައް މާކެޓަށް ނެރެނީ، މޮބައިލް ފޯނު އުފައްދާ ކޮންމެވެސް ކުންފުންޏެއްގެ ކުޑައިގެ ދަށުންނެވެ. އެޗްޓީސީ، އެލްޖީ، ފޮކްސްކޮން ފަދަ ކުންފުނި ތަކުގެ އެހީތެރިކަމާއެކުގައެވެ. މިފަހަރު ގޫގުލްއިން، ފަށްޖަހާލެވޭ ފޯނެއް ނެރުމަށްޓަކައި، މި ނިކުންނަނީ ސަމްސަންގް ކުންފުނީގެ އެހީތެރިކަމާއެކުގައެވެ. ހާއްސަކޮށް، ފަށްޖަހާލެވޭ، ސްކްރީނާއި، ސްކްރީނުގެ ބިއްލޫރި ފަރުމާކޮށް ފޯރުކޮށްދޭނީ ސަމްސަންގް ކުންފުނިންނެވެ.

ފަށްޖަހާލެވޭ ފޯނުތައް އުފެއްދުމުގެ މައިދާނަށް ގޫގުލްއިން ނުކުތުމަކީ، ފަށްޖަހާލެވޭ ފޯނުތަކަށް ލޯބިކުރާ ފަރާތްތަކާއި، އެކިއެކި އެޕްލިކޭޝަންތައް އުފައްދާ ފަރާތްތަކުގެ އިންތިޒާރަށް ނިމުމެކެވެ. ސަބަބަކީ، ފަށްޖަހާލެވޭ ފޯނުތައް އުފައްދާ ފައްކާކުރަމުން ދިޔައިރު، ގޫގުލްއިން އެމީހުންގެ އެންޑްރޮއިޑްގެ ފޭރާން ފަށްޖަހާލެވޭ ފޯނުތަކަށް އެންމެ ފުރިހަމައަށް ފައްކާކޮށްފައިވާ ނުވާކަމެވެ. ކޮންމެއަކަސް، ފަށްޖަހާލެވޭ ފޯނެއް ގޫގުލްއިން ތައްޔާރުކޮށް ނެރޭނަމަ، މިކަން ބަދަލުވެ، އެންޑްރޮއިޑްވެސް، ފަށްޖަހާލެވޭ ފޯނަށް އެންމެ ފުރިހަމައަށް ހެޔޮވަރުކުރެވި، ފައްކާކުރެވިގެންދާނެއެވެ. އަދި ހަމަ އެހެންމެ، މި ވާދަވެރިކަން އިތުރުވެ ގިނަ ކުންފުނިތަކުން، މި މައިދާނަށް ނިކުންނަވަރަކަށް، ފަށްޖަހާލެވޭ ފޯނުތަކުގެ އަގުވެސް ހެޔޮވެގެން ދާނެކަމީ ޔަޤީންކަމެކެވެ.